ފަހަތުން އަރައި އާސެނަލް ބަލިކޮށް ލިވަޕޫލަކީ ޗެމްޕިއަނުންކަން ހަނދާންކޮށްދީފި

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އާސެނަލް އިން ލަނޑެއް ޖަހައި ކުރި ހޯދައިފައި ވަނިކޮށް ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން ލިވަޕޫލުން މެޗު ކާމިޔާބުކޮށްފި އެވެ. މިއީ އާސެނަލްގެ ކޯޗުކަމުގެ މަގާމާ އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މިކެލް އާޓެޓާ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހަވާލުވި ފަހުން ލިވަޕޫލް އަތުން އާސެނަލް ބަލިވި ފުރަތަމަ ފަހަރެވެ. ރޭގެ މެޗުގެ ކުރިން އާސެނަލް އާއި ލިވަޕޫލް ދެފަހަރެއްގެ މަތިން މިއަހަރު ވާދަކޮށްފައިވާ އިރު އެ ދެފަހަރުވެސް މެޗު ކާމިޔާބުކޮށްފައިވަނީ އާސެނަލުންނެވެ.
އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި އާސެނަލުން ލީޑު ނެގީ މެޗްގެ 25 ވަނަ މިނެޓުގައެވެ. ލިވަޕޫލްގެ ޑިފެންޑަރު ސްކޮޓްލެންޑްގެ އެންޑްރޫ ރޮބަޓްސަން އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން މި ލަނޑު އާސެނަލް އަށް ކާމިޔާބުކޮށްދިނީ ފްރާންސްގެ ފޯވާޑް އެލެގްޒެންޑްރޭ ލަކާޒޭ އެވެ. އާސެނަލުން މެޗުގެ ކުރީކޮޅު ލީޑު ނެގި ނަމަވެސް އެ ޓީމަށް ލީޑް ހިފަހައްޓާލެވޭ ވަރުވީ އެންމެ ދެ މިނެޓު ވަންދެންނެވެ. އާސެނަލުން ލަނޑު ޖެހިތާ ތިންވަނަ މިނެޓުގެ ތެރޭގައި ދެން ފެނުނީ ލިވަޕޫލްގެ ނުރައްކާތެރި ފޯވާޑް ސަޑިއޯ މާނޭ ގޯލް ޖަހައި ލިވަޕޫލަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ތަނެވެ.
ލިވަޕޫލުން ރޭގެ މެޗުގައި ލީޑު ނެގީ މެޗުގެ 34 ވަނަ މިނެޓުގަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓްރެންޓް އެލެގްޒެންޑަރ އާނޯލްޑް ނަގައިދިން ހުރަހަކުން ޑިފެންޑަރު ރޮބަޓްސަން އެވެ. ރޭގެ މެޗުގައި ތަފާތު ބޮޑުކޮށް ލިވަޕޫލުން އާސެނަލް އަށްވުރެ މޮޅަށް ކުޅުނު ނަމަވެސް މެޗުގެ ނަތީޖާ ހަމަހަމަކުރަން އާސެނަލް އަށް ރަގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު މެޗުގެ ފަހު ހާފުގައި އާސެނަލްގެ އުމުރުން 29 އަހަރުގެ ފޯވާޑް ލަކާޒޭ އަށް ލިބުނު ހުސް ފުރުސަތުގައި އޭނާ އަށް ގޯލަށް ބޯޅަ ފޮނުވާލެވުނީ މާ މަޑުންނެވެ. އެ ބޯޅަ ގޯލަށް ވަނަ ނުދީ ސަލާމަތްކުރީ ލިވަޕޫލްގެ ބްރެޒިލް ގޯލްކީޕަރު އެލިސަން އެވެ.
ރޭގެ މެޗުގައި ލިވަޕޫލްގެ ތިންވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ 47 މިލިއަން ޕައުންޑަށް ވޮލްވްސް އިން ލިވަޕޫލަށް މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ބަދަލުވި އުމުރުން 23 އަހަރުގެ ޑިއޮގޯ ޖޯޓާ އެވެ. މި ލަނޑު ކާމިޔާބުކުރުމުގެ ކުރިން ޕޯޗުގަލްގެ ފޯވާޑް ޖޯޓާ އަށް ލަނޑެއް ޖަހަން ރަގަޅު ފުރުސަތެއް ލިބި ބޭކާރުވެފައިވެ އެވެ. ރޭގެ މެޗުގައި ލިވަޕޫލުން ވަނީ ގިނަ ހަމަލާތަކެއް އާސެނަލްގެ ގޯލާ އަމާޒުކޮށް ފޮނުވާލައިފަ އެވެ.
ރޭގެ ނަތީޖާ އާއެކު މިހާތަނަށް ލީގުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ލިވަޕޫލް ވަނީ ޓޭބަލްގެ ދެވަނަ އަށް ޖެހިލައިފަ އެވެ. ލިވަޕޫލާ އެއްވަރަށް ޕޮއިންޓް ލިބިގެން ޓޭބަލްގެ އެއްވަނައިގައި ލެސްޓަރ ސިޓީ އޮތްއިރު އާސެނަލް އޮތީ ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ޓޭބަލްގެ ފަސް ވަނައިގަ އެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި އިތުރު މެޗެއް ކުޅުމުގެ ކުރިން މިހަފްތާގައި ލިވަޕޫލާއި އާސެނަލް އަދި އެއްފަހަރު ބައްދަލުކުރަން ވަނީ ހަމަޖެހިފަ އެވެ. އިނގިރޭސި ލީގު ކަޕްގެ ހަތަރުވަނަ ބުރުގައި މި ދެޓީމު ވާދަކުރާ މެޗް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ލިވަޕޫލްގެ ދަނޑުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ