ރައްޔިތުންގެ މަޖިލީހަށް ގާނޫނު ހެދޭނެ، އެކަމުގައި އެއްވެސް އޮޅުމެއް ނެތް: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހަށް ގާނޫނު ހަދާ މަޖިލިސް ކަމަށާއި އެ މަޖިލީހަށް ގާނޫނު ނުހެދެންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ގާނޫނު އަސާސީގެ 70ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ދިވެހިރާއްޖޭގެ އެންމެހާ ގާނޫނުތައް ހެދުމުގެ ބާރު ލިބިގެން ވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ. އަދި އެ މާއްދާގެ (ށ)ގެ ދެވަނަ ނަންބަރުގައި ބުނެފައިވަނީ ބޭނުންވެއްޖެ ކޮންމެ ކަމަކާއި ބެހޭގޮތުން، އިސްލާމްދީނުގެ އަސްލަކާއި ހިލާފުނުވާ ގޮތުގެ މަތިން ގާނޫނު ހެދުމާއި ގާނޫނަށް ބަދަލު ގެނައުމާއި ގާނޫނު ބާތިލް ކުރުމުގެ މަސައްކަތް ވެސް ކުރާނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައި ދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުން ގާނޫނު ހެދުމަކީ ގާނޫނު އަސާސީއާވެސް އެއްވެސް ވަރަކަށް ފުށުއަރާ ކަމެއް ނޫން ކަމަށެވެ. އަދި އެއީ އެއްވެސް ގާނޫނަކުންވެސް މަނާ ކުރެވިފައިވާ ކަމެއް ނޫން ކަމަށެވެ.
"އެހެންވީމަ ހުރިހާ މެންބަރުންނަށްވެސް އަޅުގަނޑު ދަންނަވާލަން މިއީ ގާނޫނު ހަދާ މަޖިލީހޭ، މި މަޖިލީހުންނޭ ގާނޫނު ހަދާނީ،" ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން މަޖިލީހަށް ހުށަހަޅަން ބޭނުންވާ އެއްވެސް ގާނޫނެއް މި މަޖިލީހަށް ހުށަހެޅުމުގައި ހުރަހެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ހެދުމުގައި ދައުލަތުގެ މުއައްސަސާތަކާއި އިދާރާތައް ބޭނުން ކުރުމާއި އެތަންތަނުގެ މަޝްވަރާ ހޯދުމަކީ ވަރަށް މުހިއްމުވެސް ކަމެއް ކަމަށެވެ.
"އަޅުގަނޑަށް ފެންނަ ފެނުމުގައި އެއްވެސް އޮޅުމެއް ނެތް. އެއްވެސް އޮޅުމެއް ނެތް. އެހެންވީމަ ރައްޔިތުން މަޖިލީހުން ގާނޫނު އެކުލަވާލުމުގެ މަސައްކަތް ދާނީ ކުރިއަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި މިވަނީ ރައްޔިތުން މަޖިލީހުން ގާނޫނު އެކުލަވާލުމުގެ މަސައްކަތް ކުރަމުން ގެންދާތީ ބައެއް ފަރާތްތަކުން އެކަމަށް ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ