ވަޒީފާއެއް ނެތި އުޅޭ ޒުވާނުންނަކީ ކުރަފިތަކެއްގެ ގޮތުގައި އިންޑިއާގެ އުއްތަމަ ފަނޑިޔާރު ސޫރްޔާ ކާންތު ސިފަކުރެއްވުމާ ގުޅިގެން، އެގައުމުގެ ޒުވާނުން ރުޅިގަދަވެގެން ސޯޝަލް މީޑިއާގައި އުފެއްދި ޕެރޮޑީ ހަރަކާތް ކަމަށްވާ "ކޮކްރޯޗް ޕީޕަލްސް ޕާޓީ" ނުވަތަ "ކޮކްރޯޗް ޖަނަތާ ޕާޓީ" (ސީޖޭޕީ) ގެ އެކައުންޓްތައް ބްލޮކްކުރުމުގެ މަސައްކަތް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ފަށައިފިއެވެ.
މި ހަރަކާތް އެންމެ ފުރަތަމަ މި މަހުގެ 16 ގައި ފެށީ އެމެރިކާގެ ބޮސްޓަން ޔުނިވާސިޓީގައި ކިޔަވަމުންދާ އުމުރުން 30 އަހަރުގެ އިންޑިއާ ދަރިވަރެއް އަދި އިދިކޮޅު އާމް އާދްމީ ޕާޓީގެ ކުރީގެ ޕޮލިޓިކަލް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓެއް ކަމަށްވާ އަބީޖީތު ދިޕްކޭއެވެ.
އިންޑިއާ އަކީ ސަރުކާރުން ނުރުހޭ އޮންލައިން ކޮންޓެންޓްތައް ވަރަށް ބޮޑަށް ސެންސަރުކޮށް ހިފަހައްޓާ ގައުމަކަށް ވާއިރު، މި އެކްސް އެކައުންޓް ބްލޮކްކުރީ އެގައުމުގެ އެތެރޭގެ އިންޓެލިޖެންސް އެޖެންސީގެ ލަފާގެ މަތިން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޒުވާނުންގެ މި އާދަޔާޚިލާފު ރައްދާ ގުޅިގެން އުއްތަމަ ފަނޑިޔާރު ފަހުން ވަނީ އޭނާގެ ވާހަކަ މާނަ އޮޅޭގޮތަށް ނަގާފައިވާ ކަމަށާއި، އޭނާ އިޝާރާތްކުރެއްވީ ހަމައެކަނި ފޭކު ސެޓްފިކެޓް ބޭނުންކުރާ މީހުންނަށް ކަމަށް ވިދާޅުވެ ދިފާއުވެވަޑައިގަންނަވަން މަސައްކަތް ކުރައްވާފައެވެ. އެހެންނަމަވެސް އިދިކޮޅު ގާނޫނުހަދާ މަޖިލީހުގެ މެންބަރު ޝަޝީ ތަރޫރު ވިދާޅުވީ، މި ޕާޓީގެ މަގުބޫލުކަން އިތުރުވުމުން ހާމަވަނީ އިންޑިއާގެ ޒުވާނުންގެ މެދުގައި އޮތް ނާއުންމީދާއި ހިތްހަމަނުޖެހުމުގެ ޤަބޫލުކުރެވޭ މިންވަރު ކަމަށާއި، މަޖަލާއި މަލާމާތަކީ ޒުވާނުންގެ ޝުއޫރުތައް ބޭރުކޮށްލަން ލިބުނު ވަރަށް ރަނގަޅު ޑިމޮކްރެޓިކް ވަސީލަތެއް ކަމަށެވެ.
މި ހަރަކާތް އުފެއްދި ދިޕްކޭ އިންސްޓަގްރާމްގައި ބުނެފައިވަނީ އިންޑިއާގެ ޒުވާނުންނަކީ ގިނަ ބަޔަކު ހީކުރާ ވަރަށް ވުރެ މާ ހޭލުންތެރި، ބުއްދިވެރި އަދި ސިޔާސީ ގޮތުން ވިސްނުންތޫނު ބައެއް ކަމަށާއި، އެމީހުންގެ ދުސްތޫރީ ހައްގުތައް ހޯދަން ސުލްހަވެރިކަމާއެކު ދަންނާނެ ކަމަށެވެ. އަދި ސީޖޭޕީން ކުރި ޕޯސްޓެއްގައި، ސަރުކާރުން އެމީހުން ފިއްތާލަން މަސައްކަތް ކުރި ވަރަކަށް މާ ގަދަޔަށް ތެދުވާނެ ކަމަށް ވަނީ ބުނެފައެވެ.
"ކުރަފި ޕާޓީ" އެކައުންޓްތައް އިންޑިއާ ސަރުކާރުން ބްލޮކްކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ