ވަޒީރުންނަށް ނަޝީދު ނުފޫޒު ފޯރުވާތީ އެކަން ހުއްޓުވަން އެދިއްޖެ

ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ސިޔާސީ ނަހަމަ ނުފޫޒު، އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ތަކުރާރު ކުރައްވާ ކަމަށް ތުހުމަތުކޮށް އެކަން ހުއްޓުވައިދޭން އެމްޑީޕީގެ ޗެއާޕާސަންގެ އަރިހުން އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ނައިބު މުގައްރިއު ޝުއައިބު އަލީ އެދިވަޑައިގެންފިއެވެ.
ޝުއައިބު މިހެން ވިދާޅުވެފައިމިވަނީ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފަށް، ނަޝީދު ފޮނުއްވި ސިޓީއެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މަގާމުން އެކަހެރިވެވަޑައިގަތުމަށް ދަންނަވާފައި ވަނިކޮށެވެ.
އެކަމާ ގުޅިގެން ޝުއައިބު، ހަސަން ލަތީފަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ގާނޫނުއަސާސީގެ ފަސް ވަަނަ ބާބުގައި ވަޒީރަކު އަދާކުރަން ޖެހޭ ވާޖިބުތަކާއި ޖަވާބުދާރީ ކުރުވަން ޖެހޭ ގޮތް ބަޔާން ކޮށްފައި އޮތުމާއި، އެމްޑީޕީގެ އަސާސީ ގަވާއިދާއި ޕާލަމެންޓްރީ ގްރޫޕުގެ ހިންގާ ގަވާއިދާއި، ޕާޓީގެ އެކި ގުނަވަންތަކުން އަމަލު ކުރަން ޖެހޭ ގޮތްވެސް ސާފުކޮށް ލިޔެ ބަޔާންކޮށްފައިވާ ކަމަށެވެ.
އަދި މަޖިލިސް މެންބަރުން ތަބާވާން ޖެހޭ އުސޫލުތައް މަޖިލިސް ގަވާއިދުގައި އޮންނައިރު، ނަޝީދުގެ އަމިއްލަފުޅު މަސްލަހަތަށް އަނެއްކާވެސް ޕާޓީ ގުރުބާން ކުރުމަކީ ޣައްދާރުވުން ކަމަށް ދެކޭ ކަމަށް ޝުއައިބު ވިދާޅުވިއެވެ.
"ޚިޔާލުތަފާތުވިޔަސް ޤައުމަށާއި ރައްޔިތުންނަށް ގެއްލުންލިބި ޕާޓީގެ ވެރިން އެކަކު އަނެއްކަކަށް ދެފުރަގަސް ޖައްސާ ހިސާބަށް މައްސަލަތައް ގެންދިއުމަކީ ރައްޔިތުން އިތުރަށް ނިކަމެތިވެ ހާސްކަމުގެ ތެރެއަށް ވެއްޓޭނެ ކަމެކެވެ. އެމްޑީޕީގެ ވެރިންގެ އިތުބާރު ރައްޔިތުންގެ ތެރޭގައި ގެއްލޭނެކަމެވެ" އެ ސިޓީގައި ވިދާޅުވެފައިވެއެވެ.
އެހެންކަމުން ނަޝީދު ޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފަށް އަމަލުކުރެއްވުމާއި، ޕާޓީ ތަމްޞީލް ކުރެއްވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އުފުއްލެވުމުގައި އަމިއްލަ މަސްލަހަތު އިސްކުރެއްވުމާއި، ޕާޓީގެ ރައީސްކަމުގެ މަޤާމުގައި ހުންނަވައިގެން ޤާނޫނު އަސާސީ އިން ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙު އަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ސިޔާސީ ނުހަމަ ނުފޫޒް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް މުޙައްމަދު ނަޝީދު ތަކުރާރު ކުރައްވާތީ އެކަން ހުއްޓުވުމަށް ކުރެއްވެން ހުރި އެންމެހާ މަސައްކަތް ޕާޓީގެ ޗެއަރ ޕާސަންގެ ހައިސިއްޔަތުން ހަސަން ލަތީފް ކޮށްދެއްވުމަށް ޝުއައިބު ވަނީ އެދިފައެވެ.
މީގެއިތުރުން ރައީސް ސޯލިހާއި ނަޝީދުއާއި ދެބޭފުޅުން އެއްމޭޒުދޮށުގައި ބައިތިއްބައިގެން މި މައްސަލައަށް ސުލްޙަވެރި ހައްލު ހޯއްދަވާދެއްވުމަކީ ޕާޓީގެ ޗެއަރ ޕާސަން ހަސަން ލަތީފްގެ ޤާނޫނީ ވާޖިބެއް ކަމަށްވެސް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ