ޖިއާންގެ ތަހުގީގު ނިމެންދެން ރާއްޖޭގައި މަޑުކުރާނަން: އާއިލާ

ޖިއާންގެ މަރާމެދު ކަމާބެހޭ ފަރާތްތަކުން ކުރަންޖެހޭ ހުރިހާ ތަހުގީގު ތަކެއްކޮށް ނިމެންދެން ރާއްޖޭގައި މަޑުކުރަން ނިންމާފައިވާ ކަމަށް ރައުޝަން ޖިއާންގެ މަންމަ ޑރ.ފަރްޒާނާ ހުސައިން ބުނެފި އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ކޮންސްޓްރަކްޝަން ސައިޓަކުން ވެއްޓުނު ސިމެންތި ބަސްތާއެއްގެ ދަށުވެ ނިޔާވި ރައުޝަން ޖިއާންގެ އާއިލާއިން މިހެން ބުނެފައިވަނީ އެ އާއިލާގެ ފަރާތުން މިއަދު ބޭއްވި ނިއުސްކޮންފަރެންސްއެއްގައެވެ.
މި ބައްދަލްވުމުގައި ޖިއާންގެ މަންމަ ޑރ ފަރްޒާނާ ބުނީ ޖިޔާންގެ މަރުގެ ތަހުގީގު ކުރުމަށް، ތަހުގީގީ އިދާރާތަކުން ބޮޑެތި މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާ ކަމަށް އާއިލާއިން ގަބޫލުކުރާކަމަށެވެ. 2 އަހަރުވަންދެން ރާއްޖޭގައި ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ޖިޔާންގެ މަންމަ ބުނީ މި ތަހުގީގު އެއްކޮށް ނިމެންދެން ރާއްޖޭގައި ވަޒީފާ އަދާކުރަން ނިންމާފައިވާ ކަމަށެވެ.
ޖިއާންގެ އާއިލާއިން ބުނެފައިވަނީ ޖިޔާންގެ އާއިލާއިންވެސް ޑިސެމްބަރު މަހު މާލެއައީ އެއީ ސްކޫލުތައް ބަންދުވާ ދުވަސްވަރަކަސް ވެފައި އުފާވެރި ޗުއްޓީއެއް ލިބުމަށް އެދިކަމަށެވެ. އެހެންނަމަވެސް ތަގުދީރު ނިޔާކުރި ގޮތުން އެ އާއިލާއަށް މިފަހަރުގެ ޗުއްޓީ ވެގެންދިޔައީ ހަޔާތުގައި ކުރިމަތިވި އެންމެ ބޮޑު ހިތާމައާއި ކުރިމަތިލާންޖެހުނު ޗުއްޓީއަށްކަމަށް ޖިއާންގެ މަންމަ ވަނީ ބުނެފައެވެ.
އާއިލާއިން ބުނީ ޖިއާންއަކީ ވިސްނުންތޫނު ކުއްޖެއް ކަމުގަ އެވެ. އަދި ކިޔަވަންދާ ސްކޫލްދެކެ ލޯބިވާ، ޓީޗަރުންނާއި ރަހުމަތްތެރިންދެެކެވެސް ލޯބިވާ ކުއްޖެއްކަން އާއިލާއިން ފާހަގަކޮށްފައިވެއެވެ. ޖިއާން އަކީ ދިރިއުޅޭ މާހައުލުދެކެ އިންތިހާއަށް ލޯބިވާ ކުއްޖެއްކަން ފާހަގަކުރައްވައި ޖިއާންގެ އާއިލާއިން ބުނީ މަގުމައްޗަށް ކުނިއަޅާ ނުހެދުމަށް އެހެން މީހުން ކައިރިގައި ޖިއާން ބުނެ އުޅޭ ކަމުގަ އެވެ.
ޖިއާންގެ އާއިލާއިން ބުނީ ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރުމަކީ ޖިއާންގެ ވަަރަށް ބޮޑު އުންމީދެއް ކަމުގަ އެވެ. އަދި ބޮޑުވެގެން ޕައިލެތަކަސް ވުމުގެ އުންމީދު ކޮށްފައިވާ ކަމަސް ވެސް އާއިލާއިން ބުނެފައިވެ އެވެ. ޕައިލެޓުންނަކީ އަންހެންކުދިން ކުރަން ރަނގަޅު ކަމެއް ނޫންކަމަށް މީހަކު ބުނެފިނަަމަ ޖިއާން ކައިރިއަށް ރުޅި އަންނަ ކަަމަށް ވެސް އާއިލާއިން ބުނެފައިވެ އެވެ.
މީގެ އިތުރުންވެސް އާއިލާއިން ވަނީ ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންގެ ފަރާތުން އެ އާއިލާއަށް ލިބުނު އަޅާލުންވެސް ވަަރަށް ބޮޑަށް ފާހަގަކުރައްވާފަ އެެވެ. ރާއްޖޭގެ ސަރުކާރުގެ ފަރާތުން އެ އާއިލާއަށް ލިބިފައިވާ އަޅާލުން ފާހަގަކޮށް އާއިލާއިން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ނައިބު ރައީސް ފައިސަލް ނަސީމާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، މާލެސިޓީގެ މޭޔަރ ޝިފާ މުހައްމަދާއި، ފުލުހުންގެ މުއައްސަސާއާއި، ހެލްތް މިނިސްޓަރ އަބްދުﷲ އަމީން އަދި އައިޖީއެމްއެޗްގެ އެންމެހާ ސްޓާފުންގެ ފަރާތުން ލިބިފައިވާ އަޅާލުން ފާހަގަ ކުރައްވާފައެވެ.
އާއިލާއިން އިތުރަށް ބުނީ ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި އަދި ދުއާގައިވެސް ރައުޝަން ޖިއާންގެ ނަަން ޝާމިލުކުރުމަށް އިލްތިމާސްކުރާ ކަމުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ