ސިޔާސީ މަސައްކަތަށް ފަހު މަރޭ އެނބުރި ކުޅިވަރުގެ ތެރެއަށް

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރެއްވުމަށް ނެންގެވި ޗުއްޓީއަށް ފަހު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) އެނބުރި މަސައްކަތަށް މިއަދު ނުކުންނެވި އިރު ކުރިމަތީގައި އޮތީ ބޮޑު ދެ ހަރަކާތެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސް އެވެ.
މިދިޔަ އަށެއްކަ އަހަރު ބައިނަލްއަގްވާމީ ގޭމްސްތަކަށް ރާއްޖޭގެ ކޮންޓިންޖެންޓް ތައްޔާރުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި މަރުޒޫގު ވިދާޅުވީ، މިދިޔަ ދުވަސްތަކުގައި އެމްއޯސީއާ ދުރުގައި ހުންނެވީ މަގާމުގެ އެއްވެސް ނުފޫޒެއް އޭނާގެ ސިޔާސީ މަސައްކަތުގެ ތެރެއަށް ނުވައްދަން ކަމަށެވެ. ޕްރައިމަރީސްގެ ނާކާމިޔާބުވުމާ އެކު، މިވަގުތަށް ސިޔާސީ މަސައްކަތްތައް ނިމި އޭނާގެ ހުރިހާ ސަމާލުކަމެއް ދެއްވާނީ ދެ ގޭމްސް އަށް ކަމަށް މަރުޒޫގު ވިދާޅުވި އެވެ.
"އޮލިމްޕިކް ކޮމިޓީގެ މަގާމުގެ އެއްވެސް ނުފޫޒެއް (ކެމްޕެއިނަށް) ވަދެދާނެތީ، އަޅުގަނޑު ދެ މަސް ދުވަހުގެ ނޯޕޭ ލީވެއް ނެގީ،" މަރުޒޫގު ވިދާޅުވި އެވެ.
ހެލްތު މިނިސްޓްރީން، އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން މަރުޒޫގު، ހެލްތު ޕްރޮމޯޝަން އެޑްވައިޒަރީ ބޯޑަށް ވެސް ދާދި ފަހުން އައްޔަންކުރި އެވެ. އެކަމަކު، އެއީ ސަރުކާރުގެ ފަރާތުން މަރުޒޫގުގެ ކެމްޕެއިނަށް ލިބޭ އެންޑޯޒްމަންޓަކަށްވެ، އިދިކޮޅު ކެންޑިޑޭޓަކަށް ދެރައެއް ލިބިދާނެތީވެ އޭނާ އެ މަގާމުން ވެސް އިސްތިއުފާ ދެއްވި އެވެ.
ދެ މަސް ދުވަހަށް ފަހު އޭނާ މިއަދު އެނބުރި އޮފީހަށް ނުކުންނެވުމުން މުވައްޒަފުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. ރާއްޖޭން އެންމެ ބޮޑު ކޮންޓިންޖެންޓެއް ފޮނުވާ ދެ ގޭމްސްގެ ތައްޔާރީތައް ބޯމަތީގައި އޮއްވާ އޭނާ އެނބުރި އައުމަކީ މުވައްޒަފުންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.
"ވަރަށް ވަރަށް ބުރަ ދުވަސްކޮޅެއް ކުރިއަށް މިއޮތީ. އަޅުގަނޑުގެ ހުރިހާ ވިސްނުމެއް މިހާރު މިހިރީ މި ދެ ގޭމްސްގެ ތައްޔާރީތަކަށް،" މަރުޒޫގު ވިދާޅުވި އެވެ.
އެންމެ ފުރަތަމަ އޮންނާނީ ޖުލައި މަހު މޮރިޝަސްގައި ބާއްވާ އިންޑިއަން އޯޝަން ގޭމްސް އެވެ. ސައުތު އޭޝިއަން ގޭމްސް ކުރިން، ނޭޕާލުގައި މާޗު ބާއްވަން ބާއްވަން ތާވަލުކުރި ނަމަވެސް މިހާރު ބެލެވެނީ އެ ގޭމްސް އޮންނާނީ ސެޕްޓެމްބަރުގައި ކަމަށެވެ.
"އަޅުގަނޑުމެންނާ އިތުރު ބައެއް ގައުމުތަކުން މިހާރު ނޭޕާލުގައި އެދިފައިވާނީ ގޭމްސް ބާއްވާނެ ސީދާ ތާރީހެއް ދެ ހަފުތާގެ ތެރޭގައި އަންގަން. މިހާރު ވާހަކަދެކެވެމުން އަންނަނީ ސެޕްޓެމްބަރުގައި ބާއްވަން. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ހުރިހާ ކަމެއް ވަނީ ހަމަޖެހިފައި. އެކަމަކު އަދި ފައިނަލް ބައްދަލުވުން އަންނަ މަހު އޮންނާނީ. އޭގައި ހުރިހާ ތަފްސީލެއް ލިބޭނީ،" މަރުޒޫގު ވިދާޅުވި އެވެ.
ރާއްޖޭން އަމާޒުކޮށްފައިވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން 15 މެޑަލް ހޯދުމަށެވެ. ސައުތު އޭޝިއަން ގޭމްސްގެ ޓާގެޓްތައް ކަނޑައަޅާނީ އަންނަ މަހު އެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ސްޓިއަރިން ކޮމިޓީއެއް އެކުލަވާލައި އެސޯސިއޭޝަންތަކާ ގުޅިގެން މިހާރު ވެސް ވަނީ ތައްޔާރީތައް ފަށައިފަ އެވެ.
"މެޑަލް ޓާގެޓް އެތުލީޓުން ރާއްޖޭން ބޭރަށް ފޮނުވައި ތަމްރީން ދިނުން އެންމެ ބޮޑު މަސައްކަތަކަށް އޮންނާނީ. މިހާރު ވެސް ސްޓިއަރިން ކޮމިޓީން އަންނަނީ އެ މަސައްކަތްކުރަމުން. ބާކީ މިއޮތީ ފަސް މަސް ދުވަސް. އަމާޒަށް ވާސިލްވެވޭނެ،" މަރުޒޫގު ވިދާޅުވި އެވެ.
ސައުތު އޭޝިއަން ގޭމްސް ސެޕްޓެމްބަރު މަހު އޮންނަ ނަމަ އެއީ ރާއްޖެ އަށް ލިބޭނެ ފައިދާއެކެވެ. އޭރުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ތައްޔާރީތަކާއި އެ ގޭމްސް އިން ލިބޭ ވާދަވެރި މެޗުތަކާއި އަދި ކާމިޔާބީތަކާ އެކު، އެ ތާޒާކަންމަތީގައި ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރަން ފުރުސަތު ލިބޭނެ އެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ފަސް މެޑަލް ހޯދަން ޓާގެޓްކޮށްފަ އެވެ. އެތުލެޓިކްސް އަކީ ފަހަކަށް އައިސް ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަށް އެންމެ ގިނަ މެޑަލް ހޯދައިދިން ކުޅިވަރެވެ. އެގޮތުން 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދުވުންތެރިޔާ ހަސަން ސާއިދު ވަނީ ރަން މެޑަލް ހޯދައި ތާރީހުގެ ތެރެއަށް ވަދެފަ އެވެ. އަދި އެ މުބާރާތާއި ޖެހިގެން އައި އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ސާއިދު ވަނީ ރިހި މެޑަލް ހޯދައިފަ އެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން ވެސް އަންނަނީ އެ ގޭމްސްގައި ކާމިޔާބީ ހޯދަން ދިގު ރާސްތާ ޕްލޭނެއް ހަދައި މީގެ ތިން އަހަރު ކުރިން ފެށިގެން މަސައްކަތްކުރަމުންނެވެ. ބެޑްމިންޓަނަކީ މި ގޭމްސްގައި ޖުމްލަކޮށް ރާއްޖޭން އެންމެ ކާމިޔާބު ކުޅިވަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ