ލަންކާގެ ބޮމުގެ ހަމަލާގައި ބައިވެރިވި މީހުން ކަމަށް ބުނާ ހަތް މީހުންގެ ފޮޓޯ އައިއެސް އިން އާންމުކޮށްފި

ސްރީލަންކާގައި ދިން ބޮމުގެ ހަމަލާގައި ބައިވެރިވި ހަތް މީހުން ކަމަށް ބުނާ ހަތް މީހުންގެ ފޮޓޯ އައިއެސް އިން ދާދި ދެންމެއަކު އާންމުކޮށްފިއެވެ.
އައިއެސް އިން ނެރުނު ބަޔާނެއްގައި ވަނީ އެ ހަތް މީހުންގެ ފޮޓޯއާއި އެ މީހުންގެ ނަންތައް ވެސް އާންމުކޮށްފައެވެ.
އައިއެސް އިން ބުނީ މި ހަމަލާގައި ބައިވެރިވި މީހުންނަކީ އަބޫ އުބޭދާ އާއި އަބޫ އަލް މުހުތާރާއި އަބޫ ޚަލީލާއި އަބޫ ހަމްޒާ އާއި އަބޫ އަލް ބަރާ އާއި އަބޫ މުހައްމަދު އަދި އަބޫ އަބްދުﷲ ކަމަށާއި އޭގެ ތެރެއިން ކޮލަމްބޯގެ އެންތޮނީ ޗާޗުގައި ދިން ޖާނުން ފިދާވުމުގެ ހަމަލާގައި ބައިވެރިވީ އަބޫ ހަމްޒާ ކަމަށެވެ.
ނެގަމްބޯ ސިޓީގައި ޖާނުން ފިދާވުމުގެ ހަމަލާގައި ބައިވެރިވީ އަބޫ ޚަލީލް ކަމަށާއި ޒިއޯން ޗާޗަށް ދިން ޖާނުން ފިދާވުމުގެ ހަމަލާގައި ބައިވެރިވީ އަބޫ މުހައްމަދު ކަމަށް އައިއެސް އިން ބުންޏެވެ.
އައިއެސް އިން ބުނީ އަބޫ އުބޭދާ އާއި އަބޫ އަލް ބަރާ އަދި އަބޫ މުޚުތާރަކީ ޝަންގްލިއްލާ، ސިނަމޮން އަދި ކިންގްބަރީ ހޮޓަލުގައި ދިން ޖާނުން ފިދާވުމުގެ ހަމަލާގައި ބައިވެރިވި މީހުން ކަމަށާއި އަދި ޑެމަޓަގޮޑާގައި ތިން ފުލުހުން މަރާލި ހާދިސާގައި ބައިވެރިވީ އަބޫ އަބްދުﷲ ކަމަށެވެ.
އައިއެސްއިން މި ހަމަލާ ތަކުގެ ޒިންމާ އުފުލި އިރު، ލަންކާގެ މާސް މީޑިއާ މިނިސްޓަރު، ރުވާން ވިޖޭވަރްދަނާ މިއަދު ވިދާޅުވީ މި ހަމަލާތައް ދީފައި ވަނީ، ލަންކާގެ މުސްލިމް ޖަމާއަތެއް ކަމަށްވާ ނެޝަނަލް ތައުހީދު ޖަމާއަތުން ކަމަށް މިހާތަނަށް ކުރި ތަހުގީގުތަކުން އެނގިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ