ޑްރަގްގެ ތުހުމަތުތަކަށް ޝްރަދާ ކަޕޫރް އިންކާރު

ޝްރަދާ، ސާރާ، ދީޕިކާ އަދި ރަކުލްގެ ފޯނު ވެސް އެންސީބީން ވަނީ ހިފަހައްޓާފައި.
މަސްތުވާތަކެތި ބޭނުން ނުކުރާ ކަމަށާއި އެފަދަ އެއްޗެއްގެ މުއާމަލާތެއް ވެސް ނުހިންގާ ކަމަށް ބަތަލާ ޝްދަރާ ކަޕޫރް ނާކޮޓިކްސް ކިންޓްރޯލް ބިއުރޯ (އެންސީބީ) އަށް ހޮނިހިރު ދުވަހު ދިން ބަޔާނުގައި ބުނެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑްގެ ތަރިންތަކެއް މަސްތުވާތަކެތި ޓްރެފިކްކޮށް، ބޭނުންކުރާ ކަމަށް ބުނެ ހޫނުވެފައިވާ މައްސަލަ އެންސީބީން މިހާރު ބަލަން ފަށައި، އެ މަސައްކަތުގެ ތެރެއިން އަންނަނީ ގިނަ ތަރިންތަކަކާ ސުވާލުކުރަމުންނެވެ. އެގޮތުން އެންމެ ފުރަތަމަ ސުވާލުކުރި ބަތަލާއިންގެ ތެރޭގައި ޝްރަދާ އާއި ދީޕިކާ ޕަދްކޯން އާއި ސާރާ އަލީ ޚާނާއި ރަކުލް ޕްރީތު ސިންގް ހިމެނެ އެވެ.
މީޑިއާތަކުން ބުނީ އެންސީބީގެ އޮފިޝަލުން ކުރި ސުވާލުތަކަށް ޖަވާބުދެމުން، މަސްތުވާތަކެތީގެ ތުހުމަތުތަކަށް ޝްރަދާ އިންކާރުކޮށްފައިވާ ކަމަށެވެ. އެކަމަކު އެންސީބީ އަށް ދިން ބަޔާނުގައި އެކްޓަރު ޝަކްތީ ކަޕޫރްގެ ދަރިފުޅު ވަނީ ޖޫން މަހު މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު 2019 ގައި ގެސްޓްހައުސްއެއްގައި ބޭއްވި ޕާޓީއެއްގެ ތެރޭގައި ކެނަބިހާއި ބަނގުރާ ގެންގުޅުނު ކަމަށް ބުނެފަ އެވެ. އަދި އެ ޕާޓީގެ ތެރޭގައި ސުޝާންތު އެ ތަކެތި ބޭނުންކުރި ތަން ވެސް ފެނުނު ކަމަށާއި އެކަމަކު އަމިއްލަ އަށް އެފަދަ އެއްޗެއް އެއްވެސް އިރެއްގައި ބޭނުން ނުކުރާ ކަމަށް ޝްރަދާ ބުނެފައިވެ އެވެ.
ޝްރަދާ، ސުޝާންތު އަދި ސާރާ.
ޝްރަދާ އާއި ސުޝާންތަކީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ޗިޗޯރޭ" ގައި އެކީގައި މަސައްކަތްކުރި ދެ ތަރިންނެވެ. ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ފިލްމުގެ ޝޫޓިންގެ ތެރޭގައި ދެ ތަރިން ސުޝާންތުގެ ވެނިޓީ ވޭނުގެ ތެރޭގައި ވެސް މަސްތުވާތަކެތި ބޭނުންކޮށްފައިވެ އެވެ.
ޝްރަދާ، 33، އަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ސުޝާންތާ އެކު މަސައްކަތްކުރި ޓެލެންޓް މެނޭޖްމަންޓް އެޖެންސީ ކްވާންގެ ޖާޔާ ސާހާ މެދުވެރިކޮށް ކެނަބިސްގެ މުއާމަލާތެއް ހިންގި ބުނާ މައްސަލަ ވެސް ހިމެނެ އެވެ. ނަމަވެސް އެކަމަށް ވެސް ޝްރަދާ އިންކާރުކޮށްފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.
ސާރާ، 24، ވެސް އެންސީބީ އަށް ދިން ބަޔާނުގައި، މަސްތުވާތަކެއްޗާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފައި ކަމަށް މީޑިއާތަކުން ބުނެ އެވެ. ނަމަވެސް އޭނާގެ ފުރަތަމަ ފިލްމު 2018 ގެ "ކޭދަރުނާތު" ގެ ބަތަލު ސުޝާންތާ އެކު ތައިލެންޑަށް އެ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައި ކުރި ޗުއްޓީ ދަތުރުގެ ތެރޭގައި ސުޝާންތު މަސްތުވާތަކެތި ބޭނުންކުރި ތަން ފެނިފައިވާ ކަމަށް ބުނެފައިވެ އެވެ. ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާގެ ބަޔާނާ ހަވާލާދީ މީޑިއާތަކުން ބުނެފައިވާ ގޮތުގައި "ކޭދަރުނާތު" ޝޫޓްކުރި އިރު ލިބޭ ހުސް ވަގުތުތަކުގައި ވެސް ސުޝާންތަކީ ތަކުރާރުކޮށް މަސްތުވާތަކެތި ބޭނުންކުރި މީހެކެވެ.
ޝްރަދާ، ސާރާ، ރަކުލް އަދި ދީޕިކާ.
ސުޝާންތު މަރުވި އިރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބަތަލާ ރިއާ ޗަކްރަބަތީ، 27، ވެސް ވަނީ ސުޝާންތަކީ މެރުއާނާ އެޑިކްޓެއް ކަމަށް އެންސީބީ އަށް ދިން ބަޔާންތަކުގައި ބުނެފަ އެވެ. އަދި ސުޝާންތު އެދިގެން މަސްތުވާތަކެތި ހޯދައި ވެސް ދިން ކަމަށާއި އެ އެއްޗެހި ބޭނުންކުރަން އޭނާ އަށް ވެސް ސުޝާންތު ބައެއް ހާލަތްތަކުގައި މަޖުބޫރުކޮށްފައިވާ ކަމަށް ރިއާ ބުނެފައިވެ އެވެ. ރިއާ އަކީ ސުޝާންތުގެ މަރުގެ ތަހުގީގަށް ހައްޔަރު ވެސް ކޮށްފައި ހުރި ބަތަލާއެކެވެ.
ޖޫން މަހުގެ 14 ގައި މަރުވި ސުޝާންތު، 34، ގެ މަރުގެ މައްސަލަ ތަހުގީގުކުރަނީ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ