ދީނަށް ގޮންޖަހާނަމަ ކޯލިޝަންގައި އަދާލަތު ނޯންނާނެ: އިމްރާން

ސަރުކާރު ކޯލިޝަންގެ ތެރެއިން އިސްލާމް ދީނަށް ގޮންޖަހައި ނިކަމެތިކަން ދޭނަމަ އެ ކޯލިޝަންގައި އަދާލަތު ޕާޓީ ނޯންނާނެ ކަމަށް އެޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިމަހުގެ 30 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބުގެ ތިންވަނަ ދައުރަށް ޕާޓީގެ ރައީސްކަމަށް ކުރިމަތިލައްވައި، އިންތިހާބުގެ ކެމްޕެއިން ލޯންޗު ކުރުމަށް ރޭ ބޭއްވި އިވެންޓުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ އަދާލަތުން މީގެ ކުރިންވެސް ގަބޫލު ކުރަމުން އައި ހަމަތަކާއި އުސޫލުތައް ދޫ ނުކޮށްލާނެ ކަމަށެވެ.
އެގޮތުން އަދާލަތަކީ އިސްލާމީ އުސޫލުތަކުގެ މަތީގައި ދެމިއޮތް ޕާޓީއެއްކަން ފާހަގަ ކުރައްވައި އިމްރާން ވިދާޅުވީ ސަރުކާރު ކޯލިޝަންގެ ތެރެއިން ރައްޔިތުންނަށް ގެއްލުމާއި ނިކަމެތިކަން އަދި އިސްލާމްދީނަށް ގޮންޖަހާ ނިކަމެތިކަން ދޭނަމަ އެ ކޯލިޝަނެއްގައި އަދާލަތު ޕާޓީ ނޯންނާނެ ކަމަށެވެ.
އިމްރާން ވިދާޅުވި ގޮތުން މި ސަރުކާރުން އެފަދަ އެއްވެސް ކަމެއް ނުކުރެ އެވެ. މި ސަރުކާރަކީ ދިވެހި ރައްޔިތުންނަށް ލާބަޔާ މަންފާއާ ހެޔޮގޮތް ހުރި ކަންކަން ގެނައުމަށްޓަކާ ހިތްވަރާ އަޒުމާއެކު މަސައްކަތް ކުރާ ސަރުކާރެއް ކަމަށް އިމްރާން ވިދާޅުވި އެވެ.
ސަރުކާރަށް އިތުރަށް ތައުރީފު ކުރައްވަމުން އިމްރާން ވިދާޅުވީ ރާއްޖެއަށް ކޮވިޑް-19 ގެ ބަލިމަޑުކަން އައުމާއި އެކު އިދިކޮޅުން އުއްމީދު ކުރީ މުޅި ރާއްޖެ އިނދަޖެހި، ރައްޔިތުން ބަނޑަށް ޖެހޭނެ ކަމަށް ނަމަވެސް އެކަން އެގޮތަށް ނުވެ ދިޔައީ ސަރުކާރުގެ ކުޅަދާނަ ކަމުން ކަމަށެވެ.
އެ ހާލާތަށް ރާއްޖެ ނުގޮސް އިގްތިސޯދު އަލުން ރަނގަޅުވާ މަންޒަރު ފެންނަމުން ދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހިކުމަތްތެރިކަމުން
- ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
ދީނަށް ފުރައްސާރަ ކުރުމާއި ގޮންޖެހުމުގެ ވާހަކަ އިމްރާން ދެއްކެވިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ފެށުމާއިއެކު ރާއްޖޭގައި ވަނީ އިސްލާމް ދީނާއި ދެކޮޅު ހަރަކާތްތައް އިތުރުވެފަ އެވެ. މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ނަމުގައި ހިންގަމުން އައި ޖަމިއްޔާ އަކުން ދީނާއި ދެކޮޅު ވާހަކަތަކެއް އާންމުކޮށް އެމައްސަލަ ހޫނުވެ މި ސަރުކާރުން ވަނީ ޖަމިއްޔާ އުވާވެސް ލައިފަ އެވެ. އެ ޖަމިއްޔާގައި މިސަރުކާރުގެ އިސް މަގާމުތަކަށް ނިސްބަތްވާ ބައެއް ބޭފުޅުންގެ މަސްލަހަތުވެސް އޮވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ