ސަރުކާރުން އެކުލަވާލީ އޮއްޓަރެއް ހުރި ޕެކޭޖެއް ނޫން: ސައީދު

ރާއްޖޭގެ އިގްތިސާދަށާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި ކަމަށް ބުނެ ސަރުކާރުން އެކުލަވާލީ އޮއްޓަރެއް ހުރި ޕެކޭޖެއް ނޫން ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ދެ ބިލިއަން ރުފިޔާގެ އިކޮނޮމިކް ޕެކޭޖްގެ އެއްވެސް ތަފްސީލެއް ސަރުކާރުން ހާމަނުކުރާ ކަމަށެވެ. އެ ފައިސާ ހޯދާނެ ގޮތަކާ އަދި ބޭންކް އޮފް މޯލްޑިވްސްގައި ހުރި ފައިސާގެ އަދަދަކީ ކޮބައިކަންވެސް ސާފުކޮށްދީފައިނުވާ ކަމަށް ސައީދު ވިދާޅުވިއެވެ."ޕެކޭޖްގެ ވާހަކަ ސަރުކާރުން ދައްކަދައްކާ ތިއްބާ 11،000 މުވައްޒިފުން ގެއަށް ފޮނުވާލައިފި، ބަލަންވީ އެ މުވައްޒިފުންނަށް ފައިސާ ދެވޭނެ ގޮތެއް ހޯދުން. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އިގްތިސާދަށާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި ކަމަށް ބުނެ ސަރުކާރުން އެކުލަވާލީ އޮއްޓަރެއް ހުރި ޕެކޭޖެއް ނޫން." ސައީދު ވިދާޅުވިއެވެ.
އިކޮނޮމިކް ރިލީފް ޕެކޭޖްގެ ދަށުން ވާކިން ކެޕިޓަލް އަދި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ލޯން ދޫކުރުމާއި، ދެ މަސްދުވަހަށް ފެން އަދި ކަރަންޓް ބިލުން ބައެއް ސަރުކާރުން ދައްކައިދިނުމާއި، ބޭންކް އޮފް މޯލްޑިވްސް އަދި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ނަގާފައިހުރި ދަރަނީގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް ޕޭމަންޓްތައް ހަ މަސްދުވަހަށް ފަސްކޮށްދިނުން ހިމެނެއެވެ.
މީގެ އިތުރުން އެމްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން މިހާތަނަށް ދޫކޮށްފައިހުރި ލޯނުތަކުގެ ދަރަނީގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް ޕޭމަންޓްތައް މާޗް 2020 އިން ފެށިގެން ހަ މަސްދުވަހުގެ މުއްދަތަށް ލަސްކޮށް ދިނުމުގެ އިތުރުން މި މުއްދަތުގެ ތެރޭގައި ހުރިހާ ލޯންތަކުގެ އިންޓަރެސްޓް ރޭޓް ހަތަރު އިންސައްތައަށް ކުޑަކޮށްދިނުމާއި، ނޭޝަނަލް ސްޓޫޑަންޓް ލޯން ސްކީމުގެ ދަށުން ދޫކޮށްފައިވާ ލޯންތައް އަނބުރާ ދެއްކުން ހަ މަހަށް ފަސް ކުރުމުގެ އިތުރުން ކޮވިޑް19 އާ ގުޅިގެން ވަޒީފާ ގެއްލޭ ފަރާތްތަކަށް ސަރުކާރުން އެލަވަންސްއެއް ދިނުމަށް ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ