ޖޭއެސްސީއަށް މެންބަރަކު ހޮވަން ބާއްވާ އިންތިހާބު މިމަހު 27 ގައި ބާއްވަން ނިންމައިފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރު ހޮވުމަށް ބާއްވާ އިންތިހާބު މިމަހުގެ 27 ގައި ބޭއްވުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ނިންމައިފިއެވެ.
ބާ ކައުންސިލުގެ ވަކީލުންގެ ފަރާތުން ޖޭއެސްސީއަށް މެމްބަރު ހޮވުމަށް ބާއްވާ އިންތިހާބަށް ކުރިމަތިލާން އެ ކައުންސިލުން ފުރުސަތު ހުޅުވައިލީ އިއްޔެއެވެ.
އަދި މިމަހުގެ 27 ގައި އިންތިހާބު ބޭއްވުމަށް ނިންމި ނަމަވެސް އެކައުންސިލުން ބުނި ގޮތުގައި ކުރިމަތިލާ ފަރާތްތަކުގެ ފޯމާއި ލިޔެކިޔުންތައް ބަލައިގަންނަން ފަށާނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށެވެ.
ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގެ ނަތީޖާ ޖެހިގެން އަންނަ އާދީއްތަ ދުވަހު އިއުލާންކުރަންވެސް ވަނީ ނިންމާފައެވެ.
މި އިންތިޚާބުގައި ބައިވެރިވުމަށް ކުރިމަތިލާ ފަރާތްތަކުގައި، ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ޝަރުތުތައް ފުރިހަމަ ވާންޖެހޭނެއެވެ.
ޝަރުތުތަކުގެ ތެރޭގައި، މުސްލިމަކު ކަމުގައިވުން، ދިވެހި ރައްޔިތަކު ކަމުގައިވުން، އުމުރުން 25 އަހަރު ވެފައިވުން، އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުން، ސިޔާސީ ޕާޓީއެއްގެ މެންބަރު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހެއް ކަމުގައި ނުވުމުގެ އިތުރުން އަދި ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުމެވެ.
ޖޭއެސްސީގައި ވަކީލުންގެ ފަރާތުން އިންނަވާ މެމްބަރަކު އިންތިހާބުކުރަނީ، ކުރިން ވަކީލުންގެ ފަރާތުން ޖޭއެސްސީގައި އިންނެވި މެންބަރު ލަތީފާ ގާސިމްގެ މަގާމު ގެއްލުމާ ގުޅިގެންނެވެ.
އޭނާއަށް އެމަގާމު ގެއްލުނީ ގާނޫނީ ފަންނުގެ ބިލާއެކު ބާ ކައުންސިލު އުފެއްދުމާ ގުޅިގެންނެވެ. އެ ގާނޫނުގައިވާ ގޮތުން ބިލް ތަސްދީގު ކުރާތާ 21 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ