ގުރައިދޫގެ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ލޮކްޑައުން ކޮށްފި

ޖެންޑާ މިނިސްޓްރީން ކ. ގުރައިދޫގައި ހިންގާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މުވައްޒަފުންނާއި ބަލިމީހުންގެ ތެރެއިން ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، އެ މަރުކަޒު ލޮކްޑައުން ކޮށްފިއެވެ.
އެޗްޕީއޭއިން ރޭ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރަށްރަށުން 153 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 86 މީހުން ޕޮޒިޓިވްވެފައިވަނީ ގުރައިދޫއިންނެވެ.
މިކަމާ ގުޅިގެން، ޖެންޑާ މިނިސްޓްރީން ބުނީ އިއްޔެ އިރުއޮއްސި 6:00 އިން ފެށިގެން ގުރައިދޫގެ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް މީހުން ވަދެ ނިކުމެ އުޅުން ވަނީ ކޮންޓްރޯލް ކޮށްފައި ކަމަށާއި އެ މަރުކަޒުގައި ތިބި ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، އެރަށުގެ ހެލްތު ސެންޓަރާ ގުޅިގެން މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން:
ގުރައިދޫގެ މަރުކަޒުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން، ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވަނީ އިއްޔެ ހެނދުނު އެ މަރުކަޒުގެ އިސްވެރިންނާއި އެ ރަށުގެ ކައުންސިލާއި ހެލްތު ސެންޓަރުގެ އިސްވެރިންނާ ބައްދަލު ކުރައްވާފައެވެ.
މި ބައްދަލު ކުރެއްވުމުގައި ޖެންޑާ މިނިސްޓަރު ވިދާޅުވީ މިހާރު އޮތް ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށާއި ހެލްތު ސެންޓަރަށް ބޭނުންވާ ވަސީލަތްތައް ގުރައިދޫއަށް ގެނައުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށާއި، އިންތިޒާމުތައް ހަމަޖެހިގެން ދާނެ ކަމަށެވެ.
އެގޮތުން، އެ މަރުކަޒުގެ މުވައްޒަފުން ލޮކްޑައުންގެ މުއްދަތުގައި ބޭނުންކުރުމަށް ޕީޕީއީ ފޯރުކޮށްދީފައިވާއިރު އިތުރަށް ބޭނުންވާ ސާމާނު އެ މަރުކަޒަށް ގެންދެވޭނެ ކަމަށް، ޖެންޑާ މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން، ގުރައިދޫގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން، ހެލްތު ސެންޓަރަށާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބޭނުންވާ އިތުރު ހެލްތު ވޯކަރުން އެ ރަށަށް ދިއުމުގެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށްވެސް ޖެންޑާ މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ ބަލި މީހުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރެޑް ކްރެސެންޓުގެ ފަރާތުން ލޮކްޑައުންގައި ތިބި ފަރާތްތަކާއި، މިކަމުގެ ސަބަބުން އަސަރު ކޮށްފައިވާ އެކި ފަރާތްތަކަށް އޮންލައިން ސެޝަންތައް ނަގައިދޭނެ ކަމަށާއި، ކޮވިޑް ފެސިލިޓީގައި ތިބި ބަލިމީހުންނަށް، ކޮންމެ ދުވަހަކު އެއް ފަހަރު މިނިސްޓްރީން ޒިޔާރަތް ކުރާނެ ކަމަށެވެ.
ގުރައިދޫން އިއްޔެ 86 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އައްޑޫން 17 މީހުން، އަދި ގއ. ވިލިނގިލިން 13 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ