އިޒްރޭލު ދަނޑުވެރިންގެ ޓީމު ފިއްލަދު އަށް ނޭރުވުމުން ޕީޕީއެމުން ޝުކުރު އަދާކޮށްފި

ދަނޑުވެރިކަން ކުރުމަށް ޝައުގުވެރިކަންފާޅުކޮށް ހއ. ފިއްލަދު އަށް ދިއުމަށް ހަމަޖައްސާފައިވާ އިޒްރޭލުގެ ޓީމު އެ ރަށަށް ނޭރުވުމަށް ރައްޔިތުންގެ ބަޔަކު ކުރި މަސައްކަތަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ޝުކުރުއަދާކޮށްފި އެވެ. ޕީޕީއެމުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިޒްރޭލުގެ ޓެޝޫވާ އެގްރިކަލްޗަރަލް ޕްރޮޖެކްޓްސް ލިމިޓެޑްގެ ފިއްލަދު އަށް ނާރުވަން ދެކޮޅު ހަދައި ރައްޔިތުން މަސައްކަތްކޮށްފައި ވަނީ ދިމިކްރާތީ އުސޫލާއި ޝުއޫރުފާޅުކުރުމުގެ ހަމަތަކުގެ ތެރެއިން ދައްކައިދީފައިވާ ނަމޫނާ ހަރަކާތެއް ކަމަށެވެ. އަދި އެއީ ރައްޔިތުންގެ މަޝްވަރާއާ ނުލައި އިޒްރޭލާއެކު ސަރުކާރުން ތަފާތު ގުޅުންތައް ގާއިމްކުރުމަށް ކުރާ މަސައްކަތަށް ހޭއާރާ ތިބުމަށް ދިން އިންޒާރެއް ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ. "ފިއްލަދޫ ރައްޔިތުން ދައްކުވައިދިން ހިތްވަރުގަދަ ހަރަކާތުން ދޭހަކޮށްދެނީ ތާރީހީ މި މުހިއްމު ދަނޑިވަޅުގައި ފަލަސްތީނު އިޒްރޭލުގެ އަނިޔާވެރިކަމުން ސަލާމަތްވެ މިނިވަން ދައުލަތެއްގެ ގޮތުގައި ތެދުވުމަށް ކުރާ މަސައްކަތުގައި ދިވެހިންގެ އިހްސާސްތައް ހުރި ގޮތެވެ،" ޕީޕީއެމުން ނެރުނު ބަޔާނުގައި ވެ އެވެ. އެ ބަޔާނުގައި ބުނީ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި މެދުއިރުމަތީގެ އަރަބި އިސްލާމީ ގައުމުތަކާ އޮތް ގުޅުމުގެ ސަބަބުން ތަރައްގީ އާއި އިގްތިސާދަށް ހެއޮ ރަނގަޅު އަސަރުތަކެއް ކުރި ކަމަށެވެ. ނަމަވެސް މިހާރު ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތުގެ ސަބަބުން، އެތަކެއް އަހަރުތަކެއްގެ މަސައްކަތުން ބިނާކޮށްފައިވާ ގުޅުންތައް ވަރަށް ބޮޑަށް ހީނަރުވަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. ފިއްލަދު އަށް އިޒްރޭލުގެ ދަނޑުވެރިންގެ ޓީމު ދާނެކަން އަންގައި ޝެޑިއުލް ވެސް ފޮނުވުމަށް ފަހު އެގްރިކަލްޗަ މިނިސްޓްރީން ވަނީ އެ ދަތުރު ކެންސަލްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ