ދިވެހި ކުދިން ކޯޕަންހޭގަންގައި: "އަހަރެމެން ދިވެހިން އެހެން ތަނަކަށް ހިޖުރަކުރާކަށް ބޭނުމެއް ނޫން"

ކޯޕަންހޭންގަން އިން އަހުމަދު އަދުޝަން
ކޯޕަންހޭގަންގައި މިހާރު ކުރިއަށްދާ އދ. ގެ މޫސުމާ ބެހޭ ބައްދަލުވުމުގައި ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކާ އެކު ރާއްޖެ އިން ވެސް ރާއްޖޭގެ އަޑު އުފުލަމުން އެބަ ގެންދެ އެވެ.
މި ސަމިޓުގައި ބައިވެރިވާ ކުދި ގައުމުތަކުގެ އަޑު އުފުލުމަށް، ސަމިޓް ހިނގަމުންދާ ބެލާ ސެންޓަރުގައި ބުރާސްފަތި ދުވަހު ހަވީރު ބޭއްވި ހަރަކާތުގައި ރާއްޖޭގެ ޒުވާނުންގެ އަޑު އިއްވައިދީފައި ވަނީ މި ސަމިޓުގައި ރާއްޖެ އިން ބައިވެރިވާ ޒުވާނުންގެ ވަފުދުގައި ހިމެނޭ ފާތުމަތު އެލީޝާ ޖަމީލު އެވެ. އޭނާގެ އިތުރުން ދެން މި ހަރަކާތުގައި ވާހަކަ ދެއްކީ ފިޖީގެ ޒުވާނެކެވެ.
އެ ހަރަކާތުގައި އެލީޝާ ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެ ފަދަ ގައުމުތަކަށް ކުރިމަތިވެދާނެ މައްސަލަތަކާ ގުޅޭ ގޮތުން ވާހަކަ ދައްކައިފައިވެ އެވެ. އެގޮތުން މިހާރު ވެސް ރާއްޖެ އަށް ކުރިމަތިވަމުންދާ ރަށް ގިރުމުގެ މައްސަލަ އާއި އުދައެރުމާއި ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ކުރިމަތި ވެދާނެ ނުރައްކާތަކަށް އަލިއަޅުވާލައިފައިވެ އެވެ. އެ ނުރައްކާތަކުގެ ތެރޭގައި 1998 ވަނަ އަހަރު ރާއްޖޭގެ ފަރުތަކަށް ކުރިމަތިވި މުރަކަ ހުދުވުމުގެ މައްސަލައިގެ ސަބަބުން ރާއްޖޭގެ ވެއްޓަށް ކުރިމަތިވި އަސަރުތައް އެލީޝާ ފާހަގަކުރި އެވެ.
މިފަދަ ނާޒުކު ފައްތަރެއްގައި ދިވެހިން ތިއްބަސް ހަމަހިމޭންކަންމަތީގައި މަރުވާން ބޭނުން ނުވާކަމަށް އޭނާ ބުންޏެވެ. ދިވެހިންނަކީ ކުދި ޖަޒީރާ ރަށްތަކާ ގުޅިލާމެހިފައިވާ ބައެއް ކަމަށާއި ރާއްޖެ އަކީ ދިވެހިންގެ ސަގާފަތާއި އާދަކާދައާ ގުޅިފައިވާ ވަތަން ކަމަށް ވާތީ ގައުމު ދޫކޮށް އެހެން ތަނަކަށް ދިވެހިން ހިޖުރަކުރަން ބޭނުން ނުވާ ކަމަށް ވެސް އެލީޝާ ބުނެފައިވެ އެވެ.
ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކަށް ހައްލެއް ހޯދުމަށް ހުރިހާ އެންމެންނާ ގުޅިގެން ދިވެހިން މަސައްކަތް ކުރަން ބޭނުންވާކަން ވެސް އެލީޝާ ފާހަގަކުރި އެވެ.
ކުދި ގައުމުތަކުގެ އަޑު އިއްވައި ދިނުމަށް ބުރާސްފަތި ދުވަހު ހަވީރު ބޭއްވި ހަރަކާތުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެފައިވެ އެވެ.
މޫސުމަށް އަންނަ ބަދަލުތަކަށް ހައްލެއް ހޯދުމަށް ކޯޕަންހޭގަންގައި މި މަހުގެ 7- 18 އަށް ކުރިއަށް ދާ ސަމިޓުގައި ރާއްޖެ އިން ފަސް ޒުވާނުން، އެކިއެކި ހަރަކާތްތަކުގައި އަންނަނީ ބައިވެރިވަމުންނެވެ. އެގޮތުން މޫސުމާ ގުޅޭ އެކި ދާއިރާތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ކޮންމެ ދުވަހަކު ވެސް ސެޝަންތަކަށް ބަހާލައިގެން ކުރިއަށް ގެންދާ ބައްދަލުވުންތަކުގައި ރާއްޖޭގެ ޒުވާނުންގެ ވަފުދު އަންނަނީ ބައިވެރިވެ އަޑުއުފުލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ