މުއިއްޒުއަށް އެއްބާރުލުން ދޭނަން: ނަޝީދު

މާލެ ސިޓީގެ މޭޔަރުކަމަށް އިންތިހާބުވެ ވަޑައިގެންނެވި އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއަށް އެއްބާރުލުން ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ލާމަރުކަޒީ ނިޒާމަށް އަމަލު ކުރަން ފެށި ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ 3 ދައުރުގައިވެސް އެމްޑީޕީން ކާމިޔާބު ކުރަމުން އައި މާލެ ސިޓީގެ މޭޔަރުކަން ތާރީހުގައި އަލަށް ޕީޕީއެމްގެ ކެނޑިޑޭޓަކު ކާމިޔާބު ކުރިއިރު އެކަމާއި ގުޅިގެން ނަޝީދު ވިދާޅުވީ ޑރ. މުއިއްޒުއަށް މަރުހަބާ ދަންނަވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ އުއްމީދު ކުރައްވަނީ މާލޭގެ ކަންކަން ހައްލު ކުރުމުގައި މުއިއްޒު ބުރަކޮށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ނަޝީދުގެ ފަރާތުން ދެއްވަންޖެހޭ އެއްބާރުލުން ދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ނަޝީދު ވަނީ އިއްޔެ ބޭއްވި ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީން ހޯދި ކާމިޔާބީއަށް މަރުހަބާ ދަންނަވައިފަ އެވެ. އެމްޑީޕީން މާލެ ސިޓީ ފިޔަވައި ގިނަ ކައުންސިލްތަކުގެ އަގުލަބިއްޔަތު ހޯއްދެވިކަމަށް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީއަށް ކާމިޔާބު ލިބުނުކަމަށް ނަޝީދު ވިދާޅުވި ނަމަވެސް އިއްޔެގެ އިންތިހާބަކީ އެމްޑީޕީއަށް ލިބުނު ބޮޑު ނާކާމިޔާބީ އެއްކަމަށް ގިނަ ބަޔަކު ސިފަ ކުރެ އެވެ. އެއީ މާލެ ސިޓީން މީގެ ކުރިން މެޖޯރިޓީ ނަގަމުން އައި އެޕާޓީއަށް ވަނީ މެޖޯރިޓީ ގެއްލިފަ އެވެ. ތާރީހުގައި ފުރަތަމަ ފަހަރަށް ޕީޕީއެމްއިން ވަނީ މާލޭ ސިޓީ ކައުންސިލްގެ 12 ގޮނޑިއެއް ކާމިޔާބު ކޮށްފަ އެވެ.
އަނެއްކޮޅުން އެމްޑީޕީން މީގެ ކުރިން ފުލް މެޖޯރިޓީ ނަގަމުން އައި އައްޑޫ ސިޓީ ކައުންސިލުންވެސް މިފަހަރު ސާފު މެޖޯރިޓީއެއް ނުނެގުނެވެ. އައްޑޫ ސިޓީގެ 12 ގޮނޑީގެ ތެރެއިން އެމްޑީއަށް ކާމިޔާބު ކުރެވުނީ 6 ގޮނޑިއެވެ. ތިން ގޮނޑި ޕީޕީއެމްއިން ނެގިއިރު އަނެއް ތިން ގޮނޑި ނެގީ އަމިއްލަ ކެނޑިޑޭޓުންނެވެ. މީއީ އައްޑޫ ސިޓީގެ ރައްޔިތުން އެމްޑީޕީ ނޫން ކައުންސިލަރުންތަކެއް އިންތިހާބު ކުރި ފުރަތަމަ ފަހަރެވެ.
މީގެ އިތުރުން ގދ ތިނަދޫއަށްވެސް މުޅިން އަލަށް އެމްޑީޕީން ނޫން ޕާޓިއެއްގެ މެމްބަރުން ކައުންސިލަރު ކަމަށް ވަނީ އިންތިހާބު ވެފަ އެވެ. މުޅި އިންތިހާބުގެ އަގުލަބިއްޔަތު އެމްޑީޕީން ނެގިނަމަވެސް އިންތިހާބުގެ ކެމްޕެއިން ތެރޭގައި ހޯއްދަވާނެ ކަމަށް ނަޝީދު ވިދާޅުވި ވަރުގެ ކާމިޔާބީއެއް އެމްޑީޕީއަށް ހޯދިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ