ރާއްޖެޓީވީ ދެ މިލިއަނުން ކުރި ޖޫރިމަނާ ބާތިލް، ފައިސާ ހަދިޔާކުރަނީ ކުޑަކުދިންގެ ހިޔާއަށް!

ރާއްޖެޓީވީ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރި ފައިސާ އެ ޗެނަލްއަށް އަނބުރާ ދިނުމަށް ނިންމާފައިވާތީ، އެ ފައިސާ ހަދިޔާކުރަން ނިންމާފައިވަނީ ކުޑަކުދިންގެ ހިޔާއަށް ކަމަށް ރާއްޖެޓީވީއިން ބުނެފިއެވެ.
2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖެޓީވީ ހަތަރު ފަހަރަކު މަތިން ޖޫރިމަނާކޮށްފައިވެއެވެ. އެގޮތުން، 200،000 ރުފިޔާ، 500،000 ރުފިޔާ އެއް މިލިއަން ރުފިޔާ އަދި އެންމެ ފަހުން 2 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ. 
މީގެތެރެއިން 2 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވަނީ 16 މާރޗް 2018ގައި ބޭއްވެވި މުޒާހަރާއެއްގެ ލައިވް ކަވަރޭޖްގައި ރައީސް ޔާމީންގެ އަބުރު ގެއްލޭފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ކޮށް ގައުމުގެ އަމާންކަން ނަގާލަން މަސައްކަތް ކުރިކަމަށް ބުނެއެވެ. މި މައްސަލަ ދެ ފަހަރެއްގެ މަތިން ރާއްޖެޓީވީއިން ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހަޅާފައިވެއެވެ.
މި މައްސަލަ ރިވިއު ކުރުމަށްފަހު ބޭއިންސާފުން ކޮށްފައިވާ ޖޫރިމަނާއެއް ކަމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނިންމާފައިވާކަން، ރާއްޖެޓީވީގެ މެނޭޖިންގ ޑިރެކްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމްވަނީ ކަށަވަރުކޮށްދެއްވާފައެވެ.
މިކަމާއި ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައި ސަލީމް ވިދާޅުވީ، ރާއްޖެޓީވީ އަށް މުހިންމީ އިންސާފުކަމަށެވެ. އިންސާފު މިހާރު ލިބިފައިވާކަމަށާއި ރާއްޖެޓީވީއިން އެ ފައިސާ ބޭނުންނުކުރާނެކަމަށް ސަލީމް ވަނީ ވިދާޅުވެފައެވެ. އެގޮތުން ފައިސާ ހަދިޔާކުރުމަށް ނިންމާފައިވަނީ ކުޑަކުދިންގެ ހިޔާއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ