ރައީސް ޔާމީން ޖަަލަށްލި ދުވަހު ދެރަވެ ރޮވުނު: ރައީސް ނަޝީދު

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލެވުނު ދުވަހު އެކަމާ ދެރަވެ ރޮވުނުކަމަށް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މި މޭރުމުން ވާހަކަފުޅު ދެއްކެވީ އެމްޑީޕީ އޮފީހުގައި ބޭއްވެވި ހާއްސަ ޕްރެސް ކޮންފަރެންސެއްގައެވެ. މި ޕްރެސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހިރާއްޖޭގެ ކުރީގެ ރައީސްއަކު ޖަލުގައި އެންމެ މިނިޓެއް ހޭދަކުރައްވަންވެސް އެމަނިކުފާނު ނޭދޭ ކަމަށެވެ. މިކަމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތް ވަރަށް ސާފުކަމަށާއި އެކަން އެގޮތަށް ދެމެހެއްޓުމަށް އެމަނިކުފާނު މަސައްކަތް ކުރައްވާފައިވާނެކަންވެސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުންވެސް، ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ޖަލަށްލައި އެކަން ކުލަގަދަކޮށް ފާހަގަކުރި ކަމަށްވެސް ވިދާޅުވިއެވެ. އެހެންނަމަވެސްް ރައީސް ޔާމީން ޖަލަށްލީ ދުވަހު ދެރަވެ ރޮވުނު ކަމަށްވެސް ވިދާޅުވިއެވެ. އަދި އެއީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތް ނޫންކަމަށްވެސް ވިދާޅުވިއެވެ. އެހެންނަމަވެސް ވެރިކަމަކީ ހިތަކަށް ލިބޭ އެއްޗެއް ނޫންކަން ވެރިކަން ކުރާ ހުރިހާ ފަރާތްތަކުންވެސް ދަންނަންވާނެކަމަށާއި ވެރިކަން ހިތުހުރި ގޮތަކަށް ނުކުރެވޭނެކަމަށް ވިދާޅުވިއެވެ.
އިތުރަށް ރައީސް ނަޝީދު ވިދާޅުވީ، ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމަށް މިހާރު އިތުބާރު ކުރެވޭކަމަށާއި، އިސްތިއުނާފްކުރުމުގެ ފުރިހަމަ ހައްގު ރައީސް ޔާމީންއަށް ލިބިވަޑައިގަންނަވާނެކަމަށެވެ. ކުރީ ސަރުކާރުން ހިންގާފައިވާ ގިނަ ކޮރަޕްޝަންތަކެއް ތަހުގީގުކޮށް އެ ބޭފުޅުންނަށް މި ސަރުކާރުން ދަނީ ފިޔަވަޅު އަޅަމުންނެވެ. މިކަމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބު ކައިރިވެފައިވާއިރު، އިދިކޮޅު ފަރާތްތަކުން ޖަލުގައި ތިބުން ބަލައި ނުގަނެވޭނެކަމަށެވެ.
މިއަދު ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ރައީސް ނަޝީދުވަނީ އިންތިގާލީ އިންސާފުގެ ބިލުގެ އިތުރުން ފުލުހުންގެ ބިލާއި ގުޅޭ ގޮތުންވެސް ވާހަކަފުޅުދައްކަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ