ހިޖުރަ ކުރާ ދޫނިތަކުން ރިހަ ކައްކަން ނޫޅުމަށް ނަޝީދު އެދިވަޑައިގެންފި

ހިޖުރަ ކުރާ ދޫނިތަކަށް ގޯނާ ނުކުރުމަށާއި އެފަދަ ދޫނިތަކުން ރިހަ ކައްކަން ނޫޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ މިއީ ރާއްޖެއަށް ދޫނިސޫފާ ސޫފި ހިޖުރަކުރާ މޫސުން ކަމަށާއި އެގޮތުން އިރުވައި މޫސުމުގެ ކުރިއަށް ދޫނި ސޫފާ ސޫފި ދަތުރުކުރުން ގިނަވާނެ ކަމަށް އީޕީއޭ އިން ހާމަކޮށްފައިވާ ކަމަށެވެ.
"އެ އެޖެންސީން އެބަ ބުނޭ މިވަގުތު ރާއްޖޭގައި ގުޑުގުޑާ ދޫނި ކޮންމެވެސް ވަރަކަށް އުޅޭކަމަށް. އެއީ ބައެއް އަހަރު އަހަރު ރާއްޖެ އަންނަ ދޫންޏެއް ކަމުގައި، އަދި އެދޫންޏާއެކު އެހެން ދޫނިތައް ހިޖުރަ ކުރަމުން ދަނީ ބިސްއަޅާ ވިހެއުމަށް" ނަޝީދު ވިދާޅުވި އެވެ.
އެ ދޫނިތަކުގެ ހިޖުރައިގެ މަގަށް ހުރަސްއެޅޭ ބާވަތުގެ ކަންކަން ނުކުރުމަށާއި އެގޮތުން އެ އެތަކެއްޗަށް ގޯނާ ނުކުރުމަށާއި، ހިޖުރާ ކުރާ މަގުގައި ހިޖުރަކޮށް ނިމުމަށް އެހީތެރިވެދިނުމަށް އީޕީއޭ އިން އިއުލާންކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެއީ އަޅުގަނޑުމެން ކަމެއް ނުކޮށް ތިބުން، އެއަށް އަރައިނުގަތުން، އޭގައި ރިހަ ކައްކަން ނޫޅުން، ފިޔަ ކޮށާފައި އޭތި ގޭގައި ނުބެއިތިއްބުން، ވާ ޖަހައިފަ އޭތި ނުހިފެހެއްޓުން. ބާޒާރަށް ގެންގޮސް އެ ތަކެތި ވިއްކަން ނޫޅުން" ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ