ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ އަޑުއަހައި ރައްޔިތުން އެދޭގޮތަށް ކަންކަން ފުރިހަމަކޮށްދޭން: ރައީސް ޞާލިޙް

ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ، ރައްޔިތުންގެ އަޑުއަހައި، ރައްޔިތުން އެދޭގޮތަށް ކަންކަން ފުރިހަމަކޮށްދޭން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 
ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުން: 
ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ، ރައްޔިތުންގެ އަޑުއަހައި، ރައްޔިތުން އެދޭގޮތަށް ކަންކަން ފުރިހަމަކޮށްދޭން. މި ވަގުތަށް ބަލާއިރު، ހިޔާ ފްލެޓުތަކަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ ކަންބޮޑުވުންތަކެއް އެބަހުރި. ޝަކުވާތަކެއްވެސް އެބަހުރި. ސަރުކާރުން މަސައްކަތް މި ކުރަނީ، ހިޔާ ފްލެޓުތަކަށް ބަދަލުވާ މީހުންނަށް ކުރިމަތިވާ ދަތިތައް ޙައްލުކޮށްދޭން.
މިވަގުތު އެމީހުންނަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ، ފްލެޓުތަކުގައި ދިރިއުޅެން ފެށޭވަރު ނުވަނީސް، ކުލި ދައްކަން ފަށަން ޖެހުން. ހިޔާ ފްލެޓުތަކުގެ އެތެރޭގެ މަސައްކަތްތައް ނިންމަން ދިން ތިންމަސް ދުވަސް، މި މަހުގެ ނިޔަލަށް އެ ނިމެނީ. ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ، އެ މުއްދަތުގައި މަސައްކަތް ނިންމައި، އެތަންތާނގައި ދިރިއުޅެން ފެށޭވަރެއްނުވި.
މިކަމަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން، ސަރުކާރުން މިހާރު ނިންމާފައި މިވަނީ، ފްލެޓުތައް ނިންމުމަށްޓަކައި، ކުލި ނުނަގައި، އިތުރު ތިން މަސްދުވަސް، ފްލެޓުތަކުގެ ވެރިންނަށް ދޭން. އަޅުގަނޑު އުންމީދު ކުރަނީ، މި ފެށޭ އަހަރުގެ މާރިޗު މަސް ނިމޭއިރު، މިހާރު ނުނިމިހުރި ފްލެޓުތައްވެސް ނިމިގެން، އެތަންތަނުގައި ދިރިއުޅެން ފެށޭވަރުވާނެ ކަމަށް
ކޯވިޑުން ރައްކާތެރިވުމަށް މިކުރާ މަސައްކަތުގައި، މާތް ﷲގެ ވާގިފުޅާއެކު ރާއްޖެ މިވަނީ، މި ސަރަހައްދުގެ ޤައުމުތަކާ އަޅައިބަލާއިރު އެކަށީގެންވާ ކުރިއެރުމެއް ހޯދާފައި. އަޅުގަނޑުމެންގެ ބޯޑަރުތައް ހުޅުވާލައި، ފަތުރުވެރިކަމާއި، އިޤްތިޞާދީ އެހެން މަސައްކަތްތައްވެސް އަލުން ފަށައިގަނެވިއްޖެ.
މިހާރު ރާއްޖެ އޮތް ޙާލަތަށް ބަލާއިރު، އިޤްތިޞާދީ ނަޒަރަކުން ވިސްނާނަމަ، ރާއްޖެ މިއޮތީ ވަރަށް އުންމީދީ ހިސާބެއްގައި. ކޯވިޑުގެ ކުރިން އޮތް ޙާލަތަށް ނުވަތަ އެއަށްވުރެ ރަނގަޅު ޙާލަތަކަށް، ޤައުމުގެ އިޤްތިޞާދު ގެންދިޔުމަށްޓަކައި، އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ. މިއީ ޤައުމީ މަޞްލަޙަތު އިސްކޮށް، އެންމެން އެއް ޢަޒުމެއްގައި، އެއް ވާނެއްގައި މަސައްކަތް ކުރަންވީ ވަގުތު.
ދިވެހިންގެ މެދުގައި އެއްބައިވަންތަކަން ދެމެހެއްޓުމަކީ، ސަރުކާރުގެ ވަރަށް އިސް ސިޔާސަތެއް. އެ ސިޔާސަތު ދެމެހެއްޓޭނީ ރައްޔިތުންގެ އަޑުއަހައިގެން. ރައްޔިތުން އެދޭ އެދުންތަކަށް އިޖާބަދީގެން. ސަރުކާރެއް އޮތުމުގެ ބޭނުމަކީވެސް އެއީ. ސަރުކާރެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ، އެ ދައުލަތެއްގައި ޝާމިލުވާ އެންމެންގެ އަޑުއަހައި، އެންމެންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދޭން މަސައްކަތް ކުރުން.
މި އަހަރުގެ އެއްބައިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި، އަދިވެސް އެއްފަހަރު ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.
އަޅުގަނޑުގެ ދުޢާއަކީ، ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ރައްކާތެރިކުރެވޭފަދަ ބަދަހި އެއްބައިވަންތަކަމެއް އަޅުގަނޑުމެންގެ ހިތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ސާބިތުކޮށްދެއްވުން. ދިވެހިރާއްޖެއާއި ދިވެހީންނަށް ފާގަތިކަމާއި ބާއްޖަވެރިކަން މިންވަރު ކުރެއްވުން. ރާއްޖޭގެ ތަރައްޤީއަށް މިކުރާ މަސައްކަތުގައި އެކަލާނގެ ބަރަކާތް ލައްވައި ކާމިޔާބު މިންވަރު ކުރައްވާށި! އަޅުގަނޑުމެންގެ ހިތްތައް އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުކުރައްވައި، އެއްބައިވަންތަކަމާއި، އެއްބަނޑު އެއްބަފާކަމުގެ ރޫޙު، އަޅުގަނޑުމެންގެ މެދުގައި އާލާކުރައްވާށި! އެންމެހައި ޤުދްރަތީ ކާރިސާތަކުންނާއި، އެނޫންވެސް ހިތާމަތަކާއި ވޭންތަކުން ސަލާމަތް ކުރައްވައި، އަޅުގަނޑުމެން އެންމެންނަށް އަބަދުވެސް ހެޔޮގޮތް މިންވަރު ކުރައްވާށި! އާމީން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ