"އަންނައަހަރު އިޤްތިސާދީ ދުވެލި އެދެވޭ މިންވަރެއްގައި ކުރިއަރާނެ"

ސަރުކާރުގެ ތަރައްޤީގެ އެކިއެކި މަޝްރޫއުތަކާއިއެކު އިމާރާތްކުރުމުގެ ދާއިރާއަށް އަންނާނެ ކުރިއެރުމަށް ބަލައި، މިހިނގާ ދެހާސް ސޯޅަވަނަ އަހަރު ދިވެހިރާއްޖޭގެ އިޤްތިސާދީ ދުވެލި ވަރަށް އެދެވޭ މިންވަރެއްގައި ކުރިއަރަމުން އަންނަކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ. 
ފިނޭންސް މިނިސްޓްރީން މިކަން ހާމަކުރައްވާފައިވަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓާ ބެހޭގޮތުން އެމިނިސްޓްރީން ތައްޔާރުކުރައްވާފައިވާ ރިޕޯޓެއްގައެވެ. 
ދެހާސް ސަތާރަވަނަ އަހަރަށް ލަފާކޮށް ތައްޔާރުކުރެއްވި ބަޖެޓް ރިޕޯޓްގައި މިއަހަރު ރާއްޖޭގެ އިޤްތިޟޯދާ ބެހޭގޮތުން ފިނޭންސް މިނިސްޓްރީން ވިދާޅުވެފައިވަނީ، ވޭތުވެދިއަ ހަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ހުރިގޮތަށް ބަލާއިރު ދެހާސް ދިހަވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް އިތުރުވަމުން އަންނަކަމަށެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި ދުނިޔެއާއި ރާއްޖޭގެ އިޤްތިޟާދުގެ ލޮޅުންތަކާއިއެކު، ދުވެލި އެއް މިންގަނޑެއްގައި ނުހިފެހެއްޓި އެކި އަހަރުތަކުގައި ދުވެލި މަޑުޖެހިފަވާކަން ފިނޭންސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. 
ފިނޭންސް މިނިސްޓްރީގެ މި ރިޕޯޓްގައި ވިދާޅުވެފައިވަނީ، މިއަހަރުގެ މިހާތަނަށް ލިބިފައިވާ ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ރާއްޖޭގެ އިޤްތިޟާދީ ދުވެލި އެދެވޭ މިންވަރެއްގައި ކުރިއަރާފައިވާކަމަށެވެ. މިގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ އިޤްތިޟާދުގެ ދުވެލި ތިނެއް ޕޮއިންޓް ނުވައެއް އިންސައްތަ ކުރިއެރިއިރު، ދެވަނަ ކުއާޓަރުގައި އިޤްތިޟާދު ހައެއް ޕޮއިންޓް އަށެއް އިންސައްތަ ކުރިއަރާފައިވާކަން މި ރިޕޯޓްގައި ވަނީ ފާހަގަކުރައްވާފައެވެ. މިއީ މި މިންވަރަށް ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން ކުރިއެރި ފުރަތަމަ ފަހަރުކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.
ފިނޭންސް މިނިސްޓްރީގެ މި ރިޕޯޓަށް ބަލާއިރު، ދެހާސް ސާދަ ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުން ފެށިގެން ފަތުރުވެރިކަމުގެ ސިނާއަތުގެ އުފެއްދުންތެރިކަން ދަށްވަމުން އައިނަމަވެސް މިއަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި މި ސިނާއަތުގެ އުފެއްދުންތެރިކަން ދަށަށްދާ މިންވަރުވަނީ މަޑުޖެހިލާފައެވެ. 
އިމާރާތްކުރުމުގެ ދާއިރާއަށް ބަލާނަމަ، މި ދާއިރާ ފާހަގަކުރެވިފައިވަނީ ވޭތުވެދިއަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ އިޤްތިސާދު އެންމެ ބާރަށް ކުރިއަރާފައިވާ ދާއިރާގެ ގޮތުގައެވެ. މި ރިޕޯޓްގައިވާގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އިމާރާތްކުރުމުގެ ދާއިރާގެ އުފެއްދުންތެރިކަމުގެ ކުރިއެރުން އަށާރަ ޕޮއިންޓް ދޭއް އިންސައްތައިގަ ހުރިއިރު، ދެވަނަ ކުއާޓަރުގައި މިއަދަދު ހުރީ ބާރަ ޕޮއިންޓް އަށެއް އިންސައްތައިގައެވެ. މި ރިޕޯޓަށް ބަލާއިރު މިއަހަރުގެ ޖުލައިމަހުގެ ނިއަލަށް، އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރި މިންވަރުވަނީ ތޭވީސް ޕޮއިންޓް ފަހެއް އިންސައްތަ އިތުރުވެފައެވެ. މީގެ އިތުރުންވެސް މިހާރު ރާއްޖޭގައި ހިންގަމުންދާ އުމްރާނީ ތަރައްޤީގެ ބިޔަ މަޝްރޫއުތަކާއި، ގެދޮރު އިމާރާތްކުރުމުގެ މަޝްރޫއުތަކުގެ އިތުރުން ގިނަ ރިސޯޓްތަކެއްގެ މަސައްކަތް ކުރިއަށްދާތީ މިއަހަރު ނިމޭއިރު، އިމާރާތްކުރުމުގެ ދާއިރާގެ އުފެއްދުންތެރިކަން ހަލުވި މިނެއްގައި ކުރިއަރާނޭކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. 
ފިނޭންސް މިނިސްޓްރީގެ މި ރިޕޯޓަށް ބަލާއިރު، މިހިނގާ ދެހާސް ސޯޅަވަނަ އަހަރު ދިވެހިރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ހުންނާނޭކަމަށް ލަފާކުރެވެނީ ފަންސާސް އަށެއް ޕޮއިންޓް އެކެއް ބިލިއަން ރުފިޔާގައެވެ. މިއީ މިދިއަ އަހަރުގެ ނޮވެމްބަރުމަހު އަންދާޒާކުރި މިންވަރަށް ބަލާއިރު އެކެއް ޕޮއިންޓް ނުވައެއް ބިލިއަން ރުފިޔާގެ އިތުރުވުމެއްކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ