އެއާޕޯޓް މަދުކަމުގެ ޝަކުވާތަކާ މެދު ނަޝީދު ނުރުހުންފާޅުކުރައްވައިފި

ބައެއް އަތޮޅުތަކުގައި އެއާޕޯޓް މަދުވެފައި އަނެއްބައި އަތޮޅުތަކުގައި އެއާޕޯޓްތައް ގިނަކަމުން މެމްބަރަކު ޝަކުވާ ކުރެއްވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަމާ މިއަދު ނުރުހުން ފާޅުުކުރައްވައިފި އެވެ.
ޓޫރިޒަމްގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބިލު ދިރާސާކުރަން މިއަދު ކުރިއަށްދާ މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ވިިދާޅުވީ ބައެއް އަތޮޅުތަކުގައި ފަސް އެއާޕޯޓް އޮތް އިރު ރ. އަތޮޅުގައި އޮތީ އެންމެ އެއާޕޯޓެއް ކަމަށާއި އެތަނުން މުޅި އަތޮޅަށް ފައިދާ ނުވާ ކަމަށެވެ. ރ. އަތޮޅުގައި ލޯކަލް ޓޫރިޒަމް ކުރިއަށް ނުދަނީ އެހެންވެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ލ. އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ނެތުމުން ޓޫރިޒަމަށް ހުރި ހުރަސްތަކުގެ ވާހަކަ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވެސް އޭގެ ފަހުން ދެއްކެވި އެވެ.
އެ ދެ މެމްބަރުންގެ ވާހަކަ އަށް ފަހު ނަޝީދު ވިދާޅުވީ އެއާޕޯޓަކުން ދެކޮޅު ޖެހެނީ އެ އެއާޕޯޓަކަށް ވަކި އަދަދަކަށް މީހުން ގޮސްގެން ކަމަށާއި ކޮންމެ ރަށަކީ ވަކި ގައުމެއް ނޫން ކަަމަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ލޯނުތަކެއް ނަގާފައި އޮތް އޮތުމަށް ވެސް އެއާ އެކު އެމަނިކުފާނު ފާޑުވިދާޅުވި އެވެ.
"އިއްޒަތްތެރި މެމްބަރުން، އަޅުގަނޑު މިއީ ގޯސްމީހާ ކަމަށް ވެދާނެ މި ގޮނޑީގައި އިންނަން. އެހެން ނަމަވެސް ދަންނަވަންތޯ، ދުނިޔޭގައި އެއާޕޯޓެއް ރަނގަޅަށް ދެކޮޅު ޖެހެނީ، ކޮންމެވެސް އަދަދަކަށް އެއަށް މީހުން އައިމާ. ކޮންމެ ރަށަކީ [ވަކި] ގައުމެއް ނޫން. އަދި ރާއްޖޭޭގެ ކޮންމެ އަތޮޅަކީ ވެސް [ވަކި] ގައުމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަައްމަދު ނަޝީދު: އެއާޕޯޓް މަދުވުމުގެ ޝަކުވާއަށް އެމަނިކުފާނު މިއަދު ނުރުހުން ފާޅުކުރެއްވި-- ފޮޓޯ/މަޖިލިސް
އެމަނިކުފާނު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް އަންނަނީ މިލިޔަނެއް ނުވަތަ ދެ މިލިޔަނެއްހާ މީހުން ކަމަށެވެ. އެ އެއާޕޯޓަށް މީހުން އަންނަ އަދަދު މަދުކަމަށް އެމަނިކުފާނު ވިދާޅުވިޔަސް ހަގީގަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ މީހުންގެ އަދަދު، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ކުރީގައި ބިނާވެފައި އޮތީ ޖާގަ އޮތް ވަރުގެ މައްޗަށެވެ. ޖާގައިގެ ދަތިކަމުން މަތިންދާބޯޓްތައް ޖެއްސުން ލަސްކުރަން ޖެހުމާއި ދުވާލެއްގެ ތެރޭގައި ކުރާ ދަތުރުކުރަން ލިމިޓްކުރަން ޖެހުން ފަދަ ކަންތައްތައް އޭރު ހިނގަ އެވެ.
ތަފާސްހިސާބުތަކުންް ދައްކާ ގޮތުގައި ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެންމެބޮޑު ފައިދާއެއްވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުނި، އެމްއޭސީއެލް އަށެވެެ. އެ ކުއާޓަރުގައި އެ ކުންފުންޏަށް 572 މިލިޔަން ރުފިޔާ ލިބުނު އިރު އެއީ އޭގެ ކުރީ އަހަރުގެ އެ މުއްދަތަށް ވުރެ 175 މިލިޔަން ރުފިޔާ އިތުރު އަދަދެކެވެ.
އެހެން ނަމަވެސް ނަޝީދު މިއަދު ވިދާޅުވީ އެ އެއާޕޯޓް ތަރައްގީކޮށްގެން ދެކޮޅު ނުޖެއްސިގެން އުޅޭ ކަމަށެވެ.
"މިސާލަކަށް ރާއްްޖޭގެ [މައި] އެއާޕޯޓަށް އަދިވެސް މި އަންނަނީ އެއް މިލިޔަން ދެ މިލިޔަނެއްހާ މީހުން. އެއީ ވެސް މާލޭގެ އެއާޕޯޓަށް. އެވަރުން ވެސް އެތަން ދެކޮޅު ޖެހިގެން، އެތަން ތަރައްގީކޮށްގެން މުޅި ދިވެހިރާއްޖެ އަށް މިއުޅެނީ އެކަން ނުވެގެން،" ނަޝީދު ވިދާޅުވި އެވެ.
އެއާޕޯޓްގެ ޝަކުވާ ކުރެއްވި މެމްބަރުންނަށް އެމަނިކުފާނު ވިދާޅުވީ ތަރައްގީގެ ކަންކަމުގައި ރަށުގެ ގޮނޑޮދޮށަށް ވުރެ ދުރަށް ވިސްނަން ޖެހޭ ކަމަށެވެ. އެއީ "ވޯޓުދޭން ތިބި ހަތަރު މީހުންގެ ހިތްހަމަޖެހުމަށް" އެކަނި ކުރާ ކަމަކަށް ވެގެން ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ނަވާރަ ވަނަ މަޖިލިސް ތަފާތުވާނޭ ބުނަނީ މުޅި ރާއްޖޭގެ ވިސްނުން މަޖިލީހަށް ގެންނަން ވެގެން ކަމަށާއި ދާއިރާތަކާއި ރަށްރަށުގެ ޒުވާބުގައި އެ ވިސްނުން ގެއްލިގެން ނުވާނެ ކަމަށް ވިދާޅުވެ، މެމްބަރުންނަށް އެމަނިކުފާނު ނަސޭހަތް ދެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ