އިންޑިއާ އައުޓަކަށް ތާއީދެއް ނެތް, ސިޔާސީ ބޭނުމަށް ދިވެހިން ބާކީ ނުކުރައްވާ: ނަޝީދު

ސިޔާސީ ބޭނުމަށްޓަކައި، ދިވެހިން ބާކީކޮށް ނިކަމެތި ވާނެ ކަންކަން ނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
އެމަނިކުފާނު މިކަމަށް ގޮވާލައްވާފައި ވަނީ، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމު އިސްވެ ހުންނަވައިގެން ކުރިއަށް ގެންދަވާ އިންޑިއާ އައުޓް ކެމްޕެއިނަށް ފާޑު ވިދާޅުވެ، ރައީސް ޔާމީނަށް ނިސްބަތް ކުރައްވައި މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެފަދަ އެއްވެސް ކަމެއް ނުކުރުމަށް ސިޔާސީ ވެރިން ވިސްނަން ވާނެ ކަމަށާއި، އިންޑިއާއާ ދެކޮޅަށް ހިންގާ ކެމްޕެއިނަކީ ދިވެހިންގެ ތާއީދު އޮތް ކެމްޕެއިނެއް ނޫން ކަމަށެވެ. އެކަމުގައި ބައިވެރިވާ މީހުންގެ މަދުކަމުން އެއީ ރައްޔިތުންގެ ތާއީދު ނެތް ކަމެއްކަން ސާބިތުވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ޔާމީން އިސްވެ ހުންނަވައިގެން ޕީޕީއެމް ޕީއެންސީ ކޯލީޝަނުން ކުރިއަށްގެންދާ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރަކުން، ގާނޫނުތަންފީޒު ކުރާ ފަރާތްތަކަށް ވަނީ އަންގަވައިފައެވެ.
އެކަމާ ގުޅިގެން އެ ހަރަކާތް ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން އަންނަނީ މަސައްކަތް ކުރަމުންނަވެ. އެގޮތުން ރައީސް ޔާމީންގެ އަމިއްލަފުޅު ގެކޮޅުގައާއި އެކި ތަންތަނުގައި ދެމި އިންޑިއާ އައުޓް ބެނާތައްވެސް ފުލުހުން ވަނީ ނަގައިފައެވެ.
އެކަމަށް ޓަކައި ރައީސް އިބްރާހިިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަކީ ގާނޫނާ ހިލާފު ގަރާރެއް ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި އެ ގަރާރު ގާނޫނާ ހިލާފު ކަމަށާއި އެ ގަރާރާ ގުޅިގެން އިންޑިއާ އައުޓް ބެނާތައް ނެގުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރު ބާތިލު ކުރުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ހައިކޯޓަށް ހުށަހަޅައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ