މަރަދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ޖުލައި މަހު ނިމޭނެ: ހޯގާޑް

ހަލާކުވެފައިވާތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް މިދިޔަ މަހު މަރާމާތު ކުރަން ފެށި މަރަދޫ ބަނދަރުގެ މަސައްކަތް އަންނަ ޖުލައި މަހަށް ނިންމާލެވޭނެ ކަމަށް އެ މަސައްކަތާ ހަވާލުވެފައިވާ ކުންފުނި އެމްޓީ ހޯގާޑުން ބުނެފި އެވެ.
ކުރިން އޮތް ސައިޒަށް ވުރެ ބޮޑުކޮށް، ރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން މަރާމާތު ކުރަމުން އަންނަ މިބަނދަރުގައި މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ނެރާ ދިމާލުގައި ހިލަ ޖަހައި ޝީޓްތައް ޕައިލް ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ހޯގާޑުން ބުންޏެވެ.
"މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދޭ. އެހެންވީމާ ޓާގެޓްކޮށްފައި އޮތް މުއްދަތަށް ބަނދަރުގެ މަސައްކަތް ނިންމާލެވޭނެ،" ހޯގާޑުގެ އޮފިޝަލަކު ވިދާޅުވި އެވެ. "އަޅުގަނޑުމެން ވަރަށް ރަނގަޅަށް ޕްލޭންކޮށްގެން މިމަސައްކަތް ކުރިއަށް މިގެންދަނީ."
ކުރިން 500 ފޫޓްގެ ތޮށިގަނޑެއް ލައިފައި އޮތް މިބަނދަރުގައި މިހާރު ހަދަމުން ދަނީ 700 ފޫޓުގެ ތޮށިގަނޑެކެވެ. މީގެއިތުރުން ބަނދަރުގެ ފުޅާމިން ވެސް ވަނީ 300 ފޫޓަށް އިތުރުކޮށްފަ އެވެ. އެހެންނަމަވެސް ރަށުގެ ރައްޔިތުން، ބަނދަރު މަރާމާތުކުރަން ވާނީ ކުރިން އޮތް ސައިޒަށް ވުރެ ބޮޑުކޮށް ކަމަށް އެދެމުން ދިއުމާ އެކު ބަނދަރުގެ ސައިޒު ބޮޑުކުރާ ގޮތަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ނިންމެވީ އެވެ. އަދި މިކަމާ ގުޅޭ ގޮތުން މިނިސްޓްރީގެ ޓީމުތައް އެތައް ފަހަރެއްގެ މަތިން އައްޑު އަށް އައިސް މަޝްވަރާ ވެސް ކޮށްފައިވެ އެވެ.
ތިންހާހަށް ވުރެ ގިނަ މީހުންގެ އާބާދީއެއް ދިރިއުޅެމުން އަންނަ މަރަދޫގައި 1996 ގައި ހެދި ބަނދަރު، 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީއާ ގުޅިގެން ވަރަށް ބޮޑަށް ހަލާކުވުމާ ގުޅިގެން އެ ރަށުގެ ދޯނިފަހަރަށާއި އާންމުންނަށް ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ