މެދު ޒިޔާރަތް އާންމުންނަށް ހުޅުވާލުމުން ގިނަ އަދަދެއްގެ ބަޔަކު ޒިޔަރާތް ބަލަން ހިނގައްޖެ

އަދާލަތު ޕާޓީން ދެކޮޅު ހަދަމުން ދަނިކޮށް މާލޭ މެދު ޒިޔާރަތް ފުރަތަމަ ފަހަރަށް އާންމުންނަށް ހުޅުވާލައިފި އެވެ.
ރާއްޖެ އިސްލާމްވީ ދުވަހާ ގުޅުވައިގެން، މެދު ޒިޔާރަތް މިއަދު ހެނދުނު އާންމުންނަށް ހުޅުވައިލީ ހެނދުނު 00: 9 ގަ އެވެ.
މެދު ޒިޔާރަތް ހުޅުވައިލުމުން ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ އިތުރުން ސަރުކާރުގެ އިސް ވަރަށް ގިނަ ވެރިން ވެސް ޒިޔަރާތް ބައްލަވައިލެއްވުމަށް މިއަދު ހެނދުނު ޒިޔާރަތަށް ވަޑައިގަތެވެ.
މެދު ޒިޔާރަތް ބަލަހައްޓާ ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގެ އޮފިޝަލުން ވިދާޅުވީ ހުޅުވާލިތާ ގަޑިއެއްހާ އިރުގެ ތެރޭގައި ވެސް 200 އަށް ވުރެ ގިނަ އާންމުން ޒިޔާރަތް ބަލަން ވަން ކަމަށެވެ.
"ހަވީރު ފިނިޖެހިލީމާ ވަރަށް ގިނަ އަދަދެއްގެ ބަޔަކު އަންނާނެ ކަމަށް ގަބޫލުކުރެވޭ،" ގައުމީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވި އެވެ.
މެދު ޒިޔާރަތް ބަލަން ވަކިވަކި ފަރުދުންނާއި އާއިލާތައް ވެސް ދިޔަ އެވެ. ވަރަށް ގިނަ ކުޑަކުދިންނާއި ވަރަށް ތުއްތު ކުދިން ގޮވައިގެން ވެސް ޒިޔަރާތަށް ވަނެވެ. މީގެ އިތުރުން ޓޫރިސްޓުން ވެސް މެދުޒިޔާރަތަށް ވަދެ، އެތާނގެ ތާރީހީ މައުލޫމާތުތައް އޮޅުންފިލުވައި ހެދި އެވެ.
ސިފައިންގެ ސަލާމަތީ ފިޔަވަޅުތަކާ އެކު މެދު ޒިޔާރަތް ހުޅުވާލުމުން، އެ ތަން ބަލައިލަން ވަން ބައެއް މީހުން ބުނީ، ތާރީހީ އެ ޒިޔާރަތް ފުރަތަމަ ފަހަރަށް ބަލައިލުމުގެ ފުރުސަތު ލިބުމުން އުފާކުރާ ކަމަށެވެ.
"ކުރިއްސުރެ ބަލައިލުމުގެ އުންމީދުގައި ހުންނަނީ. މި ފުރުސަތު ލިބުމުން ވަރަށް އުފާވި،" އެކަކު ބުންޏެވެ. "މިހާ ޒަމާންވީއިރު ވެސް ވަރަށް ރަނގަޅަށް ބަލަހައްޓާފައި ހުރިކަން އެނގޭ މި ތަނަށް ވަނުމުން،"
މެދު ޒިޔާރަތުގައި ވާ މަގުބަރާގެ ޒީނަތަށްޓަކައި ބައެއް ބަދަލުތައް ގެނެސްފައި ހުރި ނަމަވެސް އެންމެ އިހުގެ ސަނދުވާ އާއި ބައެއް ތަކެތި ހުރި ގޮތަށް ބަދަލެއް ނުގެނެސް ހުއްޓެވެ.
މެދު ޒިޔާރަތް ހުޅުވަން ދެކޮޅު ހަދައި އެކަންނުކުރުމަށް ސަރުކާރަށް ގޮވައިލި، ދީނީ އިލްމުވެރިން ހިމެނޭ އަދާލަތު ޕާޓީން ބުނެފައިވަނީ އެފަދަ ކަންކަންކުރުމަކީ ރާއްޖެ އިން ފޮހެވިފައިވާ ބާތިލު ކަންތައްތައް އަލުން އިއާދަވެދާނެ ކަމެއް ކަމަށާއި ސަގާފަތާއި ތާރީހުގެ ތެރޭގައި، ހިމެނޭ އިސްލާމް ދީނާ ހިލާފު ކަންތައް ދިރުވުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އެފަދަ ކަންކަން ދިރުވުމަކީ އެ ކަންތައްތައް ފޮހެލުމަށް ރާއްޖޭގެ ދަންނަ ބޭކަލުން މާޒީގައި ކުރެއްވި މަސައްކަތްތަކުގައި ކޮޅުފައިންޖެހުން ކަމަށް ވެސް އެ ޕާޓީން ބުނެފައިވެ އެވެ.
މާލޭ މެދު ޒިޔާރަތަކީ މީލާދީން 1153 ވަނަ އަހަރު ރާއްޖެ އަށް އިސްލާމް ދީން ގެނެސްދެއްވި އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ ފަސްދާނުލެވިފައިވާ ޒިޔާރަތެވެ. ބަރުބަރީގެ އިތުރުން 1692 ވަނަ އަހަރު ރާއްޖޭގައި ރަސްކަން ކުރެއްވި އަރަބިކަރައިގެ ބޭފުޅެއް ކަމަށްވާ ސައްޔިދު ވެސް މެދު ޒިޔާރަތުގައި ފަސްދާނުލާފައިވެ އެވެ.
މެދު ޒިޔާރަތަށް "މެދު ޒިޔާރަތް" ކިޔަން ފެށީ އިހު ޒަމާނުގައި މާލޭގެ ބޮޑުމިނުގެ ނިސްބަތުން އެ ޒިޔާރަތް މާލޭގެ މެދުގައި ހުރުމުންނެވެ.
މެދު ޒިޔާރަތަކީ ކުރިން ނަދުރު ބުނަމުން އައި ތަނެކެވެ. އެ ތަނަށް ނަދުރު ބުނުން ސަރުކާރުން މަނާކުރީ 1957ގަ އެވެ. ބިނާކުރި ތާރީހެއް އޮޅުންނުފިލާ މެދު ޒިޔާރަތް، ކުރިން ހުންނަނީ ފަނުންނެވެ. މިހާރު އެ ހުރި ގޮތަށް ހެއްދެވީ ޝަމްސުއްދީނުގެ ރަސްކަމުގައި އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނެވެ. އެ ޒިޔާރަތުގެ ދިދަ ދަނޑި ކުރިން ހުންނަނީ މެދު ޒިޔަރާތް މަގުގަ އެވެ. ނަމަވެސް ރައީސް ނާސިރުގެ ވެރިކަމުގައި މަގުގެ ތަނަވަސްކަން އިތުރުކުރުމުގެ ބޭނުމުގައި ދިދަ ދަނޑި ނަގައި އެތެރެ އަށް ޖެއްސި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ