ތިމާވެށި ހިމާޔަތް ކުރަން ރައީސް ނަޝީދު ޖަމިއްޔާއެއް އުފައްދަވައިފި

ތިމާވެއްޓާ ގުޅުން ހުރި މަސައްކަތްތައް ކުރުމަށް "މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް"ގެ ނަމުގައި ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ޖަމިއްޔާ ރަޖިސްޓްރީކޮށްދީފި އެވެ. ޔޫތު މިނިސްޓްރީގައި އެ ޖަމިއްޔާ ރަޖިސްޓްރީކޮށްދީފައި ވަނީ މިއަދު އެވެ. "މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް"ގެ އިދާރާ އަކީ ރައީސް ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ އެވެ. ނަޝީދުގެ އިތުރުން ޖަމިއްޔާގެ އަނެއް މުއައްސިސަކީ ގ. އާނޫރާނީ މަރްޔަމް ރާޙިލް ނަސީމް އެވެ. "މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް" އަކީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި ގައުމު ތަރައްގީ ކުރާނެ ގޮތްތައް ހޯދުމުގެ މަގުސަދުގައި ނަޝީދު އިސްނަންގަވައިގެން އުފެއްދެވި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން، ރަށްތައް ތަރައްގީ ކުރުމުގައި ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަކޮށް މަސައްކަތް ކުރެވޭނެ ގޮތްތައް ހޯދުމާއި، ފަރުތައް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާނެ އެވެ. "މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް"ގެ މަސައްކަތް އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ނަޝީދުގެ އޮފީހުގައި ވެސް ކުރުމަށް ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ