މަސްތުވާތަކެއްޗާއި ވަގަށް ނަގާފައިވާ އާލާތްތަކެއް ހުޅުމާލެއިން ހޯދައިފި

މަސްތުވާތަކެއްޗާއި ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ޓޫލްސްތަކެއް ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުރަތަމަ ފަހަރަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ފުލުހުންނަށް ނެރެދިން ކޯޓްއަމުރުގެ ދަށުން ރޭ ހިންގި އޮޕަރޭޝަނުގައި ހުޅުމާލެ ފްލެޓްގެ ފަސް ނަމްބަރު ކޮޓަރި ތެރެއިން މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ 18 ޕެކެޓާއި ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ އާލާތްތައް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއްނުވެ އެވެ.
ހުޅުމާލޭގެ އިތުރުން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއްހުރި 25 ރަބަރު ޕެކެޓާއެކު ހދ. ހަނިމާދޫން ވެސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހދ. ހަނިމާދޫ، ކޯޒްވޭވިލާ، ޢަބުދުލް ޙަކީމް މޫސާ 20، އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިމަހުގެ 13 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ހަނިމާދޫ މެޖިސްޓްރޭޓް ކޯޓު ކައިރިންނެވެ.
ފުލުހުން ބުނީ އަބުދުލްހަކީމް މޫސާ ގެންގުޅުނު މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ޕެކެޓްތައް ފެނިފައިވަނީ އޭނާ އެއްލާލި ސިނގިރޭޓް ހުސްކުރި ފޮށީގެ ތެރެއިން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ