ކޮވިޑް-19 އަށް ޝައްކުވާ މީހުންނާ މެދު އާންމުން ތަފާތު ނުކުރަން ރެޑް ކްރެސެންޓުން އެދިއްޖެ

ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން ޓެސްޓް ކުރާ މީހުންނާ މެދު އާންމުން ތަފާތު ކުރާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި އެކަން އެގޮތަށް ނުކުރަން މޯލްޑިވްސް ރެޑް ކްރެސެންޓުން މިރޭ އިލްތިމާސްކޮށްފި އެވެ.
ކޮވިޑް-19 އަށް ރާއްޖެ އިން މިހާތަނަށް 19 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރެއިން ހަ މީހަކު ފިޔަވައި ދެން ތިބިި އެންމެން މިހާރު ވަނީ ރަނގަޅުވެފަ އެވެ. ބާކީ ތިބި ހަ މީހުންގެ ތެރެއިން އިނގިރޭސި ވިލާތުން ރާއްޖެ އައި ހަތަރު ދިވެހިން ފިޔަވައި އިތުރު ދިވެއްސެއްގެ ގައިން އެ ވައިރަސް ފެނިފައި ނުވިޔަސް، ޝައްކު ކުރެވޭ އަލާމާތްތައް ފެންނަ މީހުން ދަނީ ޓެސްޓް ކުރަމުންނެވެ. މިހާރު ރާއްޖެ އިން ރަނގަޅު ނުވެ ތިބީ ހަތަރު ދިވެހިން އެކަންޏެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން މިރޭ ބޭއްވި މީޑިއާ ބްރީފިންގައި ރެޑް ކްރެސެންޓުގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ހިމްޔާ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން، ނަފްސާނީ އެހީތެރިކަން ފޯރުކޮށް ދިނުމަށް އެ ޖަމާއަތުން ކުރާ މަސައްކަތުގައި، އެ ބައްޔަށް ޝައްކު ކުރެވިގެން ޓެސްޓް ކުރެވޭ މީހުންނާ މެދު އާންމުން ތަފާތު ގޮތަށް އަމަލުކުރާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އޭގެ ސަބަބުން، މުޖުތަމައުގެ ތެރެއަށް އަނބުރާ އައުމަށް އެފަދަ މީހުންނަށް ދަތިތައް ކުރިމަތިވާ ކަމަށް ހިމްޔާ ވިދާޅުވި އެވެ.
"މިސާލަކަށް ރިސޯޓްތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތެރޭގައި ޓެސްޓް ކުރެވޭ ފަރާތެއް ހުރެދާނެ. ހުރެފައި އަނބުރާ ރަށަށް ދާއިރު، ރަށުން އެ މީހާ ބަލައިގަތުމާއި މުޖުތަމައުގެ ތެރެއަށް އަނބުރާ އައުމާއި މުޖުތަމައުގެ ތެރޭގައި އުޅުމަށް ދަތިތަކެއް އެބަ ދިމާވޭ. ހަމަ އެގޮތަށް މާލޭގައި ވެސް މި ކަހަލަ ކަންތައްތައް އެބަ ދިމާވޭ،" އެންއީއޯސީ ހިންގާ ދަރުބާރުގޭގައި އޮތް ބްރީފިންގައި ހިމްޔާ ވިދާޅުވި އެވެ.
އެންއީއޯސީގެ މިރޭގެ މީޑިއާ ބްރީފިންގައި، ނޫސްވެރިއެއްގެ ސުވާލު ހިމްޔާ އަޑުއައްސަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
އޭނާ ވިދާޅުވި ގޮތުގައި، އެ ވިސްނުން ބަދަލުކޮށް، އެފަދަ މީހުންނާ މެދު ތަފާތު ކުރުން ނައްތާލަން ޖެހެ އެވެ. އަދި ބިދޭސީންނާ މެދު ވެސް ގޯސް ގޮތަކަށް ދެކޭ ގޮތް ވެސް ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. ކޮވިޑް-19 އަކީ ވަކި ބަޔަކަށް އެކަނި ޖެހޭ ބައްޔެއް ނޫން ކަން ފާހަގަ ކުރައްވައި، އެންމެން ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އިސްކަން ދިނުމަށް ހިމްޔާ ގޮވާލެއްވި އެވެ.
"ވަކި ފަރާތަކަށް ބަލި ޖެހިއްޖިއްޔާމު ހަދާނެ ގޮތެއް ނޫން ކަން ނޭނގޭ އަޅުގަނޑުމެން ވިސްނަން ޖެހޭނީ. އާންމުންގެ ތެރޭގައި ކޮންމެ މީހަކަށް ވެސް ބަލި ޖެހިއްޖިއްޔާމު ދެން އެކަން އަޅުގަނޑުމެން ހައްލު ކުރާނެ ގޮތެއް ނުވަތަ އެކަމަށް އަޅުގަނޑުމެން ތައްޔާރުވެ ތިބުން މުހިންމީ،" ހިމްޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރެޑް ކްރެސެންޓުން މިހާތަނަށް ނަފްސާނީ އެހީތެރިކަން 900 އަށް ވުރެ ގިނަ މީހުންނަށް ފޯރުކޮށް ދީފައިވާ ކަމަށާއި އޭގެ ތެރޭގައި ކަރަންޓީންގައި ތިބި މީހުން ވެސް ހިމެނޭ ކަމަށެވެ. އަދި ކަރަންޓީންގައި ތިބި މީހުންނަށް ޚާއްސަކޮށް އޮންލައިންކޮށް ނަފްސާނީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ޕްރޮގްރާމްތަކެއް ވެސް މިހާރު ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، ރާއްޖެއިން ބޭރުން އައުމުން ކަރަންޓީން ފެސިލިޓީ އަަށް ގެންދިޔަ މީހުންނަށް ގުޅުމުގައި ދަތިތަކެއް ދިމާވާތީ އެކަން ހައްލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ހިމްޔާ ވިދާޅުވި އެވެ.
"މިސާލަކަށް ރިސޯޓްތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތެރޭގައި ޓެސްޓް ކުރެވޭ ފަރާތެއް ހުރެދާނެ. ހުރެފައި އަނބުރާ ރަށަށް ދާއިރު، ރަށުން އެ މީހާ ބަލައިގަތުމާއި މުޖުތަމައުގެ ތެރެއަށް އަނބުރާ އައުމާއި މުޖުތަމައުގެ ތެރޭގައި އުޅުމަށް ދަތިތަކެއް އެބަ ދިމާވޭ. ހަމަ އެގޮތަށް މާލޭގައި ވެސް މި ކަހަލަ ކަންތައްތައް އެބަ ދިމާވޭ،" ހިމްޔާ
މީގެ އިތުރުން ކޮވިޑް-19 އަށް ބިދޭސީން ހޭލުންތެރި ކުރުމަށްޓަކައި ޕްރޮގްރާމްތަކެއް ހިންގަމުންދާ ކަމަށާއި މިހާތަނަށް 2،000 އަށް ވުރެ ގިނަ ބިދޭސީންނަށް އެ ޕްރޮގްރާމް ހިންގާފައިވާ ކަމަށް ވެސް ހިމްޔާ ވިދާޅުވި އެވެ. ލީފްލެޓާއި ޕޯސްޓަރު ފަދަ ވަސީލަތްތައް މެދުވެރިކޮށް 40،000 އެއްހާ މީހުންނަށް އޭގެ މައުލޫމާތު ފޯރުކޮށް ދެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހިމްޔާ ވިދާޅުވި ގޮތުގައި ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 400 އެއްހާ ވޮލަންޓިއަރުން ހަރަކާތްތެރިވަމުން ދާއިރު، އެ މީހުން މިހާތަނަށް ވަނީ 9،000 ގަޑިއިރުގެ ޚިދުމަތް ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ