ހުޅުމާލޭގެ ކޮމިއުނިޓީ އަރބަން ފާމިންގ މަޝްރޫޢު އިފްތިތާޙް ކޮށްފި

ހުޅުމާލޭގައި ރަށްވެހި ދަނޑުވެރިކަން ނުވަތަ ކޮމިއުނިޓީ އަރބަން ފާމިންގ މަޝްރޫޢުގެ ދަށުން ދަނޑުވެރިކަން ކުރަން ހުޅުވާލި ފުރުޞަތަށް ކުރިމަތިލާފައިވާ ފަރާތްތަކާއި ބިން ހަވާލުކޮށް މިއަދު ރަސްމީކޮށް އެ މަޝްރޫޢު އިފްތިތާޙްކޮށްފިއެވެ.
މިގޮތުން އަރބަން ފާމިންގެ މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢު އާއި ދަނޑުވެރިކަން ކުރުމަށް ކަނޑައަޅާފައި ސަރަޙައްދު ހުޅުވައިދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަންއެވެ.
މި ހަފުލާގައި މިނިސްޓަރުގެ އިތުރުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއި އަދި ޔޫ.އެން.ޑީ.ޕީގެ ރެސިޑަންޓް ރިޕްރެސެންޓ ޓިވް ޓު ދަ މޯލްޑިވެސް ހާކިމް ވަނީ ބައިވެރިވެވަޑައިގަންފައެވެ.
މި މަޝްރޫޢުގެ ދަށުން ތިން ގިންތިއަކަށް (އަންހެނުނަށް ޙާއްޞަ ކެޓަގަރީ، ޒުވާނުން / ނުކުޅުދުންތެރިކަމެއް ހުންނަ ފަރާތްތައް / އެހެނިހެން ކެޓަގަރީ) ބަހާލާއިގެން 3 ދަނޑުވެރިން އެކުލެވޭ ގްރޫޕްތަކުން 16 ގްރޫޕެއް ވަނީ ހޮވިފައެވެ.
ހުޅުމާލެ ނެއިބާހުޑް 3 އިން ޖުމްލަ 19.877.26 އަކަފޫޓު 16 ޕްލޮޓަށް ބަހާލައިގެން ހުޅުވާލި މިފުރުޞަތަކީ ޖަޕާންގެ ހިލޭ އެހީގައި ޔޫ.އެން.ޑީ.ޕީ އާއި މި ކޯޕަރޭޝަނާއި ގުޅިގެން ހހިންގާ "ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވަރމަންޓް ފޯ ޑިވެލޮޕްމަންޓް އޮފް އެމް.އެސް.އެމް.އީސް" (ސީޑްސް) މަޝްރޫޢުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ "ކޮމިއުނިޓީ އަރބަން ފާމިންގ" މަޝްރޫޢެކެވެ.
މިމަޝްރޫޢު ކުރިއަށް ގެންދިއުމުގެ އެއްމެ ބޮޑު މަޤުސަދަކީ ދަނޑުވެރިކަމުގެ ސިނާޔަތް ކުރިއަރުވާ ދަނޑުވެރިކަމަށް އަޙުލުވެރިކޮށް މި ދާއިރާއިން ގިނަ ބަޔަކު ބިނާކުރުންކަމަށް އެޗްޑީސީން ބުނެއެވެ.
މިގޮތުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދުޅަހެޔޮ ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ހޯދައިދިނުމަށް ގިނަ ޕާކުތަކާއި ހުސް ޖާގަތަށް ހެޔޮގޮތުގައި ބޭނުންކޮށް އަދި ކޮވިޑް19 ގެ ސަބަބުން މާލީގޮތުން އެއްމެ ބޮޑު ގެއްލުމެއް ލިބިފައިވާ ފަރާތްތަކަށް ދެމެހެއްޓެނެވި ގޮތެއްގައި އާމްދަނީ ލިބޭނެ ގޮތެއް ހޯދައިދިނުމަކީ ވެސް މި މަޝްރޫޢުގެ އެއްމެ މައިގަނޑު އެއް މަޤްޞަދުކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
އަރބަން ފާމިންގެ ގޮތުގައި ހުޅުމާލޭއިން ދޫކޮށްފައިވާ 16 ޕްލޮޓްގައި ފުރަތަމަ ތިންމަސް ދުވަހު އެއްވެސް ކުއްޔެއް ނުނަގައި އެކަށީގެންވާ އެލަވަންސްއެއް ދިނުމަށް ހަމަޖެހިފައިވާއިރު ޕްރޮގުރާމުގެ ބައިވެރިންނަށް ދަނޑުވެރިކަމާއި ގުޅޭގޮތުން ޢިތުރު މަޢުލޫމާތު ދިނުމަށް މިނިސްޓްރީ އޮފް ފިޝަރީސް، މެރިންގ ރިސާރޗް އެންޑް އެގްރިކަލްޗަރ، ބީސީސީ އަދި އެގްރޯނެޓްގެ ފަރާތުން ވަނީ ތަމްރީން ޕްރޮގްރާމްއެއް ހިންގާފައެވެ.
މި މަޝްރޫޢުއަކީ އެޗް.ޑީ.ސީ އާއި ޔޫ.އެން.ޑީ.ޕީ އާއި ގުޅިގެން ހިންގުނު މިފަދަ ފުރަތަމަ ޕްރޮގްރާމްއެވެ. އަދި މި މަޝްރޫޢުއަށް ލިބުނު ހޫނު ތަރުހީބާއި އެކު މި މަޝްރޫޢު އިތުރަށް ފުޅާކޮށް މި ދަނޑު ބިންތަކުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އުފައްދާ ބާވަތްތައް ވިއްކާ އާމްދަނީ ހޯދުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ޕްލާޒާ އެރިއާއަކާއެކު މިފަދަ ބިންތައް އިތުރުކުރުމަށް ވަނީ ހަމަޖެހިފައިކަމަށް އެޗްޑީސީން ބުނެއެވެ.
މީގެއިތުރުންވެސް ހުޅުމާލޭގެ މާސްޓާރ ޕްލޭން އެކުލަވާލެވި އޯޕަން ސްޕޭސްގެ ގޮތުގައި ގިނަ ސަރަޙައްދުތަކެއް ކަނޑައެޅިފައިވާ އިރު، މި ފަދަ ތަންތަނަކީ ވެސް ރިވިއު ކުރެވި ޕްލޭން ބަދަލުކުރުމުގެ މަސައްކަތް އެ ކުންފުނީގެ ފަރާތުން ދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ