ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެކުވެރި ޢަރަބި ޢިމާރާތް، ޔޫ.އޭ.އީގެ 54 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ރައީސް، ހިޒް ހައިނަސް ޝައިޚް މުޙައްމަދު ބިން ޒާއިދް އަލް-ނަޙްޔާން އާއި، އެކުވެރި ޢަރަބި އިމާރާތުގެ ނައިބު ރައީސް، ބޮޑުވަޒީރު، އަދި ދުބާއީގެ ވެރިޔާ ހިޒް ހައިނަސް ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ، ހިޒް ހައިނަސް ޝައިޚް މުޙައްމަދު ބިން ޒާއިދް އަލް-ނަޙްޔާނަށް ފޮނުއްވި ސިޓީފުޅުގައި، އެމަނިކުފާނުގެ ޒަޢާމަތުގައި ޔޫ.އޭ.އީ ހޯދަމުން އަންނަ ފަޚުރުވެރި ކާމިޔާބީތަކާއި، އެމަނިކުފާނުގެ ދުރު ވިސްނުންފުޅާއި ހަރުދަނާ އިސްނެންގެވުމާއެކު، ޔޫ.އޭ.އީ އަކީ ދުނިޔޭގެ އުފެއްދުންތެރިކަމާއި، ހަމަޖެހުމާއި އަދި ދުނިޔޭގެ ފެންވަރުގައި ކުރިއަރާފައިވާ ޤައުމެއްގެ ގޮތުގައި ފާހަގަކުރެވިފައިވާތީ އެކަމަށް ތަޢުރީފު ކުރައްވާފައި ވެއެވެ.
ނައިބުރައީސް ހިޒް ހައިނަސް ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް-މަޚްތޫމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، އެމަނިކުފާނުގެ ޒަޢާމަތުގައި ޔޫ.އޭ.އީ އަކީ، އުފެއްދުންތެރިކަމާ، އިޤުތިސާދީ ގޮތުންނާއި، ޘަޤާފީގޮތުން ކުރިއަރާފައިވާ މަރުކަޒަކަށް ހައްދަވަފައި ވާތީ، އެކަން ފާހަގަ ކުރައްވާފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، ދެ ޤައުމުގެ ދެމެދުގައި އޮންނަ އިހްތިރާމާއި، އިސްލާމީއަގުތަކުގެ މަތީގައި ބިނާވެފައި އޮތް ޒަމާންވީ، ރަޙްމަތްތެރި ކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީއާއި، ޞުލްޙަ މަސަލަސް ކަމާއެކު އެގުޅުން އިތުރަށް ކުރިޔަށް ގެންދިޔުމަށް ދިވެހިރާއްޖެއިން އިސްކަންދެއްވާކަމަށް ވިދާޅުވެފައެވެ. އަދި، ދެ ޤައުމުގެ ދެމެދުގައި އެފެދިފައިވާ ގުޅުންތައް އިތުރަށް ހަރުދަނާކުރައްވައި، ދެ ޤައުމަށް ފައިދާހުރި ކަންކަމުގައި އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައި ވެއެވެ. ޔޫ.އޭ.އީ އަކީ ރާއްޖޭގެ ތަރައްޤީގައި މުހިންމު ބައިވެރިއެއްކަމަށާއި، އެގުޅުން އެގޮތުގައި ކުރިޔަށް ގެންދިއުމަށް ދިވެހިރާއްޖެއިން އިސްކަންދެއްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އަދި ދެބޭފުޅުންނަށް ފުރިހަމަ ޞިއްޙަތަކަށް އެދިވަޑައިގެން، ޤައުމުގެ އަމާންކަމާއި ފާގަތިކަން ދެމެހެއްޓުމަށް އެދިވަޑައިގަންނަވާފައި ވެއެވެ.
ޔޫ.އޭ.އީގެ 54 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާ ކުރައްވާފައިވާ މެސެޖެއްގައި، ޔޫ.އޭ.އީގެ ވެރިންނާ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެފައި ވެއެވެ. މި މެސެޖުގައި، މި، މުހިންމު މުނާސަބާ ފާހަގަކުރަމުންދާއިރު، ދިވެހިރާއްޖެއާއި، ޔޫ.އޭ.އީ އާއި ދެމެދުގައި އޮތް ދުވަސްވީ ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައި ވެއެވެ.
ޔޫ.އޭ.އީގެ ޤައުމީ ދުވަހުގެ ގޮތުގައި 2 ޑިސެންބަރު ފާހަގަ ކުރަމުން އަންނަނީ 1971 ވަނަ އަހަރު، އެކުވެރި އަރަބި ޢިމާރާތް އެއްކޮށްލެވުނު ދުވަހުގެ މުނާސަބަތާ ގުޅުވައިގެންނެވެ
ރައީސުލްޖުމްހޫރިއްޔާ، ޔޫ.އޭ.އީގެ ޤައުމީދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ