ރޯދަމަހު މާލޭގައި އަންހެނަކު ރޭޕްކުރަން އުޅުނު ދެމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

މި ރޯމަ މަހު މާލޭ މަގުމަތިން ރޭގަނޑު ވަގުތެއްގައި ހިނގާފާ ދިޔަ އަންހެނަކު ކިޑްނެޕްކޮށް، ރޭޕް ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައްޔަރުކުރި ދެމީހުންގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފިއެވެ.
އެ މައްސަލައިފައި ހައްޔަރުކޮށްފައި ވަނީ ވިނަރެސް، ހދ. ނޭކުރެންދޫ، އާދަމް ވިޝާން (18) އަދި މިލާފަރު، ހދ. ވައިކަރަދޫ، އަލީ ރަޝީދު (23) އެވެ. މި ދެމީހުންނަކީ ވެސް މާލޭގައި، އެއް ގެއެއްގައި އުޅެމުން އަންނަ ދެމީހުންނެވެ. އެ ދެމީހުންގެ މައްޗަށް ކުރަނީ މާރާމާރީ އާއި ކިޑްނެޕް އަދި ގަދަކަމުން ޖިންސީ ގުޅުން ހިންގުމުގެ ތުހުމަތެވެ.
އެ މައްސަލާގައި ހައްޔަރުކުރި އުމުރުން 18 އަހަރުގެ މީހާއަކީ މީގެކުރިން ހައްޔަރުގެ ތިން ރެކޯޑެއް އޮތް މީހެކެވެ. ދެވަނަ މީހާއަކީ ހައްޔަރުގެ ހަތަރު ރެކޯޑު އޮތް މީހެކެވެ.
މި މައްސަލައާ ގުޅިގެން އަންހެން މީހާ އާ ހަަވާލާދީ ފުލުހުން ކޯޓުގައި ބުނެފައި ވަނީ، އަންހެން މީހާއަށް ޖިސްމާނީ އަނިޔާ ދިނުމުގެ ގޮތުން، އޭނާގެ ގައިގައި ހިފައި، މައްޗަށް ނަގައި ތިން ފަހަރު ވައްޓާލި ކަމަށެވެ. އަދި އަންހެން މީހާގެ އަނގަޔަށް ފޮތި ކޮއްޕައި، ޖިންސީ އަނިޔާ ދީފައިވާ ކަމަށެވެ.
މާލޭގައި މި ހާދިސާ ހިނގާފައި ވަނީ، މި މަހުގެ 16 ވަނަ ދުވަހުގެ ރޭ 7:45 ހާއިރުއެވެ. އުމުރުން 18 އަހަރުގެ އަންހެނަކު މާލޭގެ މާފަންނު ގައި ހުންނަ ލެމަން ގްރާސް ކުރިމަތިން ހިނގާފައި ދިޔައީ އިޑު މިސްކިތުގައި ތަރާވީހަށް މީހުން ތިބި ވަގުތެއްގައެވެ.
މި ހާދިސާ ހިނގި އިރު އެ ސަރަހައްދުގައި ހުރި ސީސީޓީވީއަކުން ނަގާފައިވާ ވީޑީއޯ ވަނީ ސޯޝަލް މީޑީޢާގައި އާންމުކޮށްފައެވެ. މި ވީޑިއޯއިން ފެންނަނީ ފިރިހެނަކު އެ އަންހެން މީހާގެ އަތުގައި ހިފާ ދަމާފައި ގެންދާ މަންޒަރެވެ. އޭރުވެސް އެ އަންހެންމީހާ ގަދަހަދަމުން ދެއެވެ. އަދި އެ މަގުގައި ހުރި ގޯޅިއެއްގެ ތެރެއަށް އެ އަންހެންމީހާ ވައްދަން މަސައްކަތް ކުރި ވަގުތު އެ އަންހެންމީހާ މަގުމައްޗަށް ވެއްޓެއެވެ. އެ ހިސާބުން އެކަކު އޭނާގެ ފައިގައި ހިފާ ދަމާފައި ގެންދަން މަސައްކަތް ކުރެއެވެ. އަދި ދެން ހުރި ފިރިހެން މީހާ އެ އަންހެންމީހާގެ ކޮނޑުގައި ހިފާ އުފުލާލައިގެން އެ ގޯޅިތެރެއަށް ވައްދައެވެ.
މި ކަން ހިނގާ ވަގުތު އެ ސަރަހައްދުގައި ބަޔަކު ތިބޭތަން ފެނެއެވެ. އަދި އެމަގުން ބަޔަކު ހުރަސްކޮށްފައި ވެސް ދެއެވެ. ނަމަވެސް އެކަކުވެސް އެ އަންހެންމީހާއަށް އެހީވާން މަސައްކަތް ކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ އެރޭ 8:10 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ