ކޮވިޑް-19 ހަލުވިވަނީ، ކަންބޮޑުވުމާއި ހާސްކަން އިތުރުވަނީ

ކޮވިޑް-19 ކޮންޓްރޯލް ކުރަން ގައުމުތައް ފުރަބަންދު (ލޮކްޑައުން) ކުރި ނަމަވެސް މަރުވާ މީހުންގެ އަދަދާއި، ބަލި ޖެހޭ މީހުންގެ އަދަދު މަދުނުވެ، ކަންބޮޑުވުމާއި ހާސްކަން އިތުރުވަމުން އެބަދެއެވެ.
ކޮވިޑް-19 ޖެހިގެން ހުކުރު ދުވަހު 3272 މީހުން މަރުވިއިރު ހޮނިހިރު ދުވަހު މިހާތަނަށް، 2957 މީހުން މަރުވެއްޖެއެވެ. ހޮނިހިރު ދުވަހު ހުރިހާ ގައުމަކުން މަރުވި މީހުންގެ ތަފްސީލް އަދަދުތައް އަދި ނުލިބެއެވެ. ނަމަވެސް މިހާތަނަށް ގިނަ ގައުމުތަކުން ލިބިފައިވާ މައުލޫމާތައް ބަލާއިރު އިއްޔެ މަރުވި މީހުންނަށް ވުރެ މިއަދު މަރުވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ. 30299 މީހުން މިހާރު ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. މިއަދު 61 ގައުމަކުން މީހުން މަރުވެފައި ވެއެވެ. މިއަދަކީ އެންމެ ގިނަ ގައުމުން މީހުން މަރުވި ދުވަހެވެ. އިއްޔެ މީހުން މަރުވެފައި ވަނީ 60 ގައުމަކުންނެވެ.
ފައްސި (ޕޮޒިޓިވް) ވެފައިވާ މީހުންގެ އަދަދަށް ބަލާއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 54600 އަށް ވުރެ ގިނަ މީހުން ވަނީ ފައްސިވެފައެވެ. ހުކުރު ދުވަހު 64501 މީހަކު ފައްސިވިއެވެ. މިއަދު އަދި ބައެއް ގައުމުތަކުން ފައްސިވި މީހުންގެ އަދަދުތައް ނުލިބޭތީ، މިއަދު ފައްސިވި މީހުންގެ އަދަދު ވެސް އިތުރު ވެގެންދާނެ ކަން ކަށަވަރު ކުރެވެއެވެ. ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ މިހާރު ވަނީ 650926 އަށް އަރާފައެވެ.
މިއަދު މިހާތަނަށް ލިބިފައިވާ މައުލޫމާތައް ބަލާއިރު އެންމެ ގިނަ މީހުންނަށް މިއަދު ވެސް ބަލި ޖެހިފައި ވަނީ އެމެރިކާ އިންނެވެ. އެމެރިކާ 12322 މީހަކު ވަނީ މިއަދު އެކަނިވެސް ފައްސިވެފައެވެ. މިއަދު އެމެރިކާ އިން 247 މީހުން ވަނީ މަރުވެފައެވެ. އެމެރިކާގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުން އަންނަކަން މިއަދު ވަނީ ފާހަގަ ކުރެވިފައެވެ. އެމެރިކާ އިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު 116448 އަށް އަރައެވެ.
އެންމެ ބޮޑަށް ހާލަތު ގޯސްވެފައިވާ އިޓަލީވިލާތުން މިއަދު މަރުވި މީހުންގެ އަދަދު އިއްޔެ މަރުވި މީހުންނަށް ވުރެ ކުޑަތަންކޮޅެއް މަދެވެ. އިއްޔެ 919 މީހަކު އެގައުމުން މަރުވިއިރު މިއަދު މަރުވެފައި ވަނީ 889 މީހުންނެވެ.
އެންމެ ބޮޑަށް ހާލަތު ގޯސް އެއް ގައުމު ކަމަށްވާ ސްޕޭނުން މިއަދުވެސް 674 މީހަކު މަރުވިއެވެ. އެގައުމުން އިއްޔެ 773 މީހުން މަރުވިއެވެ. ފްރާންސުން މަރުވި މީހުންގެ އަދަދު ފާއިތުވި ބުރާސްފަތި ދުވަހަށް ވުރެ ހުކުރު ދުވަހު މަދުވި ނަމަވެސް މިއަދު އަނެއްކާވެސް ވަނީ މަރުވި މީހުންގެ އަދަދު އިތުރުވެފައެވެ. ބުރާސްފަތި ދުވަހު ފްރާންސުން 365 މީހުން މަރުވިއެވެ. ހުކުރު ދުވަހު މަރުވީ 299 މީހުންނެވެ. މިއަދު 319 މީހުން މަރުވެފައި ވެއެވެ.
މިހާރު އެމެރިކާ ފިޔަވައި އެންމެ ބޮޑަށް ހާލަތު ގޯސްވަމުންދާ އަނެއް ގައުމަކީ އިނގިރޭސިވިލާތެވެ. އިނގިރޭސިވިލާތުން އިއްޔެ 181 މީހަކު މަރުވިއިރު މަރުވި މީހުންގެ އަދަދު އިތުރުވެ މިއަދު 260 މީހަކު މަރުވެފައި ވެއެވެ.
ސްޕޭނާއި އިޓަލީވިލާތުން މަރުވާ މީހުންގެ އަދަދު މަދުވި ނަމަވެސް އެ ދެ ގައުމުގެ ހާލަތު ކޮންޓްރޯލް ވާން ފެށީކަން އަދި ބުނަން ނޭނގޭ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
މިއަދު ރާއްޖެ އިން ލިބުނު ޚަބަރުތަކަށް ބަލާއިރު ކޮވިޑް-19 ޖެހިގެން ރާއްޖެ އިން ފަރުވާ ދެމުން ގެންދިޔަ އިތުރު ދެމީހަކު މިއަދުވެސް ރަނގަޅު ވެފައި ވެއެވެ.
ބައެއް ރިސޯޓްތަކުން ނަގާފައިވާ ސާމްޕަލްތައް ނައްސި (ނެގެޓިވް) ވެފައިވާ ޚަބަރު ވެސް މިއަދު ލިބުނެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބާޒާރުގައި ބައެއް ތަކެތީގެ އަގު މިހާރު ވަނީ އުފުލެން ފަށާފައެވެ.
ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ