ބިޑަކާ ނުލާ މުދަލާއި ހިދުމަތް ހޯދޭ ގޮތަށް މާލިއްޔަތު ގަވައިދު އިސްލާހުކޮށްފި

ކުރިއަށް އޮތް ދެ އަހަރު، ވާދަވެރި ބިޑަކާ ނުލާ ވަކި ފަރާތަކުން މުދާ ނުވަތަ ހިދުމަތް ހޯދޭ ގޮތަށް މާލިއްޔަތު ގަވައިދަށް އިއްޔެ އިސްލާހު ގެނެސްފި އެވެ.
ވީ ކިހިނެއް؟ - ފިނޭންސް މިނިސްޓްރީން އިއްޔެ ގެޒެޓު ކުރި އިސްލާހުގައިވާ ގޮތުން، ވާދަވެރި ބިޑަކާ ނުލާ، ސިންގަލް ސޯސް ޕްރޮކިއުމެންޓުގެ ދަށުން ތަކެތި ގަތުމާއި ހިދުމަތް ދިނުމަށް ހަވާލު ކުރެވޭނީ އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ ބާވަތުގެ މަޝްރޫއުތަކާއި ސަލާމަތީ ހިދުމަތްތަކަށް ހާއްސަ މަޝްރޫއުތަކަށެވެ.
ތަފްސީލް - އެފަދަ މަޝްރޫއުތައް ސިންގަލް ސޯސް ޕްރޮކިއުމެންޓުގެ ދަށުން ހަވާލު ކުރެވޭނީ ދައުލަތުގެ އޮފީހަކުން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅައި މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން ކެބިނެޓުން ނުވަތަ ކެބިނެޓުގެ ކޮމެޓީއަކުން ކަނޑައަޅާ އުސޫލެއްގެ ދަށުން ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.
އަލަށް ގެނައި އިސްލާހުގައި ބުނާ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ ބާވަތުގެ މަޝްރޫއުތަކާއި ސަލާމަތީ ހިދުމަތްތަކަށް ހާއްސަ މަޝްރޫއުތައް ކަނޑައަޅަން ޖެހެނީ ކެބިނެޓުގެ ކޮމެޓީއަކުންނެވެ.
އެ އިސްލާހުގައިވާ ގޮތުން ޕަބްލިކް ސެކްޓާ އިންވެސްޓުމެންޓު ޕްރޮގްރާމުތަކުގެ ތެރެއިން ދައުލަތުގެ އޮފީހަކުން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާ، މިނިސްޓަރުގެ ލަފާގެ މަތިިން ކެބިނެޓުން ނުވަތަ ކެބިނެޓުގެ ކޮމެޓީއަކުން ކަނޑައަޅާ ވަކި މަޝްރޫއެއް ހަވާލު ކުރަން ނިންމައިފި ނަމަ، އެ މަޝްރޫއަށް ބިޑު ސެކިއުރިޓީ އާއި ޕާފޯމަންސް ގެރެންޓީ ނުވަތަ ސެކިއުރިޓީ ނެގުން އިސްތިސްނާ ކުރުމުގެ އިހުތިޔާރު ފިނޭންސް މިނިސްޓަރަށް ލިބޭނެ ކަމަށެވެ.
އިސްތިސްނާ ދެވޭ މަޝްރޫއުތައް ބަލަހައްޓާ މިނިސްޓްރީއަކުން، އެ މަޝްރޫއުތައް ހިނގާ ގޮތުގެ ރިޕޯޓު ގަވައިދުން ބަލަހައްޓައި ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން އެ މައުލޫމާތު މިނިސްޓްރީއަށް ފޮނުވަން ޖެހޭނެ ކަމަށް ވެސް މާލިއްޔަތު ގަވައިދަށް ގެނައި އިސްލާހުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ