މެޑަމް ފާތުން އައްޑޫ ސިޓީ ހިތަދޫ ރައްޔިތުންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް އައްޑޫ ސިޓީ ހިތަދޫ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.
"އެންމެ ގާތުން" ކެމްޕެއިންގައި އެކަމަނާ އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ 4 ދުވަހުގެ ދަތުރުފުޅުގައި ހިތަދޫ ރައްޔިތުންނާ ބައްދަލުކުރައްވާފައިވަނީ މިއަދުއެވެ.
މިއަދު ހެނދުނު ހިތަދޫއަށް ވަޑައިގެން އެރަށުގައި ދިރިއުޅުއްވާ އިސްރަށްވެހިންނާ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން އަންހެނުންގެ ޖަމިއްޔާތަކާއެކު ވަކި ވަކި ބައްދަލުވުންތައް މެޑަމް ފާތުންނާ ޓީމުން ވަނީ ބާއްވަވާފައެވެ. މީގެ އިތުރުން ޕީޕީއެމްގެ ސަޕޯޓަރުންނާވެސް އެކަމަނާ ބައްދަލުކުރައްވާފައިވެއެވެ.
މިއަދު ހިތަދޫއަށް ވަޑައިގެން އެރަށުގައި ކުރިއަށްދިޔަ "ޓުވާރޑްސް ފިއުޗަރ" ފުޓުބޯޅަ މެޗު ބައްލަވާލެއްވުމަށް މެޑަމް ފާތުން ވަޑައިގެންފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
އައްޑޫ ސިޓީއަށް އެކަމަނާ ކުރައްވާ މިދަތުރުފުޅަށް ރައްޔިތުންގެ ބޮޑު ތަރުޙީބެއް ލިބެމުން އަންނައިރު، މިރޭ އެކަމަނާ ބައިވެރިވެވަޑައިގަންނަވާ ޙާއްސަ ޖަލްސާއެއް ހިތަދޫގައި އޮންނާނެއެވެ. "އަފިރިންނަސް ތައްޔާރު" ގެ ނަމުގައި ބާއްވާ މިޖަލްސާގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދާ، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފުގެ އިތުރުން ބައެއް މަޖިލިސް މެމްބަރުންނާ ސަރުކާރު ކުންފުނިތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
"އެންމެ ގާތުން" ކެމްޕެއިނަކީ އަތޮޅު ތެރޭގައި ދިރިއުޅުއްވާ ރައްޔިތުންގެ ޙާލު ބައްލަވާ އެރައްޔިތުންގެ ކަންބޮޑުވުންތައް އެއްސެވުމުގެ މަޤްޞަދުގައި މެޑަމް ފާތުން ކުރިއަށް ގެންދަވާ ހާއްސަ ކެމްޕެއިނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ