ވޯލްޑް ކަޕް މެޗުތަކުގެ ޓިކެޓްގެ އަގު އެހުރީ ފުޓްބޯޅައިގެ އަސްލު މަގުސަދާ ބީރައްޓެހިކޮށް

ނިޔޯން، ސްވިޒަލެންޑް (މެއި 24) - އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި އަންނަ މަހު ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗުތަކުގެ ޓިކެޓްގެ އަގުތައް ހުރީ ފުޓްބޯޅައިގެ އަސްލު މަގުސަދު ހާސިލްކުރަން ބަލާއިރު ބީރައްޓެހި ގޮތަކަށް ކަމަށް ޔުއެފާގެ ރައީސް، ސްލޮވީނިއާގެ އަލެކްސަންޑަ ޗެފެރިން ވިދާޅުވެއްޖެ އެވެ. 
އެމެރިކާގެ އެކި ކުޅިވަރުތަކުގައި މެޗު ޓިކެޓް ވިއްކާ މޮޑެލަށް މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގެ މެޗުތަކުގެ ޓިކެޓް ވިއްކަން ނިންމި ހިސާބުން ގިނަ ބަޔެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވާން ފަށައިފަ އެވެ. އެ ގޮތުން، އެންމެ އާދައިގެ މެޗެއްގެ ޓިކެޓަށް ވެސް 800 ޑޮލަރުން ފެށިގެން މަތި ހަރަދުކުރަން ޖެހޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކިއެކި ހަރަދު ކުޑަ ކޯޓާތަކުގެ ތެރެއިން، ފީފާއިން މަދު އަދަދެއްގެ ޓިކެޓްތަކެއް، ނިސްބަތުން މަދު ސަޕޯޓަރުންތަކަކަށް ލިބޭ އުސޫލެއް އިއުލާނުކުރި ނަމަވެސް، މި ފަހަރުގެ ވޯލްޑް ކަޕްގެ މެޗުތަކުގައި ގިނަ އަދަދެއްގެ ހުސް ސީޓުތަކެއް މެޗުތަކުގައި ފެނުމުގެ ފުރުސަތު ބޮޑެވެ. ސަބަބަކީ، ފީފާއިން މި ފަހަރުގެ ވޯލްޑް ކަޕްގައި ޓިކެޓް ވިއްކަން ކަނޑައެޅި މެކޭނިޒަމް އޮތީ ފުޓްބޯޅައިގެ ސަޕޯޓަރުންގެ މެދުގައި އޮތް ރޫހާ ހިލާފަށް ކަމަށް ވުމެވެ. 
"ވަރަށް ގިނަ މުއްސަނދިން ޔުނައިޓެޑް ސްޓޭޓްސްގެ އެ ސްޓޭޑިއަމްތަކުގައި ތިބޭނެ. ބޮޑެތި މެޗުތަކަށް އެ ދަނޑުތައް ފުރޭނެ. އެކަމަކު، މިއީ ފުޓްބޯޅައިގެ ރޫހު އޮންނަން ޖެހޭ ގޮތްތަ؟ އަހަންނަށް ހިއެއް ނުވޭ،" އޮސްޓްރިއާގައި އެންމެ ފަހުން، އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ގާއިމްކުރި ފެސިލިޓީ ހުުޅުވުމުގެ އިވެންޓްގައި ވާހަކަ ދައްކަވަމުން، ޗެފެރިން ވިދާޅުވި އެވެ. 
"މި ހުރިހާ ކަމަކަށް ބަލާފައި، ޔުއެފާ އިން ދެން އޮތް ޔޫރޯ އަށް ވެސް ޓިކެޓް އަގުތަކާ ނުކުޅެ އެ ހުރި ގޮތަށް އެ ހުރީ. އެއީ ސަޕޯޓަރުންނަށްޓަކައި ކުރަން ޖެހޭ ކަމެއް. ހަމައެކަނި އާމްދަނީ އަށް ވިސްނައިގެން ޓިކެޓްގެ އަގާ ކުޅެން އުޅޭނަމަ އެއީ ރަނގަޅު ގޮތެއް ނޫން. މުއްސަނދިންނަށް އަގުބޮޑުކޮށް ޓިކެޓް ދޭނަމަ، ސްޓޭޑިއަމްތަކުގެ ވީއައިޕީ ބޮކްސްތަކުގެ އަގުބޮޑުކުރަންވީ، މުއްސަނދިން ކޮންމެ އަގެއްގައި ވެސް ގަންނާނެ،" 
ޗެފެރިން ވިދާޅުވީ، ހުރިހާ ޓިކެޓެއްގެ އަގުބޮޑުކުރުމަކީ، "ސަޕޯޓަރުންނަށް ދުރަށް ފުޓްބޯޅަ ގެންދިއުމުގެ އަމަލެއް" ކަމަށެވެ. 
އެ ގޮތުން، ޗެފެރިން ވިދާޅުވީ، މިހާރު އޮތްގޮތުން، ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ޓިކެޓެއް އުޅެނީ، 7500 ޑޮލަރަށް ކަމަށްވާއިރު، އެއާލައިން ޓިކެޓާއި ހޮޓަލްގެ ހަރަދާއި އެ ހުރިހާ ކަމަކަށް ބަލާއިރު، އެތައް ފައިސާއެއް އެންމެ މެޗަކަށް ހަރަދުކުރަން ޖެހޭ ގޮތަށް ކަންކަން އޮތުމަކީ، ފުޓްބޯޅަ ސަޕޯޓަރުންނަށް އޮތް ބޮޑު ތަކުލީފެއް ކަމަށެވެ. 
"މިހާރު އަގުތައް އެހުރީ ފުޓްބޯޅައިގެ އަސްލު އިހުސާސްތައް ދަނެގެން އެ ކުޅިވަރު ފޮލޯކުރާ މީހުންނަށް ބަލައިގެން ރޭވިފައި އޮތް ގޮތަކަށް ނޫން. ޔަގީން، އެ މީހުން ދައްކާނީ ފުލްކަމަށް، އެކަމަކު އެއީ ފުޓްބޯޅައިގެ އަސްލު މަންޒަރު އޮތްގޮތަށް ނުވެދާނެ،" ޗެފެރިން ވިދާޅުވި އެވެ. 
އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މި ފަހަރުގެ ވޯލްޑް ކަޕްގައި 48 ގައުމު ވާދަކުރާއިރު، 104 މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވުމުން، ދިރާސާތައް ދައްކާ ގޮތުން، ޓިކެޓާއި ސަޕޯޓަރުންގެ ފަރާތުން އެކި ގޮތްގޮތުން، އެމެރިކާ އަށް ލިބޭ އާމްދަނީ އަށް ބަލާއިރު، 10 ބިލިއަން ޑޮލަރަށް ވުރެން އިތުރުވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ