މަރުތަކުގެ ތަހުގީގު ކުރިއަށް ގެންދެވެން ނެތް ކަމަށް ބުނުމުން ރައްޔިތުން ގަބޫލެއް ނުކުރާނެ: ގައްސާން

ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަަލަތައް ތަހުގީގު ކުރުމަށް ރައިީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަންގެ ތަހުގީގުތައް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނުމަކީ ރައްޔިތުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަރުކަށި ފިކުރާ ގުޅޭ ސުވާލެއް މެންބަރު ކުރެއްވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޑްރާފްޓް ރިޕޯޓް އާންމުވުމުން މަރުތައް ތަހުގީގުކުރާ ކޮމިޝަންގެ ތަހުގީގުތައް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ޣައްސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި ސަރުކާރުން ވައުދުވީ މަރުތަކުގެ ހަގީގަތް ހޯދައި، އެ އާއިލާތަކާ، މުޖުތަމައަށް ހަމަޖެހުން ގެނައުމަށް ކަމަށެވެ. އެގޮތުން މަރު ކޮމިޝަނަށް ގާނޫނީ ހައިސިއްޔަތު ދީ، ހަރަދުކޮށް، މިއަދު އެމައްސަލަތައް ތަހުގީގު ނުކުރެވޭނެ ކަމަށް ބުނުމަކީ ރައްޔިތުން ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"ސިލެކްޓިވް ޖަސްޓިސްގެ ތެރެއިން އިންސާފުގެ ދަތުރު ނިންމާލީބާ؟" ޣައްސާން ސުވާލު ކުރައްވާފައި ވެއެވެ.
ރައީސް ނަޝީދު ވިދާޅުވީ، މަރު ކޮމިޝަނުން އެކުލަވައިލި ރިޕޯޓްގެ ޑްރާފްޓް މަޖިލީިހަށް ލިބުނުއިރު ހުރި މިންވަރަށް ދައުވާ ނުކުރެވުނީ ކީއްވެތޯ، މަޖިލީހުން އަބަދުވެސް ފާހަގަ ކުރަމުން އަންނަ ކަމަށެވެ.
މަރު ކޮމިޝަނުން ބަލަމުން އައި މައްސަލަތަކުގެ ތެރެއިން ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ގޮތާ ބެހޭ ޑްރާފްޓް ރިޕޯޓަކާއި ނޫސްވެރިޔާ އަހުމަދު ރިލުވާން އަބްދުﷲ ގެއްލުވައިލި ޖަރީމާއާ ގުޅޭ ރިޕޯޓެއް މަޖިލީހަށް ފޮނުވިއެވެ. ކޮމިޝަނުން އަމިއްލައަށް ވެސް އޭގެ ބައެއް މައުލޫމާތު އާއްމުކުރި ނަމަވެސް މުޅި ރިޕޯޓް އާއްމުކުރީ މަޖިލީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ