ކޮންމެ ބޭފުޅަކު ހުރިނަމަވެސް އަޅުގަނޑު އެދެނީ ދިވެހި ރައްޔިތުންނަށް ޚިދުމަތް ލިބުން: ރައީސް ނަޝީދު

މާލޭ ސިޓީގެ މޭޔަރުކަމުގައި ކޮންމެ ބޭފުޅަކު ހުރިނަމަވެސް އެމަނިކުފާނު އެދިލައްވަނީ ދިވެހި ރައްޔިތުންނަށް ޚިދުމަތްތައް ލިބުންކަމަށް އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެއްބަސްވެވަޑައިގެންފިއެވެ.
މިއަދު މެންދުރުފަހު އެމްޑީޕީގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކޮންމެ ޕާޓީއެއްގެ މެޖޯރިޓީ މާލޭ ސިޓީ ކައުންސިލްގައި އޮތްނަމަވެސް، އެމްޑީޕީގެ އަމާޒަކަށް ވާނީ މާލޭ ސިޓީ ކައުންސިލް ލާމަރުކަޒީ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ރަނގަޅަށް ހިންގަމުން ދިއުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މުއައްސަސާތައް ބިނާކުރުމަކީ އެމްޑީޕީގެ ބޮޑު އަމާޒެއްކަމަށާއި، އެޕާޓީން މިހާރުވެސް މަސައްކަތްކުރަމުންދާނީ ސިޓީ ކައުންސިލް މުއައްސަސާއެއްގެ ގޮތުގައި ބިނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ ކާމިޔާބު ޕްރޮގްރާމެއް ހިންގަން ފަށައިފިނަމަ، ސަރުކާރުންވެސް އަދި އެމްޑީޕީންވެސް އެކަމަށް ހުރަސްއަޅާނެކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ މިސާލެއްގެ ގޮތުން ކުރިއަށް އޮތް ދެ އަހަރު ވަންދެން ޕީޕީއެމް އަދި ޑރ.މުއިއްޒު ނިކަމެތިކޮށްލެވިދާނެކަމަށާއި، ނަމަވެސް އޭރުން ހަގީގަތުގައި ނިކަމެތިވެގެންދާނީ ދިވެހި ރައްޔިތުންކަމަށެވެ.
އަދި މޭޔަރުކަމުގައި ކޮންމެ ފަރާތެއް ހުރިނަމަވެސް އެދިލައްވަނީ ރާއްޖޭގެ ރައްޔިތުންނަށް ޚިދުމަތް ލިބޭނެގޮތްވުންކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ހާލި ހެދީ އެމްޑީޕީން ކަމަށާއި، ނަމަވެސް ޕީޕީއެމްއިން އައިސް އެތަނަށް ބިސް އަޅާފައިވާކަމަށެވެ. އެހެނަސް މިއީ ބުޅާ ހެދިފައި ހާލި ވައްޓާލަންޖެހޭފަދަ ކަމެއް ނޫންކަމަށް ދެކިވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ލާމަރުކަޒީ ނިޒާމް އިތުރަށް ވަރުގަދަކޮށް، ރައްޔިތުންނަށް ތަރައްގީ ހޯދޭނެގޮތް ހޯދައިދޭން ޖެހޭނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު، ޑރ.މުއިއްޒު ވަނީ ވަރަށް ބޮޑު ތަފާތަކުން ކުރި ހޯއްދަވާާފައެވެ. މުއިއްޒު އަދި އަނަސްގެ އިތުރުން މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވީ އަމިއްލަގޮތުން ކުރިމަތިލި އަލްހާން ފަހުމީއެވެ. މިއީ މާލޭ ސިޓީ ކައުންސިލެއް އުފެއްދިފަހުން އެމްޑީޕީ ނޫން ޕާޓީއެއްގެ ބޭފުޅަކު މާލޭގެ މޭޔަރަކަށް ވާނެ ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ