މ. އަތޮޅު ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ މުލަކު އެކުވެރި ކްލަބު ހޯދައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ މ. އަތޮޅު ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ މުލަކު އެކުވެރި ކްލަބުން ހޯފައިފިއެވެ.
މަލަކު އެކުވެރި ކްލަބުން ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ އިއްޔެ ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ނާލާފުށި ޔޫތު ޑެވެލޮޕްމެންޓް އެސޯސިއޭޝަން އަތުން މޮޅުވެގެންނެވެ. މިމެޗުން މުލަކު އެކުވެރި ކްލަބު މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހެއެވެ. އިތުރު ވަގުތުން ވެސް ނަތީޖާއެއް ނެރެވިފައިނުވުމުން ޕެނަލްޓީ ޖަހައިގެން މުލަކު އެކުވެރި ކްލަބު މޮޅުވީ 3-2 ލަނޑުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މުލަކު އެކުވެރި ކްލަބުގެ ގޯލްކީޕަރު ހުސައިން ނަދީފެވެ.
މިމުބާރާތުގައި މިއަދު ހަވީރު ކުޅޭނީ ސެމީ ފައިނަލުގެ ދެވަނަ މެޗެވެ. މިމެޗުގައި ބައްދަލުކުރާނީ މުލަކު އެކުވެރި ޒުވާނުންގެ ޖަމްއިއްޔާއާއި ކޮޅުފުށި ޒުވާނުންގެ ޖަމްއިއްޔާއެވެ. މިމެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ފަހު ޖާގަ ކަށަވަރުވާނެއެވެ.
މިމުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ