މިރޭ އޮންނަ ފުޓްބޯޅަ މެޗުގައި ރައީސް ޔާމީން ކުޅުއްވާނެ

"ޔުނިޓީ ތްރޫ ފުޓްސަލް" ޕްރޮގްރާމްގެ ދަށުން ވިލިމާލޭގައި ހެދި ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވުމުގެ ގޮތުން މިރޭ ކުޅޭ ހާއްސަ ފުޓްބޯޅަ މެޗުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުޅުއްވާނެ އެވެ.
އެމްއެންޑީއެފްގެ އޮފިސަރުންގެ ޓީމަކާއި ވަޒީރުންގެ ޓީމަކާއި ދެމެދު ކުޅޭ މި މެޗުގައި ރައީސް ޔާމީން ކުޅުއްވުމަށް ހަމަޖެހިފައިވަނީ ވަޒީރުންގެ ޓީމަށް ކަމަށް މައުލޫމާތުލިބެ އެވެ.
އެމްއެންޑީއެފް އިން ބުނީ މިމެޗް އޮންނާނީ މިރޭ 9 ޖަހާއިރު ވިލިމާލޭގައި ހަދާފައިވާ ފުޓްސަލް ދަނޑުގައި ކަމަށެވެ.
މި ދަނޑު ހުޅުވުމަށް ހަމަޖެހިފައިވަނީ ކުލަގަދަ ރަސްމިއްޔާތަކާއެކު ރައީސް ޔާމީން ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެ އެވެ.
ވިލިމާލޭގައި ހަދާފައިވާ ފުޓްސަލް ދަނޑަކީ ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ އާ ދައުރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ލަނޑުދަނޑިތަކުގެ ތެރެއިން އެމްއެންޑީއެފްގެ ފަރާތުން އިޖްތިމާޢީ ޚިދުމަތެއްގެ ގޮތުގައި ކޮށްދިނުމަށް ނިންމަވާފައިވާ މަސައްކަތްތަކުގެ ތެރެއިން ޑިފެންސް މިނިސްޓަރ އިޢުލާނުކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
"ޔުނިޓީ ތްރޫ ފުޓްސަލް" ޕްރޮގްރާމްގެ ދަށުން މިހާތަނަށް ދެ ފުޓްސަލް ދަނޑެއް ވަނީ ހަދާފައެވެ. އެއީ ހުޅުމާލޭގައި 2012 ވަނަ އަހަރު ހެދި ދަނޑަކާއި މިދިޔަ އަހަރުގެ ތެރޭގައި ސިނަމާލެ ފްލެޓް ސަރަހައްދުގައި ހަދާފައިވާ ދަނޑެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ