ބަންގްލަދޭޝްގެ އިތުރު 195 މީހަކު ގައުމަށް ފޮނުވާލައިފި

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބަންގްލަދޭޝްގެ އިތުރު 195 މީހަކު މިއަދު އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް އެމީހުން ފޮނުވާލާފައި ވަނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ބޯޓެއްގައެވެ. އިއްޔެވެސް މޯލްޑިވިއަންގެ ފްލައިޓެއްގައި 198 ބަންގްލަދޭޝް މީހުން ގައުމަށް ފޮނުވާލާފައިވެއެވެ.
ސައްހަ ލިޔެކިޔުން ނެތް ބަންގްލަދޭޝް މީހުން އެ ގައުމަށް އަނބުރާ ފޮނުވަން ފެށީ މިދިޔަ މަހުގެ 21 ގައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. މި މަސައްކަތުގައި އިކޮނޮމިކް މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައި ކޮމިޝަން އަދި ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތެއް ކުރަމުންނެވެ.
އެގޮތުން މިހާތަނަށް 1200 އަށްވުރެ ގިނަ މީހުން ފޮނުވާލާފައިވާއިރު އެމީހުން ގެންގޮސްފައިވަނީ މޯލްޑިވިއަން އާއި ބަންގްލަދޭޝްގެ ގައުމީ އެއާލައިން، ބީމަން އެއާލައިން އަދި އެގައުމުގެ އަސްކަރީ މަތިންދާބޯޓުތަކުގައެވެ.
ރާއްޖޭގައި މަސައްކަތްކުރާ 1،500 ބަންގްލަދޭޝް މީހުން އެ ގައުމަށް އަނބުރާ ފޮނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ވިދާޅުވެފައިވެއެވެ. އަދި އޭގެ ފަހުން ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވެސް ވިދާޅުވީ، ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި 5000 އެއްހާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލެވޭނެ ކަމަށެވެ.
ސައްހަ ލިޔެކިިޔުމެއް ނެތް 60،000 އެއްހާ ބިދޭސީން ރާއްޖޭގައި އުޅޭ އިރު، އޭގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ