ކ. ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅު

بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ގުޅީގެ ލޮބުވެތި އެންމެހައި ރައްޔިތުން، މި ރަށުގެ ކައުންސިލްގެ ރައީސް، މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ރަށުގެ އެންމެހައި މުއައްސަސާތަކުގެ ވެރިން، މި ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، އަދި ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަދި މި ޖަލްސާ، އަޑުއައްސަވަމުން، ބައްލަވަމުން ގެންދަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، މި ހަވީރު ވަގުތު، މި ރަށަށް އާދެވުނު ވަގުތު އަޅުގަނޑުމެންނަށް ގުޅީގެ ރައްޔިތުން ވަޑައިގެން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، ތިޔަ ލޮބުވެތި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
މިއަދު މި ފާހަގަކުރާ މުނާސަބަތަކީ، ދެންމެ ޢިއްޒަތްތެރި މެންބަރުވެސް ފާހަގަކުރެއްވިފަދައިން، ތިޔަ ލޮބުވެތި ރައްޔިތުން އެންމެ ބޮޑަށް އެދިވަޑައިގެން، އަޅުގަނޑު ގާތުގައި ވިދާޅުވި އެންމެ މުހިންމު މަޝްރޫޢު. މިއީ، ﷲގެ އިރާދަފުޅާއެކު ނިމި، އެކަން ފާހަގަކުރުމުގެ ރަސްމިއްޔާތު. އާދެ، އިރާދަކުރެއްވިއްޔާ ވަރަށް ގިނަ ފަރާތްތަކެއްގެ ވަރަށް ގިނަ ކެކުޅުންތަކަކަށް، އުނދަގޫތަކަކަށް، ޖާގައިގެ ދަތިކަން ހުރުމުގެ ސަބަބުން ޙައްލުނުވެފައިހުރި މައްސަލަތަކެއް ޙައްލުވެގެން ދިޔުމަށް ވަރަށް މުހިންމު ފަސޭހަތަކެއް، މަގުތަކެއް ކޮށިގެންދާނެ މަޝްރޫޢަކަށް، މި ބިން އިތުރުވެގެންދިޔަ ދިޔަ ދިޔުން، ވެގެންދާނެކަން ޔަޤީން.
ވަރަށް ގިނަ ފަރާތްތަކެއްގެ ބުރަ މަސައްކަތުން މި ހިސާބަށް މިކަން ގެނެވި، މިކަން ހާސިލުވެގެން މި ދިޔައީ، މިހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި. ކޮންސްޓްރަކްޝަން މިނިސްޓްރީއާއި، އެމް.ޓީ.ސީ.ސީ.ގެ ފަރާތުން މި މަސައްކަތް ކުރުމުގައި، ދެއްވި ސަމާލުކަމާއި، އެ ކުރެއްވި ބުރަ މަސައްކަތް އަޅުގަނޑު ހަމަ ފާހަގަކުރަން.
އާދެ، މި މަޝްރޫޢު ނިމިގެން މި އިތުރުވެގެންދާ ބިމަކީ ޙަޤީޤަތުގައި، ގުޅީގެ ރައްޔިތުންގެ ތަރައްޤީގެ ގިނަ ކަންތައްތަކެއް ފެށުމަށް އެޅިގެންދިޔަ، ނޫނީވިއްޔާ އެއްލިގެންދިޔަ ޞަފްޙާއެއް. ރައްޔިތުން ބޭނުންވާގޮތަށް މި ބިން ބޭނުންކުރުމަށް ހައްދަވާ ލޭންޑް ޔޫސް ޕްލޭން ވެގެންދާނީ ޙަޤީޤަތުގައިވެސް، މި ބިން އެންމެ ހެޔޮގޮތުގައި، ތިޔަބޭފުޅުންނަށް ބޭނުންކުރެއްވޭނެގޮތް ފަހިވާ ކުރެހުމަށް. ނޫނީވިއްޔާ ޕްލޭނަށް.
އާދެ، ސަރުކާރުންދޭ ޔަޤީންކަމަކީ، ރައްޔިތުންނަށް ބޭނުންވާ ކަންކަން މި ބިމުން ކުރުމުގައި ފުރިހަމަ އެއްބާރުލުން ދޭނެކަން. އަދި މަގުތައް ފަހިކޮށްދޭނެކަން. އެއީ، ގޯތިގެދޮރު ބިނާކުރުމަށްޓަކައި ހައުސިންގ މަޝްރޫޢުތައް ހިންގައިދިނުން ކަމުގައިވިޔަސް، އަދި އިޖުތިމާޢީ، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ކަންކަމަށް އިސްކަންދީގެން މަސައްކަތްތައް ކުރުންކަމުގައިވިޔަސް، ސަރުކާރު އޮންނާނީ، ތިޔަ ލޮބުވެތި ރައްޔިތުންނާއެކު، ދާންބޭނުންވާ މިސްރާބަކަށް ދިޔުމުގައި ފުރިހަމައަށް އެއްބާރުލުން ދީގެންކަން.
އާދެ، އެގޮތުން މިއަދު މި ސޮއިކުރި މަޝްރޫޢުވެސް މި ސޮއި ކުރީ. އަޅުގަނޑު ވީ ވަޢުދެއް، މި ރަށުގެ ބަނދަރު ބޮޑުކުރަން ޖެހޭތީ ރައްޔިތުން އަޅުގަނޑުގެ ގާތު އެދިވަޑައިގަތީ، ބަނދަރުގެ ޖާގަ އިތުރުކޮށް ތަނަވަސްކޮށްދިނުމަށް. އާދެ، މި ނިމިގެން ފާހަގަކުރެވިގެންދިޔަ މަޝްރޫޢު ފަދައިން ހަމަ އިސްކަމެއް ދެވިގެން، އެ ބާރު ސްޕީޑުގައި އިސްކަން ދެވިގެން، ހަމަ އެގޮތަށް މި މަޝްރޫޢުވެސް ދާނެ. ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ މިހާރުވެސް މި މަޝްރޫޢަށް ބޭނުންވާނެ ބައެއް ތަކެތިވެސް ރަށުގައި ހުރިތަން. މެޝިނަރީޒްވެސް އެބަހުރި. އެހެންވީމާ، މި މަޝްރޫޢަކީވެސް ކާމިޔާބުކަމާ އެކީގައި، ދާދި އަވަހަށް ޢަމަލީގޮތުން ހިނގައި، ނިމޭނެ ބަނދަރު ހެނދުމުގެ މަޝްރޫޢަކަށްވާނެ.
ހަމަ އޭގެ އިތުރަށްވެސް ހިނގަމުންދާ ގިނަ މަޝްރޫޢުތައް ނިންމުމަށްވެސް ސަރުކާރުން އިސްކަން އެބަދެން. އެ ކަންކަން އަވަހަށް ނިންމުމަކީ، ސަރުކާރުން އެންމެ އިސްކަންދޭން ބޭނުންވާނެ ކަންތައް. އަދި މި އަންނަ އަހަރަށް މި ފާސްކުރާ ބަޖެޓުގެ ތެރެއިން އަޅުގަނޑު ވެފައިހުރި އެހެން ވަޢުދުތަކަށްވެސް މަސައްކަތްތައް އެބަ ހިމަނަން.
އެހެންވީމާ، ޖުމްލަކޮށް މި އަހަރު މި ނިމުނު ކަންކަމާއި، މި ސޮއިކުރެވުނު މަޝްރޫޢާއި، މި އަންނަ އަހަރު ބަޖެޓަށް މި ލެވޭ މަޝްރޫޢުތައް ވެގެންދާނީ، ރިޔާސީ އިންތިޚާބުގައި، އަދި އޭގެ ފަހުންވެސް ތިޔަބޭފުޅުންނާ އެކުގައި، ތިޔަބޭފުޅުން ގާތުގައި އަޅުގަނޑު ދެންނެވި ކަންކަން ފުރިހަމަވެގެންދާ މަޝްރޫޢުތަކަށް. އެއީ، މިސްކިތް މަޝްރޫޢު ކަމުގައިވިޔަސް، އަދި އެހެނިހެން ކަންކަންކަމުގައި ވިޔަސް.
އާދެ، ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ރައްޔިތުންގެ ބިމުގެ މައްސަލައަށް އަދި ޙައްލެއް ނާދޭ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، އެ މަޝްރޫޢު، ނޫނީވިއްޔާ އެ އެގްރީމަންޓް ނިމުމަކަށް ގެނައުމުގައި ކުރަންޖެހޭ މަސައްކަތްތައް އަދި ނުނިމި މިއޮތީ. މިކަމުގައި އަޅުގަނޑުގެ ވިސްނުމަކީ، އަދި އަޅުގަނޑުގެ ސިޔާސަތަކީ، ރައްޔިތުން ބޭނުންވާ ގޮތަށޭ ސަރުކާރުން ކުރިއަށްދާނީ. އެހެންވީމާ، ރައްޔިތުންނަށް ފަހިނުވާ ގޮތެއް އެއީ، ސަރުކާރަށް މަޞްލަޙަތު އޮތްގޮތެއް ނޫން. މިއީ، ރައްޔިތުންގެ ސަރުކާރެއް. ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކޮށްދޭނީ، ޤާނޫނާއި ގަވާއިދުގެ ތެރެއިން. ދައުލަތަށް ގެއްލުންނުވާ ގޮތަކަށް، ޤާނޫނާއި ގަވާއިދުގެ ތެރެއިން މި މައްސަލަ ނިމުމަކަށް ގެނެސް، ރައްޔިތުން އެދޭ ގޮތަކަށް، އިރާދަކުރެއްވިއްޔާ މި ބިމުގެ ކަންތައް އަޅުގަނޑުމެން ނިންމައިދޭނަން. އެކަމަށް މަސައްކަތް ކުރަމުން މިދަނީ. ދަތިތަކެއް ދިމާވެ، ލަސްވީ އެހެންވެގެން. އެކަމުގައި ކޮމްޕެންސޭޝަން ދިނުމާއި، މިކަހަލަ އުނދަގޫ މަރުޙަލާއަކަށް ދާންޖެހިގެން، ދިގުލައިގެން ގޮސް، ކައުންސިލް މެދުވެރިކޮށް ރައްޔިތުން ގާތުގައި އަޅުގަނޑުމެން އެހީ، ކޮންގޮތެއްތޯ ރަނގަޅުވާނީ. އެހެންނޫންނަމަ، މިހާރުވެސް އޮންނާނީ އެކަން ނިމިފައި. އަޅުގަނޑުމެން ބޭނުމެއް ނޫން ދައުލަތަށް ބުރަވާގޮތަކަށް މިކަމުގައިވެސް ކުރިއަށްދާން. އެއީ ކޮންމެގޮތެއް ވިޔަސް ރައްޔިތުންގެ ފައިސާ. ކޮމްޕެންސޭޝަން ދޭންޖެހިއްޖިއްޔާ ދޭންވެސް ހުންނާނީ އެ ފައިސާއިން. އެހެންވީމާ، އަޅުގަނޑުމެން މިތިބީވެސް ރައްޔިތުންނާ އެކީގައޭ. ދެންމެ ދެންނެވި ފަދައިން، މިކަން އިރާދަކުރެއްވިއްޔާ ރައްޔިތުން އެދޭ ގޮތަށް ރަނގަޅަށް ނިންމައިދޭނަން. އެހެންވީމާ، އެއީ ނުނިމި އޮތް މައްސަލައަކީ.
ދެން މިހިރީ ތަރައްޤީގެ މަޝްރޫޢުތައް. ދެންމެ މި ދެންނެވި ފަދައިން، މި ބިން ހިއްކުމުގެ މަޝްރޫޢު ނިމުނު ގޮތަށް، މި ސޮއިކުރެވުނު ބަނދަރުގެ މަޝްރޫޢާއި، އަދި ދެން ހިނގަމުންދާ މަޝްރޫޢުތަކާއި، މި އަންނަ އަހަރަށް މި ބަޖެޓު ކުރެވޭ ކަންކަން އިރާދަކުރެއްވިއްޔާ ހިނގަމުންދާނެ. ގުޅީގެ ރައްޔިތުންގެ ތަރައްޤީއަށް ބޭނުންވާ ކަންކަން، ސަރުކާރުން ވަރަށް ސަމާލުކަންދީގެން، ހަމަ ވަރަށް ރަނގަޅަށް ގެންގޮސްދޭނެ ކަމުގެ ޔަޤީންކަން، އަދިވެސް ތިޔަ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން.
އާދެ، ވަރަށް އުފާކުރަން މިވަގުތުކޮޅު ތިޔަބޭފުޅުންނާ އެކީގައި ހޭދަކޮށްލަން ލިބުނީތީ، އާދެވުނީތީ. ތިޔަބޭފުޅުން މިތަނަށް ވަޑައިގެން މި ހިތްގައިމު ވަގުތުކޮޅު އަޅުގަނޑުމެންނާ އެކީގައި ހޭދަކުރައްވާތީވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އާދެ، އަނެއްކާވެސް މާ ލަސްނުކޮށް، ތިޔަބޭފުޅުންގެ އަރިހަށް އައުމުގެ އުންމީދުގައި، ދެން މިއަދު ވަކިވެލާނަން. އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންގެ ތަރައްޤީގެ ކަންކަން، ކާމިޔާބު ކަމާއެކީގައި ކުރިއަށް ގެންގޮސްދޭނަން. ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތުންނަށްވެސް އަޅުގަނޑު ދަންނަވަން އޮތީ މިހެން. ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތުންނަކީވެސް އަޅުގަނޑު ކުރިމަތީގައި، މި ސަރުކާރުގެ ކުރިމަތީގައި ހަމަހަމަ ރައްޔިތުންނޭ. އެ ރަށެއްގެ ރައްޔިތުންނަށް ކޮށްދޭން އޮތް ކަމެއްވިއްޔާ، ސަރުކާރުން މިގޮތުގައި ކުރިއަށް ގެންދާނަމޭ، ނިންމަމުންދާނަމޭ. ކަންކަން ފެށި، ނިމި، ސޮއިކުރެވި، އެ ކަންކަން ފެށި، އެހެންނޭ މިދަނީ. ކޮންމެ ރަށެއްގައިވެސް ފެނިވަޑައިގަންނަވާނެ، މިހާރު ކަންކަން ހިނގަމުންދާތަން، ނިމެމުންދާތަން، އާ މަޝްރޫޢުތައް ފެށޭ ތަން. އެހެންވީމާ، ގުޅީގެ ރައްޔިތުން ތިޔަ އެކްސްޕީރިއަންސް ކުރައްވަމުން ގެންދަވާ ނޫނީވިއްޔާ ފެނިވަޑައިގަންނަވާ މަންޒަރަކީ، ކޮންމެ ރަށެއްގައިވެސް، އިރާދަކުރެއްވިއްޔާ އެ ރަށެއްގެ ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެ މަންޒަރުތައް. ފެންނަމުންދާ، ފެނިވަޑައިގަންނަވަމުންދާ ކަންކަން. މި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް އަޅުގަނޑު ވީ ހުރިހާ ވަޢުދެއް ފުއްދުމަކީ، މި ސަރުކާރުގެ ޒިންމާ، މަސްއޫލިއްޔަތު، އަދި އަމާޒު. އެގޮތުގައި އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަޤީންކަން، ތިޔަ ލޮބުވެތި ހުރިހާ ރައްޔިތުންނަށްވެސް އަޅުގަނޑު އަރުވަމުން، މިއަދު މިވަގުތު އަޅުގަނޑު ވަކިވެލާނަން.
އަޅުގަނޑުގެ ދުޢާއަކީ، މި ޤައުމުގެ ތަރައްޤީ ޙަޤީޤަތަކަށް ހެދުމުގައި، އަޅުގަނޑުމެން އެންމެންނަށް ހެޔޮ ތައުފީޤު މިންވަރު ކުރެއްވުން. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ