ނެއްލައިދޫ ބަނދަރުތެރެ އާދަޔާ ޚިލާފަށް ގަދަވެ، އޮޑިވެރިންނަށް ހާސްކަން!

ހދ. ނެއްލައިދޫ ބަނދަރުތެރެ އާދަޔާ ޚިލާފަށް މިރޭ ގަދަވެ ބަނދަރު ބޭނުން ނުކުރެވި އޮޑިވެރިންނަށް ހާސްކަމާއި ކުރިމަތިލާން ޖެހިއްޖެއެވެ.
ރަށްވަށާ ވޮޑޭ ވެލިގަނޑު ބަނދަރު ތެރެއަށްވަދެ ބަނދަރުގެ  ފައިކައްޓާ ދިމާކަން ތިލަވެ ބަނދަރުގެ މައްސަލަ ބޮޑުވެފައިވަނިކޮށް މިރޭ ކުއްލިއަކަށް ބަނދަރުތެރެ ގަދަވުމުގެ ސަބަބުން ބަނދަރުތެރޭގައި އަޅާފައިވާ އުޅަނދުތަކަށް ބަނދަރުން ވަނީ ނުނިކުމެވޭ ގޮތް ވެފައެވެ. މީގެކުރިންވެސް މޫސުމަށް އަންނަ ބަދަލާއި ގުޅިގެން ބަނދަރު ބޭނުން ނުކުރެވޭ ދުވަސް ދުވަހު އޮޑިދޯނި ފަހަރު ބަދަލުކުރަނީ ރަށުގެ ހުޅަނގު ފަރާތަށެވެ. ނަމަވެސް މިރޭ ބައެއް އުޅަނދުތައް އަދިވެސް ހުރީ ބަނދަރު ތެރޭގައެވެ. އޭގެ ސަބަބުން އެ އޮޑިދޯނި ފަހަރުގެ އޮޑިވެރިންނަށްވަނީ ހާސްކަމާ ކުރިމަތިލާން ޖެހިފައެވެ.
“ބަނދަރުގެ ކަނޑިންމަ ގަދަވެ އޮޑި ފަހަރު ނުނިކުމެވި ތާށިވެފަ މިތިބީ. އާންުމުކޮށްގަދަވާއިރު ހުޅަނޅު ފަރާތަށް ގެންދެވުނަސް  މިރޭ  ކުއްލިއަކަށް ގަދަވީމަ ނުގެންދެވިފަ” މި ނޫހާ ވާހަކަ ދައްކަމުން އޮޑިވެރިއަކު ބުންޏެވެ.
މީގެ ކުރިން ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރަށުތެރެއަށްލޮނުގަނޑު އަރާ ކައިރި ގޭގެއަށްވެސް އަސަރު ކުރިއެވެ. އެކަން ހައްލުކުރުމަށް ކައުންސިލުންވަނީ ލޮނުގަނޑު އަރާ ދިމާއަށް ވެލި އަޅާފައެވެ.
2011 ވަނަ އަހަރު ހަދަން ފަށާ، މިދިޔަ ވެރިކަމުގައި ރަސްމީކޮށްހުޅުވި ނެއްލައިދޫ ބަނދަރަކީ ފެށުނީންސުރެ ތިލަ ވުމުގެ މައްސަލަ ދިމާވަމުން އަންނަ ބަނދަރެކެވެ. ފައިކަށި ޑިޒައިން ކުރެވިފައިވާ ގޮތުގެ ސަބަބުން އެ މައްސަލަ ދިމާވަމުން އަންނައިރު، މީގެކުރިންވެސްވަނީ ފުންކޮށްފައެވެ. އަދި މި އަހަރުގެ ބަޖެޓުގައި ހިމެނިގެން ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިޔަށް ދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ