ކުރިމަތިވާ ކޮންމެ ހިތްދަތިކަމަކީ ލިބޭ އެންމެ ބޮޑު އުފަލަށް ބަދަލުކުރުމުގެ ފުރުޞަތު- ޙަދީޘުން

ކުރިމަތިވާ ކޮންމެ ހިތްދަތިކަމަކީ އަދި ކަންބޮޑުވުމަކީ ތިމާއަށް ލިބޭ އެންމެ ބޮޑު އުފަލަށް ބަދަލުކުރުމުގެ ފުރުޞަތު ކޮންމެ މީހަކަށްވެސް ވަނީ ދެއްވަވާފައެވެ. ނަމަވެސް އެކަން ލިބިގަނެވޭނީ ވިސްނައި ފިކުރުކުރާ މީހަކަށެވެ. ކެތްތެރިވާނެ ހިތްވަރު ހުރި މީހަކަށެވެ.  
ކޮންމެ މުސްލިމަކީވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހެއްގެ ދަރަޖަ އެންމެ ބޮޑަށް އުފުލިގެންވުމަށް އެދޭނެ މީހެކެވެ. އެކަން އެދިގެން މަސައްކަތްކުރަން ބޭނުންވާނެވެސް މީހެކެވެ.  
ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. "ދަރަޖަ މަތިވެރިވުން ވަނީ އިމްތިޙާނު ބޮޑުވުމާއި ގުޅިފައެވެ. މާތް الله ބަޔަކު މީހުންދެކެ ލޯބިވެ ވޮޑިގެންފިނަމަ އިމްތިޙާނު ކުރިމަތި ކުރައްވައެވެ. ރުހިއްޖެ މީހަކަށް اللهގެ ރުއްސެވުން ލިބޭނެއެވެ. ނުރުހިއްޖެ މީހަކަށް اللهގެ ނުރުއްސެވުން ލިބޭނެއެވެ." 
މިޙަދިޘްފުޅުން އެނގިގެންދާ އެއްކަމަކީ ހިތްދަތިކަމާއި މުޞީބާތްތައް ކުރިމަތިކުރައްވަވަނީ ހަމައެކަނި ﷲ ތަޢާލާ އެމީހަކާއި އެމީހަކަށް ރުހިވޮޑިނުގަތުމަކުން ނޫން ކަމެވެ. އެމީހަކު ދެކެ ލޯބވޮޑިގެންފިނަމަވެސް އިމްތިޙާންތައް ކުރިމަތިކުރައްވަވާނެ ކަމެވެ. 
ދެވަނައަށް އެނގިގެންދަނީ މިންވަރު ކުރެއްވެވި ޙާލަތަށް ރުހި، ޝަކުވާނުކޮށް ދުޢާކުރުންމަތީގައި ޘާބިތުވެ ހުރެއްޖެ ނަމަ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ ކަމެވެ. އަދި ޝަކުވާ ގިނަކުރާނަމަ ރުހިވޮޑިނުގަތުން ލިބޭނެ ކަމެވެ. ވީމާ އޮތީ ޙާލަތާއިމެދު ކަންބޮޑުވުމެއް ނޫނެވެ. ދުޢާކުރުންމަތީގައި ސާބިތުވުމެވެ.  
ހަމަ އެއާއިއެކު އެނގިގެންދަނީ ބޮޑެތި މުޞީބާތްތަކަށް ކެތްތެރިވި ވަރަކަށް އެމީހެއްގެ ދަރަޖަ މަތިވެރިކުރައްވަވާނެ ކަމެވެ. އިން ޝާ ﷲ
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ