ޖީއެސްޓީ ނަގަން ނިންމުމާ ގުޅިގެން ޔޫރަޕުގެ އެޖެންޓުން ކަންބޮޑުވުން ފާޅުކޮށްފި

ޓޫރިސްޓު ހިދުމަތް ދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ހިދުމަތުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ، ރާއްޖޭގައި ތައާރަފުކުރާތީ ޔޫރަޕާއި ޕްރާންސުގެ ޓްރެވަލް އެޖެންޓުންނާއި ޓުއަ އޮޕަރޭޓަރުންގެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އަންނަ ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން ޓޫރިސްޓުންނަށް ވިއްކާ ތަކެއްޗާއި ދޭ ހިދުމަތްތުން 3.5 ޕަސެންޓުގެ ޓެކުހެއް ނަގަން ނިންމާފައިވާތީ، ދަ ޔޫރަޕިއަން ޓްރެވަލް އެޖެންޓްސް އެންޑް ޓުއަ އޮޕަރޭޓާސް (އީސީއައިއޭއޭ) އަދި ފްރެންޗް އެސޯސިއޭޝަން އޮފް ޓުއަ އޮޕަރޭޓާސް (ސީއީޓީއޯ) އިން ކަންބޮޑުވުން ފާޅުކޮށްފައި ވަނީ އެ ދެ ޖަމިއްޔާއިން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަ އޮޕަރޭޓާސް (މަޓާޓޯ) އަށް ފޮނުވި ސިޓީއެއްގަ އެވެ. މި ދެ ސިޓީގެ ކޮޕީއެއް ހަވީރަށް ވަނީ ލިބިފަ އެވެ.
އީސީއައިއޭއޭގެ ސެކްރެޓަރީ ޖެނެރަލް މައިކަލް ޑެ ބްލަސްޓް ސޮއިކުރައްވައި ބުދަ ދުވަހު މަޓާޓޯގެ ރައީސް ޔޫސުފް ރިފްއަތަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރު ކަމަށް ބަލާއިރު، ރާއްޖެއިން މި ދަނޑިވަޅު ޖީއެސްޓީ ތައާރަފު ކުރުމުން އޭގެ ފައިދާކުރާނީ، ކުރާ ހަރަދާ އަޅާބަލައިރު އެކަށީގެންވާ މަންޒިލްތައް ކަމަށްވާ ތައިލެންޑާއި ކެރިބިއަން ފަދަ ގައުމުތަކަށް ކަމަށެވެ. އަދި ޔޫރަޕުގެ 29 ގައުމު ތަމްސީލުކުރާ ޖަމިއްޔާއިން ވަނީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ވެސް ބުނެފަ އެވެ.
ފްރާންސުގެ 80 އަށް ވުރެ ގިނަ ޓުއަ އޮޕަރޭޓަރުން ތަމްސީލުކުރާ ޖަމިއްޔާގެ ރައީސް ރެނީ-މާކް ޗިކްލީ މި މަހުގެ ހަ ވަނަ ދުވަހު މަޓާޓޯ އަށް ފޮނުވި ސިޓީގައި ވެސް ވިދާޅުވެފައިވަނީ ކުރާ ހަރަދާ އަޅާބަލާއިރު އެކަށީގެންވާ އެހެން މަންޒިލްތައް ހުރިއިރު، އިގްތިސާދަށް އައިސްފައިވާ ހީނަރުކަމާ އެކު ރާއްޖެ އަށް މިއަށްވުރެ ވަކި ވާދަވެރި ދުވަސްވަރެއް ނާންނާނެ ކަމަށެވެ.
އީސީއައިއޭއޭގެ މައިކަލް ފާހަގަ ކުރައްވާފައިވާ ގޮތުގައި ކުރިއަށް އޮތް ފިނި މޫސުމަށް ބްރޯޝާތައް ތައާރަފުކޮށްގެން އަގުތައް ނެރެފައި ވަނިކޮށް އެ އަގުތައް އަލުން ބަދަލުކުރަން ޖެހުމަކީ ފަސޭހަކަމެއް ނޫނެވެ. އަދި ވަކި އަގަކަށް ޕެކޭޖެއް ވިއްކާފައިވަނިކޮށް ފަހުން އެ ޕެކޭޖަށް އިތުރު އަގެއް ނަގަން ބޭނުންވިއަސް އެ ފައިސާ ދޭން އެއްވެސް ފަރާތަކުން ބޭނުން ނުވާނެކަން އޭނާ ފާހަގަ ކުރައްވާފައިވެ އެވެ. އަދި ޔޫރަޕުގެ ބައެއް ގައުމުތަކުގައި ޓުއަ އޮޕަރޭޓަރުން އަމަލުކުރަން ޖެހޭ ގަވާއިދުތައް ހުރި ގޮތުން އެ ފައިސާ (ޓެކްސް އަށް ދައްކަން ޖެހޭ އަދަދު) ވަގުތުން ހޯދުމަކީ ނާދިރު ކަމެއް ކަމަށް ބުނެފައިވެ އެވެ.
އެކަށީގެންވާ މުއްދަތެއް ނުދީ ޖީއެސްޓީ ނެގުމުން، ޓުއަ އޮޕަރޭޓަރުންނަށް ދިމާވާނެ މައްސަލަތައް ހައްލުކޮށްދިނުމަށްޓަކައި އެ ޓެކްސް ތައާރަފުކުރުން އަންނަ އަހަރުގެ ފިނި މޫސުމަށް (ނޮވެމްބަރު 2011) އަށް ފަސްކޮށްދިނުމަށް ކަމާ ބެހޭ ފަރާތްތަކުގައި އެދުމަށް އީސީއައިއޭއޭއިން އެދިފައި ވެ އެވެ.
ފްރާންސުގެ ޓްރެވަލް އެޖެންސީގެ ރައީސް ރެނީ-މާކް ވިދާޅުވެފައިވާ ގޮތުގައި އެންމެ ފަރާތަކުން ބޭނުންވާ ގޮތަށް ޖީއެސްޓީ ނެގުމަށް ނިންމާފައި މިވަނީ އެ މީހުންނާ މަޝްވަރާނުކޮށް އަދި އޭގެ މަގުސަދު ވެސް ރަސްމީކޮށް ނާންގަ އެވެ. އެ މީހުން ބޭނުންކުރާ އައިޓީ ސިސްޓަމްގެ ސަބަބުން ސީޒަންގެ މެދުތެރެއިން ކުއްލިއަކަށް އަގުތަކާ ކުޅުމަކީ ވެސް ފަސޭހަ ކަމެއް ނޫންކަން ފާހަގަކޮށްފައިވެ އެވެ.
ފްރާންސުގެ ޓްރެވަލް އެޖެންސީން ވެސް އެދިފައިވަނީ ދެ ފަރާތުގެ ފައިދާ އަށް ޓަކައި ޖީއެސްޓީ ނަގަން ފެށުން އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ފަސްކޮށްދިނުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގައި މަޓާޓޯއިން އެދުމަށެވެ. އެހެން ނޫން ނަމަ ކުރިއަށް އޮތް ފިނިމޫސުމުގައި ނޭދެވޭ އަސަރުތަކެއްކޮށް ފްރާންސުގެ މީހުންގެ މެދުގައި ރާއްޖެއަކީ މަގުބޫލު ތަނަކަށް ހެދުމަށް ޒަމާނުއްސުރެ ކުރި މަސައްކަތް ބޭކާރުވެގެންދާނެ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.
މި އަހަރުގެ ޖެނުއަރީން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް، ޔޫރަޕުން ރާއްޖޭގެ ޓޫރިޒަމްގައި 64 ޕަސެންޓް ހިއްސާވެފައިވާއިރު ފްރާންސުގެ ހިއްސާއަކީ 6.7 ޕަސެންޓެވެ. އެއީ ރާއްޖެ އަށް ފަސް ވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ.
ރާއްޖޭގެ ވަރަށް ގިނަ ރިސޯޓްތަކުން ވަނީ ޖެނުއަރީން ފެށިގެން ރާއްޖެ އަންނަ ޓޫރިސްޓުންނަށް މިހާރު ވިއްކާފައިވާ ޕެކޭޖުތަކަށް ވެސް ޖީއެސްޓީ އަށް ވާ 3.5 ޕަސެންޓް ދައްކަން ޖެހޭނެކަން ޓްރެވަލް އެޖެންސީތަކަށް އަންގައިފަ އެވެ.
ޖީއެސްޓީ ގާނޫނުގެ ސަބަބުން ރާއްޖޭގެ ޓްރެވަލް އެޖެންޓުން ބަނގުރޫވެގެން ހިނގައިދާނެ ކަމަށް ބުނެ މަޓާޓޯއިން ތަފާތު އެތައް ފަހަރެއްގެ މަތިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މަޓާޓޯއިން ބުނި ގޮތުގައި ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ސިޔާސީ ފަރާތްތަކަށް ވެސް އެ މީހުންގެ ކަންބޮޑުވުންތައް ފާޅުކޮށްފައިވާނެ އެވެ. ނަމަވެސް މަޓާޓޯ އިން ބުނީ އެ މީހުންގެ ކަންބޮޑުވުންތަކަށް އެކަށީގެންވާ އެއްބާރުލުމެއް އަދި ލިބިފައިނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ