ފެނަކަ ކޯޕަރޭޝަނުން ފާޑުކިޔުންތަކަށް ހޫނު ރައްދެއްދީފި

ކުރީގެ ސަރުކާރުން އުފައްދާފައިވާ ޔުޓިލީޓީސް ކުންފުނިތަކުގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ބޮޑުވާ ކަމަށް ކުރިން ވާހަކަ ދެއްކި މީހުން މިސަރުކާރުގެ އިސްވެރިންގެ ގޮތުގައި ތިބެ އިތުރު ކުންފުނިތައް އުފައްދަނީ ކަމަށްބުނެ ފެނަކަ ކޯޕަރޭޝަނަށް އަމާޒުކުރާ ފާޑުކިއުންތަކަށް އެ ކުންފުނިން ރައްދުދީފިއެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ނިމާލް ވީނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ވިދާޅުވީ، ފެނަކަ އުފެދުމުގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ވާނީ ކުޑަ ކަމަށާއި އެއީ ކުރީގެ ސަރުކާރުން ސިޔާސީ ބޭނުމަށް އުފައްދާފައިވާ ހަ ޔުޓިލިޓީ ކުންފުނި އެއްކޮށްލައިގެން އުފައްދާފައިވާ ތަނެއް ކަމުގައެވެ.
ފެނަކަ އުފެދުމާއެކު މުވައްޒަފުން މަދުކޮށް، ޚަރަދުކުޑަކުރުމުގެ މުހިންމު މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް ވެސް ނިމާލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކުރީގެ ސަރުކާރުން އުފައްދާފައިވާ ޔުޓީލިޓީތަކަކީ ސިޔާސީ ބޭނުމަކަށްޓަކައި ވަކި ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއް ކަމަށާއި އެތަންތަނުގައި ކޮރަޕްޝަންގެ އެތައް ޢަމަލުތަކެއް ހިންގާފައިވާކަން ހާމަވެފައިވާ ކަމުގައެވެ. އެގޮތުން ކުރީ ސަރުކާރު ނިމުނުއިރު ޔުޓިލިޓީތަކުގައި އެތައް މިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށާއި އެމައްސަލަތައް ޙައްލުކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމުގައި ވެސް ނިމާލް ވިދާޅުވިއެވެ.
ނިމާލް ވިދާޅުވީ، ކުރީގެ ޔުޓިލިޓީތަކުގައި ވަކި ފިކުރެއްގެ މީހުންނަށް ވަޒީފާ ދިނުމާއި، ކޮރަޕްޝަންގެ ޢަމަލުތައް ހިންގާފައިވީ ނަމަވެސް، ފެނަކައިގެ ތެރޭގައި އެފަދަ ކަންކަން ނުހިނގާ ކަމަށާއި މިހާރުގެ ސަރުކާރަކީ އިއްތިހާދުގައި ހިމެނޭ ހުރިހާ ޕާޓީތަކުން ބައިވެރިވާ ހުރިހާ ޕާޓީތައް ހިމެނޭ ސަރުކާރެއް ކަމަށްވާއިރު، އެފަދަ ކަމެއް ކުރުމުގެ އެއްވެސް ފުރުސަތެއްވެސް ނެތްކަމުގައެވެ.
ނިމާލް ވިދާޅުވީ ފެނަކައިން ވަކި ފިކުރެއްގެ ބަޔަކަށް އެކަނި ވަޒީފާދޭ ކަމަށް ދެކެވޭ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ