ފިޝަރީޒް ކޮންފެރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ޒަހާ ސްޕެއިނަށް

"މިނިސްޓީރިއަލް ކޮންފަރެންސް އޮން ފިޝިން ވެސެލް ސޭފްޓީ އެންޑް އިލީގަލް، އަންރިޕޯޓަޑް އެންޑް އަންރެގިއުލޭޓަޑް (އައިޔޫޔޫ) ފިޝިން"ގައި ބައިވެރިވެވަޑައިގަތުމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ސްޕެއިންއަށް ވަޑައިގެންފި އެވެ
އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނާއި ސްޕެއިން ސަރުކާރާއި ގުޅިގެން، ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަން އަދި ޕިއު ޗެރިޓަބަލް ޓްރަސްޓްސްގެ އެހީގައި ބާއްވާ މިކޮންފެރެންސް ކުރިއަށްދާނީ މިއަދުން ފެށިގެން ކުރިއަށް އޮތް ބުދަ ދުވަހުގެ ނިޔަލަށެވެ.
މިކޮންފަރެންސްގެ މަގުސަދަކީ އިންޓަނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަން (އައިއެމްއޯ)ގެ "ކޭޕްޓައުން އެގްރިމަންޓް އޮފް 2012" ތަސްދީގުކުރެއްވުމަށް ގައުމުތަކަށް ބާރުއެޅުމާއެކު ގާނޫނާއި ގަވާއިދާއި ހިލާފަށް ކުރާ (އިލީގަލް، އަންރިޕޯޓެޑް އެންޑް އަންރެގިއުލޭޓަޑް) މަސްވެރިކަން ހުއްޓުވުމަށް އަޅާނެ ފިޔަވަޅުތަކެއް ކަނޑައެޅުމެވެ.
ކޭޕްޓައުން އެގްރިމަންޓަކީ މަސްވެރި އުޅަނދުފަހަރުގެ ސަލާމަތީ މިންގަނޑުތަކާއި، އުޅަނދުފަހަރު ބަނުމުގެ ހަމަތަކާއި، ސަލާމަތީ ގޮތުން އުޅަނދުފަހަރުގައި ގާއިމުވެފައިވާ ހުންނަންޖެހޭ ކަންކަމާއި ގުޅޭގޮތުން އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ އެގްރިމަންޓެކެވެ.
އިންޑިއާ ކަނޑުގައި ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރަމުންދާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން ވެސް މިއެގްރިމަންޓް ތަސްދީގުކުރުމާ ގުޅޭ ގޮތުން ވާންޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތްވަނީ ފަށާފަ އެވެ. 11 ގައުމަކުން މިއެގްރިމަންޓް މިހާތަނާށް ތަސްދީގުކޮށްފައިވާއިރު މިއެގްރިމަންޓަށް އަމަލުކުރަން ފަށާނީ 22 ގައުމަކުން މިއެގްރިމަންޓް ތަސްދީގުކުރާތާ އެއް އަހަރު ފަހުންނެވެ.
މިބައްދަލުމުގައި ބައިވެެރިވެވަޑައިގަތުމަށްޓަކައި މިނިސްޓަރު ފުރާ ވަޑައިގެންނެވީ މިދިޔަ ހޮނިހިރު ދުވަހުގެ ރެ އެވެ.
މިކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން މިނިސްޓަރު ޒަހާ ތަގްރީރު ވެސް ކުރައްވާނެ އެވެ. މިފަދަ ކަމެއްގައި ރާއްޖޭގެ ބައިވެރިވުން ލިބުމަކީ، ލިބޭ ވަރަށް ބޮޑު ބާރެއް ކަމުގައި އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ