ހޯމް ސްޓޭ ޓޫރިޒަމްގެ ގަވާއިދު ގެޒެޓް ކޮށްފި

ހޯމްސްޓޭ ޓޫރިޒަމްގެ ގަވާއިދު ގެޒެޓް ކޮށްފިއެވެ.
"ހޯމްސްޓޭ" ތާއާރަފު ކުރުމުގެ ގޮތުން އެކަމަށް ހާއްސަކޮށް ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ ގަވާއިދުގައި އެންމެ އިސްކަމެއް ދީފައިވަނީ ސެކިއުރިޓީއަށާއި ވިޔަފާރި ސަސްޓެއިންކޮށް ކޮމިއުނިޓީ އަށް ގެއްލުމެއް ނުވާނެ ގޮތަށް ކުރިއަށް ގެންދިއުމަށެވެ.
ވިޔަފާރި ފަށާއިރު ޓެކްސް ނަގާނީ ގެސްޓް ހައުސްތަކާ އެއް އުސޫލެއްގެ ދަށުންނެވެ. އަދި ވިޔަފާރި އަށް ޒިންމާ ކުރުމަށްޓަކައި އެ ރަށެއްގެ ކައުންސިލުން ގިނަ ކަންތައްތަކެއް ފުރިހަމަ ކުރަން ލާޒިމް ކުރެއެވެ.
ގެޒެޓްކުރި ގަވާއިދުގައި ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓް ހައުސް ހިންގުމާއި އެތަންތަނަށް ހުއްދަ ހޯދޭނެ ގޮތާއި ހުއްދަ ދިނުމުގައި ބަލާ މިންގަނޑުތަކާއި ހުއްދަ ދޫކުރާނެ އުސޫލުތަކާއި އެތަންތަން ބަލާ ފާސްކުރާނެ ގޮތާއި ހުއްދަ ބާތިލު ކުރެވޭނެ ހާލަތްތަކާއި ހުއްދައިގެ މުއްދަތު އިތުރުކުރެވޭނެ ގޮތްތަކާއި ހޯމް ސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓް ހައުސްތަކުގެ ވެރި ފަރާތް ބަދަލުވުމުން އަމަލުކުރަން ޖެހޭ ގޮތާއި އެތަންތަން ހުންނަން ޖެހޭ މިންގަނޑުތަކާއި ވަސީލަތްތަކާއި ލިބިދޭންޖެހޭ ފަސޭހަތަކާއި ހިދުމަތްތައް އަދި އެފަދަ ތަންތަން ހިންގުމަށް ހުއްދަ ދޫކުރާ ރަށްތަކުގައި ހުންނަން ޖެހޭ ކަންކަންވެސް ހިމަނާފައިވެއެވެ.
ހޯމްސްޓޭގެ ގޮތުގައި ހުއްދަ ދެވޭނީ އެއް ކޮޓަރި އާއި ފަސްކޮޓަރިއާ ދެމެދުގެ ކޮޓަރިއަށެވެ. މީގެ އިތުރުން އެ ތަންތަން ހުންނަން ޖެހޭ ގޮތާއި ފާހާނާތަކުގެ ފެންވަރާއި މި ނޫންވެސް ވަރަށް ގިނަ ކަންކަން ތަފްސީލުކޮށް ހިމަނާފައިވެއެވެ. ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓް ހައުސްގެ ކޮޓަރީގެ ބޮޑު މިނުގައި ފާހާނާ ހިމެނޭހެން 120 އަކަފޫޓް ހުންނަން ލާޒިމު ކުރެއެވެ.
ރާއްޖޭގެ ޓޫރިޒަމްގައި އެންމެ މަތީ ފަންތީގެ ޓޫރިޒަމް ނަގާފައި ދެން އެންމެ ގިނަ އެނދު ހުރީ ގެސްޓްހައުސްތަކުގަ އެވެ. އަދި ދެން އެންމެ ގިނަ އެނދުހުރީ ސަފާރީ އުޅަނދު ފަހަރުގަ އެވެ. އަދި މިހާރުގެ އަންދާޒާއަކީ ހޯމްސްޓޭގެ އެނދުތައް ބޮޑުތަނުން އިތުރު ވެގެން ދިއުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ