ރައީސްގެ މަގާމަށް އައުމަށް ބޭނުންވާ މިންވަރަށް ވޯޓު ވަނީ ކަށަވަރުވެފައި: އަސްލަމް

19 ވަނަ ރައްޔިތުންގެ މަޖިލިސް ރައީސްގެ މަގާމަށް އައުމަށް ބޭނުންވާ މިންވަރަށް ވޯޓު ކަށަވަރުވެފައިވާ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިމަހުގެ 28 ވަނަ ދުވަހު ހުވާ ކުރައްވާ އާ މަޖިލިހުގެ ރައީސް ގެ މަގާމަށް ގިނަ މެމްބަރުން ޝައުގުވެރިކަން ފާޅުކުރައްވަވަމުން ގެންދަވާ މި ދަނޑިވަޅުގައި އަސްލަމް ވިދާޅުވީ މަޖިލިސްގެ ރައީސްގެ މަގާމަށް އައުމަށް ގިނަ މެމްބަރުންނާ ވާހަކަ ދައްކަވަމުން އަންނަ ކަމަށެވެ. އަދި އުންމީދު ކުރަނީ މިހާރު މަޖިލިސްގެ ރައީސްގެ މަގާމަށް އައުމަށް ބޭނުންވާ އަދަދަށް ވޯޓު ލިބިފައިވާ ކަމަށެވެ.
ރާއްޖެ ޓީވީގެ 60 މިނެޓަށް ދެއްވި އިންޓަވިއުއެއްގައި އަސްލަމް ވިދާޅުވީ އަސްލަމް ވިދާޅުވީ މަޖިލިސް ރައީސް ކަމަށް އައުމަށް ޝައުގުވެރިކަން ފާޅުކުރީ މަޖިލީހުގެ ގިނަ މެމްބަރުންގެ އެދުމުގެ މަތިން ކަމަށެވެ.
މަޖިލިސްގެ ރައީސް ކަމަށް އެންމެ އެކަށީގެންވާ އެއް ބޭފުޅަކީ ވިލުފުށީ ދާއިރާއަށް އިންތިޚާބުވެ ވަޑައިގެންނެވި ހަސަން އަފީފް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިތީ އެކަމަށް އިޝާރާތް ކުރައްވާ އަސްލަމް ވިދާޅުވީ ވަކި ބޭފުޅަކު މަޖިލިސް ރައީސްކަމުގެ މަގާމަށް ގެނައުމަށް ރައީސް ތާއީދުކުރެއްވި ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
އަފީފް އާއި އަސްލަމްގެ އިތުރުން މަޖިލިސްގެ ރައީސް ކަމަށް އިތުރު ތިން ބޭފުޅަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެއީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ހޮވާނީ، އަލަށް އިންތިޚާބުވެވަޑައިގަތް މެމްބަރުން މި މަހު 28 ގައި ހުވާ ކުރައްވައި ބާއްވާ ފުރަތަމަ ޖަލްސާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ