ދަގަނޑޭ ބްރެކެޓް ޗެލެންޖް ކާމިޔާބު ކޮށްފި، ސާބަސް!

ރާއްޖެ ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ، އަދި ދެކުނު އޭޝިއާވެސް ދުށް އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އޭއެފްސީ ބްރެކެޓް ޗެލެންޖް ކާމިޔާބުކޮށްފިއެވެ.
އޭއެފްސީ ކަޕުން އެންމެ މަގުބޫލު ގޯލު ހޮވުމަށް ކުރިއަށްގެންދާ ޕޮޕިއުލާރިޓީ ކޮންޓެސްޓެއް ކަމަށްވާ ބްރެކެޓް ޗެލެންޖުގެ ފައިނަލުގައި ދަގަނޑޭ ވާދަކުރަނީ ހޮންކޮންގުގެ ޗަން ސިއު ކީއާއެވެ. ދިވެހީންގެ ހިތްވަރާއެކު، އެތައް ވޯޓެއް އަޅައިގެން ދަގަނޑޭ ބްރެކެޓް ޗެލެންޖް ކާމިޔާބު ކުރީ ހޮންކޮންގުގެ ޗަން ސިއު ކީއާ ވާދަކޮށްގެންނެވެ.
ފައިނަލަށް ދަތުރުކޮށްފައިވާ ދަގަނޑޭގެ ގޯލަކީ 2013 ވަނަ އަހަރު އިންޑޮނޭޝިއާގެ ޕެރިސިބޯއާ ދެކޮޅަށް ނިއު ރޭޑިއަންޓްގެ ޖާޒީގައި ދަގަނޑޭ ޖެހި ހިތްގައިމު ސޯލޯ ގޯލެކެވެ. އިންޑޮނޭޝިއާގެ ޕެރްސިބޯ ކޮޅަށް ޖެހި ގޯލަކީ އޭއެފްސީގެ ތާރީހުގައި ވެސް ޖަހާފައިވާ އެންމެ ހުނަރިވެރި އެއް ގޯލެވެ. ނިއުއިން އެ މެޗު 7-0ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާ އިރު، އެ ގޯލަށް މުޅި އޭޝިއާގެ އިތުރުން ދުނިޔޭގެ ފުޓުބޯޅައިގެ އެތައް ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.
ސައުތު ޗައިނާއަށް ކުޅެމުންދިޔަ ޗަން ޖެހި ގޯލަކީ މެލޭޝިއާގެ ޕަހާންގް ކޮޅަށް އޭނާ ޖަހާފައިވާ ގޯލެކެވެ.
ފައިނަލާ ހަމައަށް ގެންދިޔުމަށްވެސް ވިއެޓްނާމް ފަދަ އާބާދީ ބޮޑެތި ގައުމުތަކުގެ ކުޅުންތެރިންވެސް ބަލިކޮށް، ދިވެހީން ތަފާތު ގައުމީ ރޫހެއް ދައްކާފައިވާއިރު، ފައިނަލް ދަގަނޑޭއަށް ކާމިޔާބު ކޮށްދިނުމުގައިވެސް ދިވެހީން ވަނީ އެއް ވާނެއްގައި ހިފަހައްޓާފައެވެ. ދަގަނޑޭ ފައިނަލް ކާމިޔާބު ކުރީ 88.88 ޕަސެންޓް، 11.12 ޕަސެންޓް ވޯޓުގެ ތަފާތު ބޮޑު ފަރަގަކުންނެވެ.
ބްރެކެޓް ޗެލެންޖުގައި މިހާތަނަށް ދެއްކި ނަތީޖާތަކަށް ދަގަނޑޭ ދިވެހި ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައިވާ އިރު، ސަޕޯޓަރުންނަށް ހާއްސަ ވައިބާ ގްރޫޕް މެދުވެރިކޮށް މަސައްކަތް ކޮށްފައިވެއެވެ. ދަގަނޑޭ ބުނެފައިވަނީ ގައުމަށް ރީތި ނަމެއް ހޯދައިދެވޭނެ ކޮންމެ ފުރުސަތެއްގައި ބޭނުން ހިފާނީ ގައުމީ ވާޖިބެއް ކަމަށް ދެކިގެން ކަމަށެވެ.
ދަގަނޑޭއަކީ ދެކުނު އޭޝިއާގެ ފުޓުބޯޅަ ތާރީހުވެސް ދުށް އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާއެވެ. އޭނާގެ ކާމިޔާބީތަކަކީ އަބަދުވެސް ފާހަގަކޮށްލެވޭ، ދިިވެހީން ފަހުރުވެރިވާ ކާމިޔާބީތަކެކެވެ. ހާއްސަކޮށް ދުނިޔޭގެ ފެންވަރުގައިވެސް ދަގަނޑޭއަކީ އެންމެ ކާމިޔާބު އެއް ފޯވަޑެވެ. ގައުމީ ޖާޒީގައި ގޯލް ޖެހުމުގެ ރޭޓަށް ބަލާއިރު، ދަގަނޑޭއަކީ މިވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅެތި ކުޅުންތެރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯއާއި ލިއޮނަލް މެސީ ފަދަ ކުޅުންތެރިންނާ ވާދަކޮށްލާ ފޯވަޑެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ