ދަރިފުޅު ހަވާލު ކުރީ އޮންނަ އުސޫލުން، ލިބުނު ފައިސާ އަކީ ޞަދަގާތެއް – މަންމަ

ރާއްޖޭގެ ރަށެއްގައި ތުއްތު ކުއްޖަކު ވިއްކާލި ކަމަށް މީޑިއާ އިން ފަތުރަމުންދާ ޚަބަރު ކުއްޖާގެ މަންމަ ދޮގުކޮށްފިއެވެ. ކުއްޖާގެ މަންމަ މިއަދު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ކުއްޖާ އެހެން ދެމަފިރިއަކާއި ހަވާލު ކުރީ ޝަރުޢީ ކޯޓު މެދުވެރިކޮށް އޮންނަ އުސޫލުގެ މަތިން ކަމަށާއި، ދަރިފުޅު ދިނުމުން ލިބުނު ފައިސާ އަކީ ޞަދަގާތެއް ކަމަށެވެ.
ދެކުނުގެ އަތޮޅެއްގެ ރަށަކުން، އެއަތޮޅާއި ޖެހިގެން އޮތް އަތޮޅުގެ ރަށެއްގެ ދެމަފިިރިއަކަށް ވިއްކާލި އެއް އަހަރުގެ ކުއްޖާ އަކީ ކައިވެނިން ބޭރުން ލިބިފައިވާ ކުއްޖެކެވެ.
ކުއްޖާގެ މަންމަ ބުނީ ދަރިފުޅު އެހެން ބަޔަކާއި ހަވާލު ކުރީ ދަރިފުޅު ބެލުމުގެ މާލީ ގާބިލްކަން ނެތުމުން ކަމަށެވެ.
"އަޅުގަނޑަކީ އެކަނި ހުރި މީހެއް. ދަރިއަކު ބަލާނެ ފުދުންތެރިކަމެއް ނެތް މީހެއް. އެހެންވެ ދަރިފުޅު ބެލޭނެ ވަރުގެ ބަޔަކާއި ދަރިފުޅު ހަވާލު ކުރީ." ކުއްޖާގެ މަންމަ ބުންޏެވެ.
ކުއްޖާގެ މަންމަ ބުނީ އެމީހުންނާއި ދަރިފުޅު ހަވާލުކޮށްފައި ވާނީ ކޯޓު މެދުވެރިކޮށް ކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭ އެއްވެސް ހެއްކެތް އަންހެން މީހާ "ވަގުތު" އާއި ހިއްސާކޮށްފައެއް ނުވެއެވެ. އެހެންކަމުން އެކަމުގެ ހަޤީޤަތް ކަށަވަރެއް ނުކުރެވެއެވެ.
ކުއްޖާގެ މަންމަ ބުނީ ދަރިފުޅު ދިނުމުން ދެމަފިރިން ދިން 30000 ރުފިޔާ އަކީ ޞަދަގާތެއްގެ ގޮތުގައި އެމީހުން ދިން ފައިސާ ކަމަށެވެ.
ކުއްޖާ ގަތް ދެމަފިރިން ނިސްބަތްވާ ރަށުގެ ކައުންސިލްގެ ފަރާތުން "ވަގުތު" އަށް މައުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވީ އެކުއްޖާ ވިއްކާލާފައި ވަނީ އެގްރިމެންޓެއްގައި ސޮއި ވެސް ކުރުވުމަށް ފަހުގައި ކަމަށެވެ. އެގްރިމެންޓްގައި ލިޔެފައި އޮތީ ކުއްޖާ ދިނުމުން ހަދިޔާއެއްގެ ގޮތުގައި ކުއްޖާގެ މަންމަ އަށް 30000 ރުފިޔާ ދޭ ކަމަށެވެ.
ޖެންޑާ މިނިސްޓްރީ އަށް މިކަމުގެ މައުލޫމާތު ލިބިގެން ރަށު ކައުންސިލަށް ގުޅާ، ކުއްޖާ ގަތް ދެމަފިރިންގެ އަތުގައި ލިޔުމެއް އޮތްތޯ ސާފުކޮށްދިނުމަށް އެދުމުން ރަށު ކައުންސިލުން ވަނީ އެލިޔުން ޖެންޑާ މިނިސްޓްރީ އަށް ފޮނުވާފައެވެ. ލިޔުން ފޮނުވިތާ ގަޑިއިރެއްގެ ތެރޭގައި ޖެންޑާ މިނިސްޓްރީގެ އޮފިޝަލުން ރަށަށް ގޮސް އެކުއްޖާ ވަނީ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މިކަމާއި ގުޅިގެން ޖެންޑާ މިނިސްޓްރީ އިން އަދި މީޑިއާ އަށް އެއްވެސް މައުލޫމާތެއް ނުދެއެވެ.
ނަމަވެސް ފުލުހުން ވަނީ ކުއްޖަކު ވިއްކާލި މައްސަލައެއް ތަޙްޤީޤު ކުރަމުންދާކަން ކަށަވަރު ކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ