މެލޭޝިޔާ އެޑިއުކޭޝަން އެގްޒިބިޝަނަށް ފިނި ތަރުހީބެއް

މިދިޔަ ހަފުތާ ބަންދުގައި ނަސަންދުރާގައި އޮތް މެލޭޝިޔާ އެގްޒިބިޝަނަށް ޒިޔާރަތް ކުރި މީހުންގެ އަދަދު އެހެން ފަހަރުތަކަށް ވުރެ މަދުވެއްޖެ އެވެ.
މެލޭޝިޔާގެ ޔުނިވަސިޓީތަކުން ލިބެން ހުރި މަތީ ތައުލީމުގެ ފުރުސަތުތަކާ ގުޅޭ ގޮތުން މައުލޫމާތު ދޭން ހުކުރާއި ހޮނިހިރު ދުވަހު ބޭއްވި އެގްޒިބިޝަނަށް ޒިޔާރަތްކުރީ 800 އެއްހާ ދަރިވަރުންނެވެ. އެކަމަކު އަހަރަކު ދެ ފަހަރު ބާއްވާ އެ އެގްޒިބިޝަނަށް އާއްމުކޮށް 1،500 މީހުން ޒިޔާރަތް ކުރެ އެވެ.
ރާއްޖޭގައި އެގްޒިބިޝަން ބޭއްވި އޯވަސީސް އެޑިއުކޭޝަން ކޮންސަލްޓަންޓްސްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ޒިޔާރަތްކުރި މީހުންގެ އަދަދު މަދުވީ މޫސުމް ގޯސްވުމުގެ ސަބަބުންނެވެ.
"އެގްޒިބިޝަން ފެށި ދުވަހު ވެސް ބޯކޮށް ވާރޭވެހުނު. އޭގެ ސަބަބުން ކަމަށް ވެދާނެ ގިނަ މީހުންނަށް މި ތަނަށް ނާދެވުނީ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއް ފަހަރާ މިފަދަ ފެއާތައް ބޭއްވުމަކީ ވެސް ޒިޔާރަތްކުރާ މީހުންގެ އަދަދު މަދުވުމުގެ ސަބަބަކަށް ވެދާނެ ކަމަށެވެ. މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން، ޔުނިވަސިޓީ އެޑިއުކޭޝަން ފެއާ މާލޭގައި ބޭއްވި އިރު މެލޭޝިޔާ އެޑިއުކޭޝަން އެގްޒިބިޝަންގެ ފުރަތަމަ ބައި މިދިއަ މާޗް މަހު އޮތެވެ.
މިފަހަރުގެ އެގްޒިބިޝަނުގައި ބައިވެރިވި ޔުނިވަސިޓީ/ކޮލެޖްތަކުގެ އަދަދު ވެސް އެހެން ފަހަރުތަކާ އަޅާބަލާއިރު މަދެވެ. މާޗު މަހު ބޭއްވި އެގްޒިބިޝަނުގައި 11 ޔުނިވަސިޓީ އާއި ކޮލެޖުން ބައިވެރިވި އިރު މި ފަހަރު އައީ އެންމެ ހަ ތަނަކުންނެވެ. އެއީ ލިމްކޮކްވިންގް ޔުނިވަސިޓީ އާއި ނޮޓިންހަމް މެލޭޝިޔާ ޔުނިވަސިޓީ ކެމްޕަހާއި ސެގީ ޔުނިވަސިޓީ އާއި އެމްއެސްޔޫ އާއި އިންޓި ކޮލެޖް އަދި މާސާ ޔުނިވަސިޓީ ކޮލެޖެވެ.
މި އެގްޒިބިޝަނަށް އިއްޔެ ދިޔަ ދަރިވަރަކު ބުނިގޮތުގައި ކުރިން ނުބާއްވާ ތަނެއްގައި އެގްޒިބިޝަން ބޭއްވުމުން ވެސް އާންމުންނަށް އެކަން ނޭނގިދާނެ އެވެ.
އޯވަސީސް ބުނި ގޮތުގައި މިފަހަރުގެ ފެއާ ބާއްވަން ދަރުބާރުގެ ނުލިބުނީ އެވެ.
އުއްމީދުކުރި ވަރަށް މީހުން ޒިޔާރަތް ނުކުރި ނަމަވެސް، މި ފެއާގެ އިންތިޒާމްތައް ރަނގަޅެވެ. އެގޮތުން އެގްޒިބިޝަނުގައި ބައިވެރިވި ޔުނިވަސިޓީ/ ކޮލެޖްތަކުން ލިބެން ހުރި މަތީ ތައުލީމުގެ ފުރުސަތުތަކުގެ އިތުރުން، މެލޭޝިޔާގައި ހުރުމާއި ކެއުމުގެ ކަންތައްތަކުގެ މައުލޫމާތު ދަރިވަރުންނަށާއި ބެލެނިވެރިންނަށް ދީފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ